Roadha Mihaaru
ހިތުހުރި ގޮތަކަށް ޕެސްޓިސައިޑް ބޭނުންކުރުމުގެ އަގު

ހިތުހުރި ގޮތަކަށް ޕެސްޓިސައިޑް ބޭނުންކުރުމުގެ އަގު

25 އެޕްރީލް 2019

ދަނޑުވެރިކަމުގައި ކެމިކަލް ޕެސްޓިސައިޑް ބޭނުންކުރުން ރާއްޖޭގައި ހައްދުން ނައްޓާފައި އޮތީ ކޮންޓްރޯލްކުރުމުގެ މާ ބޮޑު ފިޔަވަޅެއް ނެތި އެވެ. އޭގެ ގެއްލުންތައް ފޯރާފައި ހުރި މިންވަރެއް ކަށަވަރުން އެނގޭކަށް ވެސް ނެތެވެ. އެކަމަކު ދަނޑުގޮވާންކުރުމުގެ އާދަތައް ހުރީ އިންސާނުންގެ ސިއްހަތަށާއި އެހެނިހެން ދިރޭއެއްޗެއްސާއި ތިމާވެއްޓަށް ވެސް އިންތިހާ އަށް ނުރައްކާތެރި ގޮތްގޮތަށް ކަމާ މެދު ޝައްކެއް ނެތެވެ.

އާސިޔަތު މުހައްމަދު ސައީދު އާސިޔަތު މުހައްމަދު ސައީދު

ދަނޑުވެރިކަމުގައި ކެމިކަލް ޕެސްޓިސައިޑް ބޭނުންކުރުން ރާއްޖޭގައި ހައްދުން ނައްޓާފައި އޮތީ ކޮންޓްރޯލްކުރުމުގެ މާ ބޮޑު ފިޔަވަޅެއް ނެތި އެވެ. އޭގެ ގެއްލުންތައް ފޯރާފައި ހުރި މިންވަރެއް ކަށަވަރުން އެނގޭކަށް ވެސް ނެތެވެ. އެކަމަކު ދަނޑުގޮވާންކުރުމުގެ އާދަތައް ހުރީ އިންސާނުންގެ ސިއްހަތަށާއި އެހެނިހެން ދިރޭއެއްޗެއްސާއި ތިމާވެއްޓަށް ވެސް އިންތިހާ އަށް ނުރައްކާތެރި ގޮތްގޮތަށް ކަމާ މެދު ޝައްކެއް ނެތެވެ.

"ޕެސްޓިސައިޑްސްއަކީ އެ އެއްޗެހި ބޭނުންކުރަން އޮންނަ ގޮތަށް އަދި އެ މިންވަރަށް ބޭނުންކުރަންޏާ ނުރައްކާތެރި އެއްޗެއް ނޫން. އެކަމަކު ރާއްޖޭގައި އެފަދަ އިރުޝާދުތަކަކަށް ނުބަލާ. ހަފްތާއަކު އެއް ފަހަރު ޖަހާށޭ ބުނެފައި ހުންނަ އެތި ޖަހާފާނެ ކޮންމެ ދުވަހަކު ވެސް،" ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީގެ ޕާމަނެންޓް ސެކްރެޓަރީ އަދި ދަނޑުވެރިކަމުގެ ފަންނީ ތަޖުރިބާކާރު ޑރ. އާމިނަތު ޝާފިއާ ވިދާޅުވި އެވެ.

ޕެސްޓިސައިޑް ނައްތާލުމާއި ރާއްޖެ އަށް އެތެރެކުރުމުގައި ވެސް އިހުމާލާއި، މަކަރުހެދުމެވެ.

