Roadha Mihaaru
ގްރީން ބެލްގެ ފައިސާ ވަތްގަނޑު ވަގަށް ނަގައިފި

ގްރީން ބެލްގެ ފައިސާ ވަތްގަނޑު ވަގަށް ނަގައިފި

19 އެޕްރީލް 2019

ގްރީން ބެލް ރެސްޓޯރަންޓުގެ ކައުންޓަރުގައި ހުރި ފައިސާ ވަތްގަނޑު ބަޔަކު މިއަދު ވަގަށް ގެންގޮސްފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ގްރީން ބެލް ރެސްޓޯރަންޓުގެ ކައުންޓަރުގައި ހުރި ފައިސާ ވަތްގަނޑު ބަޔަކު މިއަދު ވަގަށް ގެންގޮސްފި އެވެ.

ފަރީދީ މަގުން އެމްއެޗްއޭ ކުރިމަތީގައި ކަހަލަ ގޮތަކަށް ހުންނަ ރެސްޓޯރަންޓުން ވާހަކަ ދެއްކި މީހަކު މިރޭ ބުނީ، އެތަނުގެ ފައިސާ ވަތްގަނޑު ބަޔަކު ވަގަށް ގެންދިޔައީ ގާތްގަނޑަކަށް 5،000ރ. އާ އެކު ކަމަށެވެ.

ގްރީން ބެލް ރެސްޓޯރަންޓުން ވައްކަން ކުރާ މަންޒަރު ފެންނަ ސީސީ ޓީވީ ފުޓޭޖެއް ވެސް އެ ރެސްޓޯރަންޓްގެ ސޯޝަލް މީޑިއާ އެކައުންޓުތަކުން ކުރިން އާންމުކުރި އެވެ. އެކަމަކު، ފަހުން ވަނީ އެ ވީޑިއޯތައް ސޯޝަލް މީޑިއާ އިން ނަގައިފަ އެވެ.

އެ ވީޑިއޯ އިން ފެންނަ ގޮތުގައި ވަތްގަނޑު ވަގަށް ނެގި އިރު ރެސްޓޯރަންޓުގެ އެއްވެސް މުވައްޒަފަކު ކައުންޓަރު ކައިރީގައި ނެތެވެ. އެކަމަކު، އެއީ އެތަން ހުޅުވާފައި ހުރި ވަގުތެއް ކަމަށް ބެލެވެ އެވެ.

އެކަމާ ގުޅޭ ގޮތުން ފުލުހުންގެ ބަހެއް އަދި ނުލިބެ އެވެ.

މާލޭގައި ފޭރުމާއި ވައްކަން މިދިޔަ ތިން މަހެއްހާ ދުވަހު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. ބޮޑެތި އަދަދުތަކުން ފައިސާ ފޭރިފައިވާއިރު، ފުލުހުން ވަނީ އޭގެ ތެރެއިން ބައެއް މައްސަލަތަކުގައި ފޭރުނު ފައިސާ ހޯދައިފަ އެވެ.