Roadha Mihaaru
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

04 ޑިސެމްބަރ 2019

ބޮލީވުޑްގައި މިހާރު ކުރިއަރަމުން އަންނަ ޒުވާން ބަތަލާ ބޫމީ ޕެޑްނޭކަރު އަނެއްކާ ވެސް ބިރުވެރި ފިލްމަކަށް ސޮއިކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބޮލީވުޑްގައި މިހާރު ކުރިއަރަމުން އަންނަ ޒުވާން ބަތަލާ ބޫމީ ޕެޑްނޭކަރު އަނެއްކާ ވެސް ބިރުވެރި ފިލްމަކަށް ސޮއިކޮށްފި އެވެ.

ކަރަން ޖޯހަރު އަންނަ އަހަރު އެކްޓަރު ވިކީ ކޯޝަލްއާ އެކު ގެނެސްދޭ "ބޫތު-ޕާޓް ވަން: ދަ ހޯންޓެޑް ޝިޕް" ގެ ބަތަލާގެ ރޯލުން ވެސް ފެންނަ ބޫމީ އަލަށް ސޮއިކުރި ބިރުވެރި ފިލްމަކީ އަކްޝޭ ކުމާރާއި ބުޝަން ކުމާރުގެ އިތުރުން ވިކްރަމް މަލްއުތުރާ ޕްރޮޑިއުސަރެއްގެ ގޮތުގައި ހިއްސާވާ "ދުރުގާވަތީ" އެވެ.

އަންނަ މަހުގެ ތެރޭގައި ޝޫޓިން ފަށާ ފިލްމު ރަސްމީކޮށް އިއުލާންކުރި ނަމަވެސް މީގެ ބޮޑު ތަފުސީލެއް އަދި ހާމައެއްނުކުރެ އެވެ. "ދުރުގާވަތީ" ޑައިރެކްޓްކުރާނީ އަޝޯކެވެ.

ބޫމީ މިހާރު އަންނަނީ އޭނާގެ އެންމެ ފަހުގެ ފިލްމު ރިލީޒްކުރަން ތައްޔާރުވަމުންނެވެ. އެއީ ހުކުރު ދުވަހު ރިލީޒްކުރާ "ޕަތީ ޕަތުނީ އޯރް ވޯ" އެވެ.

މި އަހަރުގެ މިހާތަނަށް އޭނާ ފެނިގެން ދިޔަ ފިލްމުތަކުގެ ތެރޭގައި "ސޯންޗިރައްޔާ" އާއި "ބާލާ" ގެ އިތުރުން "ސާންޑް ކީ އާނކް" ހިމެނެ އެވެ.

މީގެ އިތުރުން ބޫމީ މުހިއްމު ރޯލެއް ކުޅެފައިވާ "ޑޯލީ ކިޓީ އޯރް ވޯ ޗަމަތުކޭ ސިތާރޭ" އޮކްޓޯބަރު މަހު ބޭއްވި 24 ވަނަ ބުސާން އިންޓަނެޝަނަލް ފެސްޓިވަލްގައި ޕްރިމިއާ ވެސްކޮށްފައިވެ އެވެ.

އެ ފިލްމު ރިލީޒްކުރާނެ ތާރީހެއް އަދި އިއުލާނެއްނުކުރެ އެވެ.

ޖޯންގެ "އެޓޭކް" އޮގަސްޓް 2020 ގައި

ޖޯން އަބްރަހަމްގެ އެކްޝަން ތުރިލާ "އެޓޭކް" އަންނަ އަހަރުގެ އޮގަސްޓް މަހުގެ 14 ގައި ސިނަމާތަކަށް ގެންނަން ނިންމައިފި އެވެ.

ލަކްޝް ރާޖްް އާނަންދު ޑައިރެކްޓްކުރާ މި ފިލްމުން ޖޯންއާ އެކު ބަތަލާއިންގެ ރޯލުން ފެނިގެންދާނީ ޖެކްލިން ފެނަންޑޭޒާއި ރަކުލް ޕްރީތު ސިންގެވެ. "އެޓޭކް" ވެގެން ދާނީ ޖޯންއާ އެކު ރަކުލް ކުޅޭ ފުރަތަމަ ފިލްމަށެވެ.

ޖޯންއާ އެކު ޖެކްލިން ވަނީ "ހައުސްފުލް 2" އާއި "ރޭސް 2" ގެ އިތުރުން "ޑިޝޫމް" ގައި މަސައްކަތްކޮށްފަ އެވެ.