"އިމްޕޯޓްކުރަން ނޯ އޮބްޖެކްޝަން ލެޓާ ހޯދަން ހުށަހެޅީމާ، ގާނޫނީ ބިންގަލެއް ނެތި އަޅުގަނޑުމެން މި ބުނަނީ މިވެނި އެއްޗެއް އެތެރެ ނުކުރާށޭ ނުވަތަ ހުއްދައެއް ނުދޭނަމޭ. އެހެން ބުނީމާ ދެން އެ އެއްޗެހި ގެންނާނީ ފުޅިއަކަށް އަޅާފައި އެހެން ނަމެއް ޖަހައިގެން. އެ ހިސާބަށް އެބަ ދޭ މީހުންގެ އަމަލުތައް،" އަމިއްލަ އަށް އެއްޗެހި އެތެރެކުރާ ބައެއް ދަނޑުވެރިން، ކަން ކުރާ ގޮތް ޑރ. ޝާފިއާ ކިޔައިދެއްވި އެވެ.

"ގުޑް އެގްރިކަޗަރަލް ޕްރެކްޓިސަސް ތައާރަފްކޮށް ކެމިކަލް ބޭނުންކުރުން މަދުކުރެވޭނެ ދަނޑުވެރިކަމުގެ ނިޒާމަށް" އަމާޒު ހިފަން މި ސަރުކާރުން ވައުދުވެފައިވާ އިރު ޕެސްޓިސައިޑާ ބެހޭ ގާނޫނެއް ތައާރަފްކުރަން ރައްޔިތުންގެ މަޖިލީހަށް ބިލެއް ވަނީ ހުށަހަޅައިފަ އެވެ. އަދި ދަނޑުވެރިކަމުގެ އެހެނިހެން އުސޫލުތައް ކަނޑައަޅަން ދަނޑުވެރިކަމުގެ ބިލު ވެސް އެޓާނީ ޖެނެރަލްގެ އޮފީހަށް ފޮނުވައިފައިވާ ކަމަށް އެގްރިކަލްޗާ މިނިސްޓްރީން ބުންޏެވެ.

ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ކުރަމުން އަންނަ އަންހެނުންފުށީގެ ދަނޑެއް

ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ކުރަމުން އަންނަ އަންހެނުންފުށީގެ ދަނޑެއް

ޕެސްޓިސައިޑާއި ކެންސަރުގެ ގުޅުން

ރެގިއުލޭޓް ނުކުރެވި ކެމިކަލް ޕެސްޓިސައިޑް ބޭނުންކުރުން ހައްދުފަހަނަޅައިގެން ދިޔަތާ އެތައް އަހަރެއް މި ފާއިތުވީ އާއްމުންގެ ބޮޑެތި ޝަކުވާތަކާއި ކަންބޮޑުވުންތަކާ އެކުގަ އެވެ. ކެންސަރު އާއްމުވުމުގެ އެއް ސަބަބަކީ ކާން ބޭނުންކުރާ ދަނޑުގޮވާމުގެ ބާވަތްތަކުގައި ކެމިކަލް ހުރުން ކަމަށް ގިނަ ބަޔަކު ލަފާކުރާ އިރު، ސިއްހީ މާހިރުން ވިދާޅުވާ ގޮތުގައި، އެއީ ހަގީގީ ނުރައްކަލެކެވެ.

ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ޝާހު މާހިރު ފާހަގަކުރައްވާ ގޮތުގައި ވަކި ހަމައެއް ނެތި ކެމިކަލް ޕެސްޓިސައިޑް ބޭނުންކުރުމަކީ ސިއްހީ ގެއްލުންތައް ބޮޑު ކަމެއްކަން ދިރާސާތަކުން ސާބިތުވެ އެވެ.

"ރާއްޖޭގައި ނެތް ޕްރޫވެން ސްޓަޑީޒް ހެދިފައެއް. ރާއްޖޭގައި އެއްވެސް ކަމެއް ޕްރޫވްކޮށްފައި އޮތުން ވަރަށް މަދުވާނެ. އެކަމަކު ބައިނަލްއަގުވާމީ ދިރާސާތަކަށް ބަލާ އިރު ހެކި އެބަހުރި، ޕެސްޓިސައިޑްސް ބޭނުންކުރަން ޖެހޭ ގޮތަށް ބޭނުން ނުކުރަންޏާ އޭގެ އަސަރު އިންސާނުންގެ ސިއްހަތަށް ފޯރާކަން،" އެހެން ގައުމުތަކުން ރާއްޖެ އަށް އެތެރެކުރާ ދަނޑުގޮވާމުގެ ބާވަތްތަކުގެ ރައްކާތެރިކަމާ މެދު ވެސް ކަންބޮޑުވުން ފާޅުކުރައްވަމުން އޭނާ ވިދާޅުވި އެވެ.

