Roadha Mihaaru
ކުއްތާއަކަށް އަނިޔާކުރި މީހަކު "ސައިޒްކުރީ" ގެރިއެއް

ކުއްތާއަކަށް އަނިޔާކުރި މީހަކު "ސައިޒްކުރީ" ގެރިއެއް

02 ނޮވެމްބަރ 2021

މީހަކު ކުއްތާއެއްގެ ކަރުގައި ހިފައި މައްޗަށް ނަގައި ދަމައި އަނިޔާ ކުރަނިކޮށް، އެކަމުން ކުއްތާ ސަލާމަތްކޮށް، އަނިޔާކުރި މީހާ އަށް ގެރިއަކު ހަމަލާ ދޭ މަންޒަރު ފެންނަ ވީޑިއޯއަކަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓިއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މީހަކު ކުއްތާއެއްގެ ކަރުގައި ހިފައި މައްޗަށް ނަގައި ދަމައި އަނިޔާ ކުރަނިކޮށް، އެކަމުން ކުއްތާ ސަލާމަތްކޮށް، އަނިޔާކުރި މީހާ އަށް ގެރިއަކު ހަމަލާ ދޭ މަންޒަރު ފެންނަ ވީޑިއޯއަކަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓިއްޖެ އެވެ.

ޓްވިޓާގައި ދައުރުވެފައިވާ އެ ވީޑިއޯގައި ފެންނަނީ ރަށްފުށުގެ ހިސާބެއްގައި މީހަކު ކުއްތާއަކަށް އަނިޔާކުރާ އިރު، އޭތި ބާރަށް ހަޅޭއްލަވާ ތަނެވެ. ނަމަވެސް އެކަމަށް ފަރުވާލެއް ނުބަހައްޓައި ތަކުރާރުކޮށް ކުއްތާ އަށް އަނިޔާ ކުރަނިކޮށް ކުއްލިއަށް ގެރިއެއް އައިސް އޭގެ ތުންގަނޑުން ކުއްތާ ދުރަށް ޖައްސާލައި، އަނިޔާކުރި މީހާ އަށް ހަމަލާދޭ ތަން ފެނެ އެވެެ. އަދި އެ މީހާ ބިންމައްޗަށް ވެއްޓިފައި އޮންނަ އިރު ވެސް ގެރި ހަމަލާ ދެމުންދާ އިރު، މަންޒަރު ބަލަން ތިބި ބަޔަކު ހަޅޭއްފަޅޭއް ޖަހާ އަޑު އިވެ އެވެ.

މި ވިޑިއޯ ގިނަ ބައެއްގެ ސަމާލުކަމަށް އައި އިންޑިއަން ފޮރެސްޓް ސާވިސް (އައިއެފްއެސް) ގެ މެމްބަރެއް ކަމަށްވާ ސުސަންތާ ނަންތާ ކެޕްޝަނަކަށް "ކަރުމާ" ޖަހާފައި ވީޑިއޯ ޕޯސްޓް ކުރުމުންވެ. އެއާ އެކު އެ ވީޑިއޯ އެތައް ބަޔަކު ޝެއާކޮށް، ލައިކްކޮށް ކޮމެންޓް ވެސް ކޮށްފައިވެ އެވެ.

ގިނަ މީހުން ބުނީ ގެރީގެ ފަރާތުން ފެނުނީ އޯގާތެރިކަމުގެ ސިފަ ކަމަށާއި ކުއްތާ އަށް އަނިޔާކުރި މީހާ އަށް މިހާރު ރަނގަޅު ފިލާވަޅެއް ލިބިފައި ހުންނާނެ ކަމަށެވެ.

އެއް ބަޔަކު ބުނީ ޖަނަވާރަކަށް އަނިޔާކުރާ މަންޒަރު ބަލަން އެހެން ޖަނަވާރަކަށް ވެސް ކެތެއް ނުވާނެ ކަމަށެވެ. އަދި އިންސާނެއްގެ ފަރާތުން އެހާ ރަހުމްކުޑަ އަމަލެއް ފެނުމަކީ ވަރަށް ދެރަވަރު ކަމެއް ކަމަށާއި އެފަދަ މީހުންނަށް އިންސާނުންނޭ ވެސް ކިޔަން ހެޔޮނުވާނެ ކަމަށެވެ.

ގިނަ ބަޔަކު އިއްތިފާގުވި ގޮތުގައި ކުއްތާ އަށް އަނިޔާކުރި މީހާ އަށް ލިބުނީ އޭނާ އަށް ހައްގު އަނިޔާ އެވެ.

ބައެއް މީހުން ވަނީ ވީޑިއޯ ކުރި މީހާ އެކަން ހުއްޓުވަން މަސައްކަތްކޮށް ނުކޮށް ވީޑިއޯ ކޮށްފައިވާތީ އޭނާ އަށް ވެސް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ. އަދި ވީޑިއޯ އިން ފެންނަ މަންޒަރުތަކަށް ބަލާ އިރު، ޖަނަވާރުންނަށް ވުރެ އިންސާނުންގެ ހާލު ދެރަ ކަމަށް ވެސް ކޮމެންޓްކުރި ބައެއް މީހުން ބުނެފައިވެ އެވެ.