Roadha Mihaaru
ދުނިޔޭގެ އެންމެ ރީތި ޖަޒީރާ ގައުމަކަށް ރާއްޖެ ހޮވިއްޖެ

ދުނިޔޭގެ އެންމެ ރީތި ޖަޒީރާ ގައުމަކަށް ރާއްޖެ ހޮވިއްޖެ

31 އޯގަސްޓް 2016

ދުނިޔޭގެ އެންމެ ރީތި ޖަޒީރާ ގައުމަކަށް ރާއްޖެ ހޮވި، ބައިނަލްއަގުވާމީ އެވޯޑެއް ލިބިއްޖެ އެވެ.

މަރިޔަމް ސާލިޔާ މަރިޔަމް ސާލިޔާ

ދުނިޔޭގެ އެންމެ ރީތި ޖަޒީރާ ގައުމަކަށް ރާއްޖެ ހޮވި، ބައިނަލްއަގުވާމީ އެވޯޑެއް ލިބިއްޖެ އެވެ.

ޓޫރިޒަމް ދާއިރާގެ ޚަބަރުތައް ގެނެސްދޭ މަޝްހޫރު މަޖައްލާ ކޮންޑޭ ނާސްޓް އިން ދޭ ރީޑާޒް ޓްރެވަލް އެވޯޑްސްގައި ރާއްޖެ އަށް މި ޝަރަފު ލިބިފައިވަނީ ގްރީކް އައިލެންޑްސް އާއި ބެލެރިކް އައިލެންޑްސް އާއި ސީޝެލްސްއާ ވާދަކޮށްގެންނެވެ.

ލަންޑަނުގެ ހެމް ޔާޑު ހޮޓަލުގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި މި އެވޯޑާ ހަވާލުވެވަޑައިގަތީ، އެމްއެމްޕީއާރުސީން މިއަދު ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، އިނގިރޭސިވިލާތުގައި ހުންނަވާ ރާއްޖޭގެ ސަފީރު އަހުމަދު ޝިއާން އެވެ.

މީގެ އިތުރުން، ރާއްޖޭގެ ވަން އެންޑް އޮންލީ ރީތި ރަށް ރިސޯޓަށް ވެސް ވަނީ ދެ ކެޓަގަރީއަކުން އެކި ވަނަތައް ލިބިފަ އެވެ. އެއީ އެންމެ ރަނގަޅު ސްޕާގެ އެވޯޑާއި އިންޑިއާ ކަނޑާއި އެފްރިކާ އަދި މެދުއިރުމަތީގެ އެންމެ ހިތްގައިމު ހޮޓަލުގެ ކެޓަގަރީން ދެވަނަ އެވެ.

މި ކާމިޔާބީތަކާ ގުޅިގެން ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެފައި ވަނީ ބަޔާނުގައިވާ ގޮތުގައި، މިއީ އެމްއެމްޕީއާރުސީ އާއި ލަންޑަނުގައި ހުންނަ ދިވެހި ހައި ކޮމިޝަން ގުޅިގެން ކުރި ބުރަ މަސައްކަތުގެ ނަތީޖާ ކަމަށެވެ.

"އަޅުގަނޑުމެން މިތިބީ ދުނިޔޭގެ އެންމެ ރައްކާތެރި އަދި އެންމެ ގިނަ ބަޔަކު ހިޔާރުކުރާ މަންޒިލުގެ ގޮތުގައި ރާއްޖެ ދެމެހެއްޓުމުގެ މަސައްކަތުގައި،" މިނިސްޓަރު ވިދާޅުވެފައިވެ އެވެ.

މަތީ ފަންތީގެ ޓޫރިސްޓުންގެ މެދުގައި އެންމެ މަގުބޫލު މަޖައްލާ، ކޮންޑޭ ނާސްޓް އިން ރީޑާޒް ޓްރެވަލް އެވޯޑްސް ދެނީ އެ މަޖައްލާ ކިޔާ ފަރާތްތަކުގެ މެދުގައި ނަގާ ވޯޓަކުންނެވެ.

ޔޫރަޕްގެ ގައުމުތަކުން ރާއްޖެ އަންނަ ޓޫރިސްޓުން މަދުވެފައި އޮތުމަށް ފަހު އެ މާކެޓް ވަނީ ރަނގަޅު ވާން ފަށާފަ އެވެ. އެގޮތުން، މި އަހަރުގެ މިހާތަނަށް 16،000 އަށް ވުރެ ގިނަ އިނގިރޭސިން ރާއްޖެ އައި ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 10 ޕަސެންޓުގެ އިތުރު އަދަދެކެވެ.