"އެއް ކަމަކީ އެކި ބާވަތުގެ ކެންސަރު، ހާއްސަކޮށް ގޮހޮރުގެ ކެންސަރު ޖެހުން. އަނެއް ކަމަކީ ހޯމޯނަލް އިމްބެލެންސް. ބައެއް ފަހަރު ޕެސްޓިސައިޑްސްގެ ވިހަ އަސަރުތައް ދަރިންނަށް ވާރުތަކުރުމުގެ ފުރުސަތު ވެސް އެބަ އޮވޭ. މިފަދަ ކަންކަން މެދުވެރިވަނީ ވަގުތުން ވަގުތަކަށް ނޫން. ގެއްލުން ފެނިގެންދާނީ ދުވަސްތަކެއް ފަހުން."

ޑރ. ޝާހު މާހިރު: ނުރައްކާ ކުރިމަތިވާނީ ކުއްލިއަކަށް ނޫން -- ފައިލް ފޮޓޯ: ނިޝާން އަލީ/ މިހާރު

ޑރ. ޝާހު މާހިރު: ނުރައްކާ ކުރިމަތިވާނީ ކުއްލިއަކަށް ނޫން -- ފައިލް ފޮޓޯ: ނިޝާން އަލީ/ މިހާރު

ޑރ. ޝާހު ވިދާޅުވި ގޮތުގައި ކެމިކަލް ޕެސްޓިސައިޑް މާ ގިނައިން ބިމު އަޑި އަށް ގޮސްގެން ފެން ފަށަލަ ތަޣައްޔަރުވުމަކީ، ވަޅު ފެން ބޭނުންކުރާ ރަށްރަށަށުގެ މީހުންނަށް އޮތް އިތުރު ނުރައްކަލެކެވެ.

ތިމާވެށީގެ ގެއްލުންތައް ވެސް ހުރިކަން އޭނާ ފާހަގަކުރެއްވި އެވެ.

"ސޮއިލްގައި ހުންނަން ޖެހޭ ގުދުރަތީ ބެލެންސް ހިފަހައްޓައިދޭ ރަނގަޅު ބެކްޓީރިއާ ވެސް މަރުވެގެންދޭ މާ ގިނައިން މިފަދަ ކެމިކަލްސް ބޭނުންކުރީމާ،" ޑރ. ޝާހު ވިދާޅުވި އެވެ.

ދަނޑުވެރިކަމުގައި ބޭނުންކުރާ ކެމިކަލްތައް މާހައުލީ ނިޒާމަށް ފެތުރި އެއްގަމާއި ކަނޑުގެ ދިރުންތަކަށް އޭގެ ނޭދެވޭ އަސަރު ފޯރަމުންދާ ކަމުގެ ކަންބޮޑުވުންތައް ހުރި އިރު، ބައެއް މާހިރުން ދެކެވަޑައިގަންނަވާ ގޮތުގައި، ރާއްޖެ ވަނީ ދަނޑުވެރިކަން ދަމަހައްޓަން ނުކެޅެދޭ ފަދަ ހާލަތަކަށް ވެއްޓިފަ އެވެ.