އަންނަ އަހަރު ރިލީޒްކުރާ ޖޯންގެ ފިލްމުތަކުގެ ތެރޭގައި "މުމްބާއީ ސާގާ" އާއި "ސަތިޔަމޭޖް ޖަޔަތޭ 2" ވެސް ހިމެނެ އެވެ.

"މުންނާ ބަދުނާމް ހުއާ" ދައްކާލައިފި

އަހަރުގެ އެންމެ ވަރުގަދަ އައިޓަމް ލަވައަށްވެގެން ދާނެ ސަލްމާން ޚާންގެ އާ ފިލްމު "ދަބަންގް 3" ގެ އައިޓަމް ލަވަ "މުންނާ ބަދުނާމް ހުއާ" ދައްކާލައިފި އެވެ.

ފޯރިގަދަ ނެށުންތަކެއް ފެނިގެންދާ މި ލަވައިގައި ހަރަކާތްތެރި ވަނީ ސަލްމާނާއި ފިލްމުގެ ޑައިރެކްޓަރު ޕްރަބޫދޭވާގެ އިތުރުން ސަލްމާން މިދިޔަ އަހަރު ޕްރޮޑިއުސްކުރި ފިލްމު "ލަވްޔާތުރީ" އިން ބޮލީވުޑަށް ތައާރަފުވި ވަރީނާ ހުސައިނެވެ.

މި މަހުގެ 20 ގައި ރިލީޒްކުރާ "ދަބަންގް 3" ގެ އައިޓަމް ލަވަ "މުންނާ ހުއާ ބަދުނާމް" އަކީ މި ސީރީޒްގެ ފުރަތަމަ ފިލްމު 2010 ގެ "ދަބަންގް" ގައި ހިމެނޭ "މުންނީ ބަދުނާމް ހުއީ" ގެ ފިރިހެން ވާޝަނެވެ. ލަވަކިޔާފައި ވަނީ ބާދްޝާ އާއި މަމްތާ ޝަރުމާގެ އިތުރުން ކަމާލް ޚާނެވެ.

"ދަބަންގް 3" ބަތަލާއިންނަކީ ސޮނާކްޝީ ސިންހާ އާއި އަލަށް ތައާރަފުވާ ސާއީ މުކަރްޖީ އެވެ.

"ސަބާޝް މިތޫ" އަށް ތާޕްސީ ސޮއިކޮށްފި

އިންޑިއާގެ މަޝްހޫރު އަންހެން ކްރިކެޓް ތަރި މިތާލީ ރާޖްގެ ވާހަކަ ކިޔައިދޭ ފިލްމަށް ބަތަލާ ތާޕްސީ ޕައްނޫ ސޮއިކޮށްފި އެވެ.

ފިލްމުގެ ޓައިޓްލް ރޯލް ކުޅެން ތާޕްސީ ހަމަޖެއްސި އިރު، ފިލްމުގެ ނަމަކަށް ހަމަޖައްސާފައި ވަނީ "ޝަބާސް މިތޫ" އެވެ. ވަޔަކޮމް 18 ސްޓޫޑިއޯސް އިން ޕްރޮޑިއުސްކުރާ ފިލްމު ޑައިރެކްޓްކުރަނީ ރާހުލް ދޮލާކިއާ އެވެ. އޭނާ އެންމެ ފަހުން ގެނެސްދިން ހިންދީ ފިލްމަކީ 2017 ގައި ޝާހްރުކް ޚާން ކުޅުނު "ރައީސް" އެވެ.

"ޝަބާޝް މިތޫ" ގެ އިތުރުން ތާޕްސީ އަތުގައި މިހާރު ވެސް އިތުރު ކުޅިވަރު ޝަހުސިއްޔަތެއްގެ ބައޮގްރަފިކަލް ޑްރާމާއެއް އެބައޮތެވެ. އެއީ ގުޖުރާތަށް އުފަން ދުވުންތެރިޔާ ރާޝްމީގެ ވާހަކަ ކިޔައިދޭ "ރާޝްމީ ރޮކެޓް" އެވެ.

އަންނަ އަހަރު ރިލީޒްކުރާ މި ފިލްމަކީ ރޯނީ ސްކޫރޫވާލާ ޕްރޮޑިއުސްކޮށް، އާކާޝް ކްރާނާ ޑައިރެކްޓްކުރާ ފިލްމެކެވެ.