Roadha Mihaaru
ކުއްތާއަށް ކާންދިނުމުން ތިން ލައްކަ ރުޕީސްގެ ޖޫރިމަނާ

ކުއްތާ އަށް ކާންދިނުމުން ތިން ލައްކަ ރުޕީސްގެ ޖޫރިމަނާއެއް

17 އެޕްރީލް 2019

މީހުން ދިރިއުޅޭ ސަރަހައްދެއްގެ ތެރޭގައި ވަގު ކުއްތާތަކަކަށް ކާން ދިނުމުން އިންޑިއާގެ އަންހެނަކު ޖޫރިމަނާކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މީހުން ދިރިއުޅޭ ސަރަހައްދެއްގެ ތެރޭގައި ވަގު ކުއްތާތަކަކަށް ކާން ދިނުމުން އިންޑިއާގެ އަންހެނަކު ޖޫރިމަނާކޮށްފި އެވެ.

އެ ގައުމުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އުތުރު މުމްބާއީގެ ކަންޑިވާލީގެ ނިސާގް ހެވެން ސޮސައިޓީ (އެންއެޗްއެސް) ތެރޭގައި ވަގު ކުއްތާތަކަށް ކާން ދީގެން 3.60 ލައްކަ ރުޕީސް އިން ޖޫރިމަނާކުރީ އެޑްވަޓައިޒިން އެޖެންސީއެއްގައި މަސައްކަތްކުރާ ނޭހާ ދަތުވާނީ ކިޔާ އަންހެނެކެވެ.

މިކަމާ ބެހޭ ގޮތުން އެންއެޗްއެސްގެ ޗެއާމަން މިތޭޝް ބޯރާ އޭޝިއަން ނިއުސް އިންޓަނެޝަލް (އަނީ) އަށް ބުނީ ވަގު ކުއްތާ، އާންމު ސަރަހައްދުތަކަށް ވެއްދުމަކީ އެ ތަނުގައި ދިރިއުޅޭ އާބާދީގެ ބޮޑު ބައެއްގެ އިއްތިފާގުވެގެން މަނާކޮށްފައި އޮންނަ އުސޫލެއް ކަމަށެވެ. އަދި އެކަމަކީ ސާފުތާހިރުކަމާއި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ވެސް އަމަލު ކުރާ އުސޫލެއް ކަމަށް ބުންޏެވެ.

"ވަގުކުއްތާތައް ނޭބަހުޑްތެރެއަށް ވަދެ ވައްވައް ޖަހައި، ބަދުވަސްވީ މީހުންނާއި ކުޑަކުދިން ވެސް އެ އެއްޗެހީގެ ހަމަލާތަކުގެ ޝިކާރައަކަށް ވެސް ވޭ. އެހެންވެ ވަގުކުއްތާތައް ނޭބާހުޑް ތެރެއަށް ވެއްދުން މަނާކޮށްފައި އޮންނަނީ،" މިތޭޝް ބުންޏެވެ. "މި އުސޫލާ ހިލާފަށް އަންހެން މީހާ ތަކުރާރުކޮށް އަމަލު ކުރާތީ އޭނާ ޖޫރިމަނާ ކުރީ."

އޭނާ ބުނި ގޮތުގައި މިއީ ޖަނަވާރުންނާ ދޭތެރޭ އިހާނެތިކޮށް އަމަލުކޮށް، އެ އެއްޗެހީގެ ހައްގުތައް ނިގުޅައިގަތުމަށް ކުރާ ކަމެއް ނޫނެވެ.

"މި ސޮސައިޓީ ތެރޭގައި އެބައުޅޭ އޮޅުކޮށްގެން ވެސް ކުއްތާ ގެންގުޅޭ މީހުން. އަދި އެކަމަކީ ހިތްވަރު ވެސް ދޭ ކަމެއް. އެކަމަކު ހަމަޖެހިފައި އޮންނަ އުސޫލަކާ ދެކޮޅަަށް އެއްވެސް ބަޔަކު ކަމެއް ކުރާ ނަމަ ފިޔަވަޅު އަޅާނެ،" މިތޭޝް ބުންޏެވެ. "އަދި ކުއްތާތައް ވެއްދުން މަނާކޮށްފައި އޮންނަ ސަރަހައްދު ނޫން ދިމަދިމާލުގައި އެ އެއްޗިއްސަށް ކާން ދިނުމަކީ އެއްވެސް މައްސަލައެއް ނޫން."

މި މައްސަލާގައި ނޭހާ ބުނީ ކުއްތާތަކަށް ކާން ދޭ މައްސަލާގައި އެންއެޗްއެސް އިން ބޮޑު އަދަދުން މީހުން ޖޫރިމަނާ ކުރާތީ މި މައްސަލަ ޖަނަވާރުންގެ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތަކަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި މައްސަލަ ރިޕޯޓް ކުރުމުން ޖޫރިމަނާކުރުން ހުއްޓައިލި ވެސް ކަމަށެވެ.

"އެކަމަކު އަނެއްކާ ވެސް ތާކުން ކުރެ ތާކު ނުޖެހޭ އެ އުސޫލަށް ދަނީ އަމަލު ކުރަމުން. އަދި މިކަން ހުއްޓުވަން އެކަށީގެންވާ މަސައްކަތެއް ވެސް ނުކުރެވޭ،" ނޭހާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި ކާން ދެނީ ވަގު ކުއްތާތަކަށް ނޫނެވެ.

"އެއީ މި ނޭބަހުޑް ތެރެއަށް އުފަންވި ކުއްތާތަކެއް. އަހަރެން އެ އެއްޗިއްސަށް ކާން ދެނީ އިންސާނިއްޔަތުގެ ގޮތުން،" ނޭހާ ބުންޏެވެ. "އެހެންވީމާ ޖޫރިމަނާ ވެސް ނުދައްކާނަން. އަދި ބޭނުން ވަނީ މި ނޫން ތަނަކަށް ދިރިއުޅުން ބަދަލު ކުރަން."