"ފަސްގަނޑުތައް ހުރީ މަރުވެފައި،" ދަނޑުވެރިކަމަށް ހާއްސަ އިކޮލޮޖިސްޓެއް ކަމަށްވާ ޝާހިދާ ޒުބައިރު ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

"އާޓިފިޝަލް ގަސްކާނާ ބޭނުންކޮށް ގަސްގަހަށް ކެމިކަލް ސްޕްރޭ ޖަހަމުންދާލެއް ގިނަ ކަމުން ފަސްގަނޑުތަކުގައި މިހާރު ދިރޭއެއްޗެއްސެއް ނެތް. ކެމިކަލް ޕެސްޓިސައިޑްގެ ސަބަބުން، ޕޮލިނޭޝަނަށް ބޭނުންތެރި ސޫފާސޫފި އެބަ ނެތިކޮށްލާ. ފެން ފަށަލަ ތަޣައްޔަރު އެބަ ވޭ. އަހަރެމެންގެ ސިއްހަތަށް އެބަ ނުރައްކާވޭ."

ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅިއެއްގައި ކަރާ ވިއްކަނީ: މޭވާ އާއި ތަރުކާރީ ހައްދަން ކެމިކަލް ބޭނުންކުރޭ --ފައިލް ފޮޓޯ: ނިޝާން އަލީ /މިހާރު

ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅިއެއްގައި ކަރާ ވިއްކަނީ: މޭވާ އާއި ތަރުކާރީ ހައްދަން ކެމިކަލް ބޭނުންކުރޭ --ފައިލް ފޮޓޯ: ނިޝާން އަލީ /މިހާރު

ސަބަބަކީ ކޮބާ؟

ޕެސްޓިސައިޑް ބޭނުންކުރުމުގެ އުސޫލުތަކެއް ގާނޫނަކުން ކަނޑައަޅާފައި ނެތުމަކީ މައްސަލައިގެ އަސްލެއް ކަމަށް ބެލިދާނެ އެވެ. ދަނޑުތަކުގައި ކަން ހިނގާ ގޮތް ބަލައި ނޭދެވޭ އަމަލުތައް ހުއްޓުވަން މަސައްކަތެއް ނުކުރާ ކަމުގެ ފާޑުކިޔުން ސަރުކާރަށް އަބަދުވެސް އޮވެ އެވެ.

އެގްރިކަލްޗަ މިނިސްޓްރީން ފާހަގަކުރާ ގޮތުގައި މި ކަހަލަ ކަމެއް މޮނިޓަކުރުމަކީ މަރުކަޒީ މުއައްސަސާއަކަށް ކުރެވޭނެ ކަމެއް ނޫނެވެ؛ އެންމެ އެކަށީގެންވާ ގޮތަކީ ރަށު ކައުންސިލްތަކުން އެ ދައުރު އަދާކުރުމެވެ. އެ ނިޒާމު ގާއިމްކުރަން މަސައްކަތްކުރަމުންދާ ކަމަށް ޑރ. ޝާފިއާ ވިދާޅުވި އެވެ. އެކަމަކު އޭނާ ވިދާޅުވީ އެކަމުގައި ގޮންޖެހުންތައް ގިނަ ކަމަށެވެ. ދަނޑުވެރިކަން މޮނިޓަކުރުމުގެ ގާބިލްކަން ކައުންސިލްތަކަށް ހޯދައިދޭން ތަމްރީން ފުރުސަތުތައް ހުޅުވާލިޔަސް ޝައުގުވެރިކަން ކުޑަކަން އޭނާ ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެންގެ ޕްލޭނަކީ މިކަން ކުރަން އެނގޭ މީހުން ކައުންސިލްތަކުގައި ތިބުން. އެއީ ދަނޑުވެރިންނަށް އެ ރަށަކުން އެހީތެރިކަން ފޯރުކޮށްދީ އަދި މޮނިޓަކުރަން ތިބޭނެ ބައެއް،" ޑރ. ޝާފިއާ ވިދާޅުވި އެވެ.

