Roadha Mihaaru
ފޭރުމުގެ މައްސަލަތައް އެންމެ ގިނައީ ހެންވޭރުގައި

ފޭރުމުގެ މައްސަލަތައް އެންމެ ގިނައީ ހެންވޭރުގައި: ފުލުހުން

18 އެޕްރީލް 2019

މާލޭގައި ފޭރުން އެންމެ ގިނައީ ހެންވޭރުގައި ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

މާލޭގައި ފޭރުން އެންމެ ގިނައީ ހެންވޭރުގައި ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ފުލުހުން ބޭއްވި ނިއުސް ބްރީފިންއެއްގައި، ތަފާސްހިސާބުގެ އަލީގައި ބުނީ ފޭރުމުގެ 22 ޖަރީމާއެއް މިދިޔަ މަހުގެ ނިޔަލަށް ހިންގާފައިވާ ކަމަށެވެ.

ފޭރުމުގެ ރެކޯޑުގައި ދެވަނައިގައި އުޅެނީ މާފަންނެވެ. މާފަންނުން 18 މައްސަލަ، ގަލޮޅުން 14 މައްސަލަ، މައްޗަންގޮޅިން 10 މައްސަލަ މިދިޔަ ތިން މަސްތެރޭގައި ހުށަހަޅާފައިވާ ކަމަށް ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމެންޓްގެ ހެޑް، ޗީފް އިންސްޕެކްޓަރު އޮފް ޕޮޮލިސް އިސްމާއިލް ނަދީމް ވިދާޅުވި އެވެ.

"ފާހަގަ ކުރެވޭ މައްސަލަތައް ހިނގާފައިވާ ގޮތުގެ ތެރޭގައި މަގުން ހިނގާއިރު، ސައިކަލް ދުއްވާއިރު ފޯނާއި އަތް ދަބަސް ފޭރިގަންނަން ފާސޭހަވާ ގޮތަށް ގެންގުޅުން. ވަރަށް މުހިންމު ފޯން ކޯލެއް ކުރަން ކަމަށް ބުނެ ފޯނު އަތުލައިގެން ފޯނު ހިފައިގެން ފިލުން. އޮންލައިންކޮށް ފޯނު ވިއްކާ ފަރާތްތައް ފޯނު ގަންނާނެ ކަމަށް ބުނެ ފޯނު ޖަހައިގަނެގެން ފިލުން. މީހުން މަދު ހިސާބުތަކުގައި އެކަހެރިކޮށް ތިބޭ މީހުންނަށް ބިރުދައްކައި ފޭރުން. ވަކި މީހެއްގެ ފޮޓޯތަކެއް ފޯނުގައި ހުރި ކަމަށާއި އެކަން ބަލަން ބޭނުންވާ ކަމަށް ބުނެ ބިރު ދައްކައި ލޮކް ކޯޑް ވެސް ހޯދައި ފޯނު ދިނުމުން ފޯން ހިފައިގެން ފިލުން،" ފޭރުމުގެ ޖަރީމާތައް ހިންގާ ގޮތުގެ ތަފުސީލް ދެއްވަމުން ނަދީމް ވިދާޅުވި އެވެ.

ފޭރުމުގެ ތަފާސްހިސާބު (މިދިޔަ ތިން މަސް)

- އެންމެ ގިނައިން ފޭރުނީ ހެންވޭރުން (22 މައްސަލަ ފުލުހުންނަށް ހުށަހެޅި)

- ދެވަނަ އަށް އެންމެ ގިނައިން ފޭރުނީ މާފަންނުން (18 މައްސަލަ)

- ތިންވަނަ އަށް އެންމެ ގިނައިން ފޭރުނީ ގަލޮޅުން (14 މައްސަލަ)

- ހަތަރުވަނައިގައި އުޅެނީ މައްޗަންގޮޅި (10 މައްސަލަ)

- ފޭރުމުގެ މައްސަލަ އެންމެ ބޮޑީ އާޓިފިޝަލް ބީޗުގެ އެތެރެ އާއި އިންޑަސްޓްރިއަލް ޒޯނާއި ފަތާ ޓްރެކް އަދި އުސްފަސްގަނޑު ސަރަހައްދުގައި.

އޭނާ ވިދާޅުވީ، ރާއްޖޭގައި ފަހަކަށް އައިސް ފޭރުމުގެ މައްސަލަތަކުގެ ތެރޭގައި ގިނައީ ރޭވުންތެރިކަމެއް ނެތި، ފުރުސަތު ލިބުމުން ފޭރިފައި ހުންނަ ކަންކަމެވެ.

އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުމުގައި ނަދީމް ވިދާޅުވީ މިދިޔަ މަހުގެ ނިޔަލަށް އެ ޑިޕާޓްމަންޓަށް ފޭރުމުގެ 71 މައްސަލައެއް ލިބިފައިވާ ކަމަށެވެ. އަދި އެ މައްސަލަތަކުގައި އެކިއެކި އުމުރުފުރައިގެ 11 މީހަކު ހައްޔަރުކުރި ކަމަށް އޭނާ ވިދާޅުވި އެވެ.

އެންމެ ގިނައިން ހުށަހަޅާފައި ވަނީ ހަތިޔާރެއް ނެތި ސައިކަލުގައި ދަމުން މޯބައިލް ފޯނު ފޭރިގެންފައިވާ މައްސަލަތަައް ކަމަށާއި މިފަދަ 43 މައްސަލައެއް ލިބިފައިވާ ކަމަށް ނަދީމް ވިދާޅުވި އެވެ.

ދެ ވަނަ އަށް އެންމެ ގިނައިން ހުށަހަޅާފައި ވަނީ ހަތިޔާރު ނެތި ސައިކަލުގައި ދަމުން ވޮލެޓު ނުވަތަ އަތް ދަބަސް ފަދަ ތަކެތި ފޭރުމުގެ މައްސަލަތައް ކަމަށާއި މިފަދަ އަށް މައްސަލައެއް ހުށަހެޅި ކަމަށް ވިދާޅުވި އެވެ.

"މި މުއްދަތުގެ ތެރޭގައި ތަހުގީގު ފުރިހަމަ ކުރުމަށް ފަހު، ދައުވާކޮށް ދިނުމަށް އެދި ހަތަރު މައްސަލައެއް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ވާނީ ފޮނުވާފައި،" ނަދީމް ވިދާޅުވި އެވެ.

ފޭރުމުގެ މައްސަލަތައް އެންމެ ބޮޑީ އާޓިފިޝަލް ބީޗުގެ އެތެރެ ހިމެނޭ ސަރަހައްދާއި އިންޑަސްޓްރިއަލް ޒޯނުގެ ސަރަހައްދާއި ފަތާ ޓްރެކް ސަރަހައްދު އަދި އުސްފަސްގަނޑު ސަރަހައްދު ކަމަށް ވެސް ނަދީމް ވިދާޅުވި އެވެ.