ކަނޑޫދޫ މިރުސް ދަނޑެއް: ދަނޑުވެރިންނަށް ތަމްރީން ބޭނުންވޭ

ކަނޑޫދޫ މިރުސް ދަނޑެއް: ދަނޑުވެރިންނަށް ތަމްރީން ބޭނުންވޭ

މޮނިޓަ ނުކުރެވުނަސް، ރަނގަޅު އުސޫލުތަކަށް ދަނޑުވެރިން ތަމްރީންކުރުމުގެ ޕްރޮގްރާމްތައް އެގްރިކަލްޗަ މިނިސްޓްރީން ހިންގަ އެވެ. ޑރ. ޝާފިއާ ވިދާޅުވީ މިނިސްޓްރީގެ ގާބިލްކަން ހުރި މިންވަރުން ކޮންމެ އަހަރަކު ވެސް އެކި އަތޮޅުތަކުގައި ތަމްރީންތައް ކުރިއަށް ގެންދާ ކަމަށާއި ނަމަވެސް ބައިވެރިވާ މީހުންގެ ޝައުގުވެރިކަން ކުޑަކަމުން މަގްސަދު ރަނގަޅަށް ހާސިލް ނުވާ ކަމަށެވެ.

"ކޮންމެ އަހަރެއް ވެސް ފެށޭ އިރު އިއުލާންކުރާނެ ތަމްރީން ބޭނުންވާ ރަށްރަށުން އެޕްލައިކުރަން. އެޕްލައިކުރާ ރަށްރަށުގެ ތެރެއިން އަޅުގަނޑުމެން ހޮވާލަނީ ދަނޑުވެރިކަމުގެ ގޮތުން މުހިއްމު ރަށްރަށް. ދެން މަދުވެގެން 45 މީހުން ބައިވެރިވާން ޖެހޭނެއޭ ބުނީމަ އެ ގޮތަށް އެޕްލައިކޮށްފައި ހުންނާނީ. އެކަމަކު ޓްރެއިނިން ފައްޓާ އިރު އެ ވަރަށް މީހުން ތިބެފައި 10 މީހުން ނުވަތަ ފަސް މީހުން ވެސް ނިންމައިފާނެ،" އޭނާ ވިދާޅުވި އެވެ.

ޑރ. ޝާފިއާ: ތަފާތު ގޮތްގޮތަށް ދަނޑުވެރިކަން ކުރެވިދާނެ

ޑރ. ޝާފިއާ: ތަފާތު ގޮތްގޮތަށް ދަނޑުވެރިކަން ކުރެވިދާނެ

ކެމިކަލް ބޭނުންކުރުން ހައްދުފަހަނަޅައި ދިޔަ އެއް ސަބަބަކީ ބިދޭސީންގެ ދައުރެވެ. ދިވެހިންގެ ދަނޑުތައް ބަލަހައްޓަން ބިދޭސީންނާ ހަވާލުކުރުމާއި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އަމިއްލަ އަށް ދަނޑުވެރިކަން ކުރުން އާއްމުވެ، ދަނޑުވެރިކަމުގައި ބިދޭސީންގެ ހިއްސާ ވަރަށް ބޮޑުވެފައި އޮތަސް، އެކަން ކުރަން ޖެހޭ ރަނގަޅު ގޮތްތަކެއް އެ މީހުންނަކަށް ނޭނގެ އެވެ.

"މިހާރު ދަނޑުތަކުގައި އުޅެނީ ބަންގްލަދޭޝް މީހުން. އެ މީހުންނަކަށް ތަމްރީންތަކަކަށް ނާދެވޭ. ސަބަބަކީ އެ މީހުންނަކަށް ދަނޑުވެރިކަމެއް ނުކުރެވޭނެ. ގަވާއިދާ ހިލާފަށް އެކަން އެ ކުރަނީ،" ޑރ. ޝާފިއާ ވިދާޅުވި އެވެ.

"ބިދޭސީންނަކަށް ނޭނގޭނެ [ޕެސްޓިސައިޑް] ފުޅިތަކުގައި ލިޔެފައި ހުންނަ އެއްޗެހި ކިޔާކަށް. ލިޔެފައި ހުއްޓަސް ހުންނާނީ އިނގިރޭސިން ނުވަތަ ދިވެހިން. ދެން މިހާރަކަށް އައިސް، އިނގިރޭސިން އެއްވެސް އެއްޗެއް ލިޔެފައި ނެތް އެއްޗެހި ވެސް އެބަ އެތެރެކުރޭ."

އެކަމަކު ޑރ. ޝާފިއާ ގަބޫލުކުރައްވާ ގޮތުގައި، މައުލޫމާތު ލިބެން ޖެހޭ އެންމެނަށް މައުލޫމާތު ފޯރުކޮށް ނުދެވުނަސް، މާ ގިނައިން ޕެސްޓިސައިޑް ބޭނުންކުރަނީ ނޭނގިގެން ކަމަކަށް ނުބެލެވެ އެވެ.

"ޓެކްނިކަލީ މިކަން ހިނގާ ގޮތް ދަނޑުވެރިންނަށް އެންމެ ރަނގަޅަށް ނޭނގިދާނެ. ކިހާ ވަރެއްގެ ގެއްލުންތަކެއް ކަން ނުވަތަ ގެއްލުން ލިބެނީ ކޮން ގޮތަކަށް ކަން ނޭނގިދާނެ. އެކަމަކު އެންމެނަށް ވެސް އެނގޭނެ މިއީ ގޯސް އެއްޗެހިކަން، ވަކި ގޮތަކަށް ކަން މި ބޭނުންކުރަން ޖެހޭނީ،" އޭނާ ވިދާޅުވި އެވެ.

ޝާހިދާ ގަބޫލުކުރައްވާ ގޮތުގައި ފަސޭހަ އިން ގަންނަން ލިބެން ހުންނަ ކެމިކަލް ޕެސްޓިސައިޑްތަކާއި އާޓިފިޝަލް ގަސްކާނާ ދަނޑުވެރިން ބޭނުންކުރަނީ "ކެތްތެރިކަން ކުޑަ"ވެފައި އަވަސް ފައިދާ ހޯދަން ބޭނުންވާތީ އެވެ.

"މިއީ ވިސްނުމުގެ މައްސަލައެއް،" އޭނާ ވިދާޅުވި އެވެ.

ޝާހިދާ އަށް ފެނިވަޑައިގަންނަވާ ހައްލަކީ ކެމިކަލް ބޭނުންކުރުން ހުއްޓާލުމެވެ.

ހައްލަކީ އޯގެނިކް ދަނޑުވެރިކަން ބާ؟

ޝާހިދާ ވަނީ ކެމިކަލަކާ ނުލައި، ގުދުރަތީ ގަސްކާނާ އާއި ބަޔޯ ޕެސްޓިސައިޑްތައް ބޭނުންކޮށްގެން ދަނޑުވެރިކަންކުރުމުގެ މަޝްރޫއުއެއް 2007 އިން 2013 އަށް ބ. މާރިކިލުގައި ހިންގަވައިފަ އެވެ. އެގްރޯއިކޮލޮޖީގެ ތެރެއިން ދަނޑުވެރިކަން ކުރެއްވި އެ ހަތް އަހަރުގެ ތަޖުރިބާ އިން އޭނާ ވިދާޅުވާ ގޮތުގައި ރާއްޖެ ދާންވީ އޯގެނިކް ދަނޑުވެރިކަމަށެވެ.

"މިހާރު ދަނޑުވެރިކަން މި ކުރަނީ އެއްގޮތަކަށް ވެސް، ދެމެހެއްޓެނެވި ގޮތަކަށް ނޫން. ކެމިކަލް ބޭނުންކުރުން ހުއްޓާލަންވީ،" ޝާހިދާ ވިދާޅުވި އެވެ.

އޭނާގެ ކުންފުނި އައިލެންޑް އޯގެނިކްސް އިން ދަނޑުވެރިކަން ކުރަނިކޮށް ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުން ކުއްލި ގޮތަކަށް މާރިކިލު އަތުލައި އެހެން ކުންފުންޏަކަށް އެ ރަށް ދިނުމާ ހަމައަށް، އެއީ ކާމިޔާބު މަޝްރޫއުއެކެވެ. ޝާހިދާގެ މައިގަނޑު އަމާޒަކަށް ހެއްދެވީ އަމިއްލަ އަށް ގަސްކާނާ ތައްޔާރުކުރާނެ ގޮތާއި ކެމިކަލް ޕެސްޓިސައިޑް ބޭނުންކުރުމުގެ ބަދަލުގައި ހެދޭނެ ގޮތްތައް ކިޔައިދީ، އޯގެނިކް ދަނޑުވެރިކަމަށް އެހެން ދަނޑުވެރިން ތަމްރީންކުރުމެވެ. ކެމިކަލާ ނުލައި، ތަފާތު އުކުޅުތަކުގެ އެހީގައި، ދަނޑުވެރިކަން ކުރާނެ ގޮތް އޭނާ ދައްކައިދެއްވި އެވެ.

މާރިކިލުގައި އޯގެނިކް ފާމިން ކުރިއަށް ގެންދިޔަ އިރު ޝާހިދާ ކަރާ ދަނޑެއްގައި --ފޮޓޯ: އައިލެންޑް އޯގެނިކްސް

މާރިކިލުގައި އޯގެނިކް ފާމިން ކުރިއަށް ގެންދިޔަ އިރު ޝާހިދާ ކަރާ ދަނޑެއްގައި --ފޮޓޯ: އައިލެންޑް އޯގެނިކްސް

ޝާހިދާ ދެކެވަޑައިގަންނަވާ ގޮތުގައި އޯގެނިކް ދަނޑުވެރިކަމަށް ބަދަލުވުމުގެ ފައިދާ ރާއްޖެ އަށް ހުރިހާ ގޮތަކުން ވެސް މާ ބޮޑުކަން އޭނާ އަށް ވަނީ ތަމްސީލްކޮށްދެވިފަ އެވެ.

"އެހެން ދަނޑުތަކުގައި ކަރާ، ފަޅޯ ކަހަލަ އެއްޗެހި ނުވިކި އެތަކެއް ބައިވަރު އެއްޗެހި ފީވެގެން ދިޔަ އިރު އަޅުގަނޑުމެންގެ ދަނޑުން އެންމެ ތަރުކާރީއެއް ވެސް، މޭވައެއް ވެސް ކުންޏަށް ވެގެނެއް ނުދޭ. ހުރިހާ އެއްޗެއް ވެސް ބޭނުންކުރެވުނީ ކާން ނުވަތަ ވިއްކާލަން. އަޅުގަނޑުމެން ހެއްދި އެއްޗެހި ގިނަ ދުވަހަށް ތާޒާކޮށް ހުންނަނީ ކެމިކަލް ސްޕްރޭ ނުކުރާތީ. އިރުވައިގައި ހޫނު ގަދަވެގެންނާއި ފެން ލޮނުވެގެން އެހެން ދަނޑުތަކުގައި ގަހުން ފަޅޯ ވެއްޓޭ އިރު އަޅުގަނޑުމެންގެ ފަޅޮލަކަށް އެއްވެސް ގޮތެއް ނުވޭ،" ކެމިކަލް ބޭނުންކުރުމާއި ނުކުރުމުގެ ތަފާތު، މާރިކިލުގެ ތަޖުރިބާ އިން، ޝާހިދާ ކިޔައިދެއްވި އެވެ.

"ރަހަ މީރުކަމުން ހައިރާންވެގެން، އަޅުގަނޑުމެން އަތުން އެއްޗެހި ގަންނަ މީހުން ވާހަކަދައްކާ. އެހެން ފަޅޮލުގައި ލަނީ ކެމިކަލް ރަހައޭ، އަޅުގަނޑުމެންގެ ފަޅޯ މާ ފޮންޏޭ، ލަނީ އަސްލު ފަޅޯ ރަހައޭ ވެސް ބުނޭ."

ޝާހިދާ ގަބޫލުކުރައްވާ ގޮތުގައި ފަށައިގަންނަ އިރު އުނދަގޫތަކެއް ހުއްޓަސް ރާއްޖޭގެ ދަނޑުވެރިކަން އޯގެނިކް ފާމިން އަށް ބަދަލުކޮށްލެވިދާނެކަން އޭނާގެ ތަޖުރިބާ އިން ޔަގީންވެ އެވެ. އޭނާ ވިދާޅުވީ ރައްކާތެރި ގޮތުގައި ހައްދާފައި ހުންނަ މީރު އޯގެނިކް މޭވާ އާއި ތަރުކާރީ ގަންނަން ރިސޯޓުތަކުން ޝައުގުވެރިވާނެތީ ދަނޑުވެރިންނަށް ލިބޭ އާމްދަނީ އިތުރުވާނެ ކަމަށެވެ. އަދި އާއްމުންނަށް އޯގެނިކް އެއްޗެހި ލިބޭ އަގު ބޮޑުވިޔަސް، ދިގު މުއްދަތަށް ބަލާ އިރު، ބަލިވެގެން ބޭސްކުރުމަށް ވުރެ ފައިދާ ބޮޑީ އެފަދަ ބާވަތްތައް ބޭނުންކުރުން ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.

"އަޅުގަނޑު މިގެންދަނީ ކެނޑިނޭޅި މި ވާހަކަ ދައްކަމުން. މާރިކިލު އަޅުގަނޑަށް އަނބުރާ ލިބެން ޖެހޭ. ރާއްޖޭގައި މިކަން ތައާރަފްކުރަން ދަނޑުވެރިންނަށް އެހީތެރިވެދޭން އަނެއްކާވެސް މަސައްކަތް ފަށަން އަޅުގަނޑު މި ހުރީ ތައްޔާރަށް. ހުނަރާއި އިލްމާއި ތަޖުރިބާ އަޅުގަނޑުގެ އެބަހުރި،" އޭނާ ވިދާޅުވި އެވެ.

މާރިކިލުގައި ދަނޑުވެރިކަން ކުރަނީ --ފޮޓޯ: އައިލެންޑް އޯގެނިކްސް

މާރިކިލުގައި ދަނޑުވެރިކަން ކުރަނީ --ފޮޓޯ: އައިލެންޑް އޯގެނިކްސް

އެކަމަކު ފުޅާ ދާއިރާއެއްގައި އޯގެނިކް ފާމިން އަށް ބަދަލުވެވެން އޮތް ކަމަކަށް ޑރ. ޝާފިއާ ގަބޫލެއް ނުކުރައްވަ އެވެ. އޭނާ ވިދާޅުވީ ވަރަށް ކުޑަކޮށް ނުވަތަ އާދައިގެ ފެންވަރެއްގައި އެއްޗެހި ހައްދައިގެން ކުޑަ މާކެޓަކަށް އެއްޗެހި ވިއްކަން އެ ގޮތް އެންމެ ރަނގަޅަސް، ގިނަ ދަނޑުވެރިންނަށް އެކަން ނުކުރެވޭނެ ކަމަށެވެ.

"ރާއްޖޭގެ ދަނޑުވެރިއަކަށް އެންމެ ފަހަރަކު ކްރޮޕެއް ފެއިލް ވިޔަސް އެ މީހުން ދިރިއުޅުމަށްޓަކައި ކުރާ މަސައްކަތް ގެއްލިގެން ދިޔައީ. އެހެންވީމާ ދަނޑުވެރިންނަށް އެފަދަ ބޮޑު ރިސްކެއް ނުނެގޭނެ،" އޭނާ ފާހަގަކުރެއްވި އެވެ.

ޑރ. ޝާފިއާ ވިދާޅުވީ އޯގެނިކް ދަނޑުވެރިކަން ފަސޭހަ ނުވުމުގެ އިތުރުން ކެމިކަލްތަކާ އެއް ދަރަޖައަކަށް ނުރައްކާތައް ހުރި ކަމަށެވެ.

"ރައްކާތެރި ވެސް ނުވެދާނެ. މިސާލަކަށް އޯގެނިކް ދަނޑުވެރިކަމުގައި އުފައްދާ އެއްޗެއްގައި އީ ކޮލައި ބެކްޓީރިއާ ހުރެއްޖެއްޔާ އެއީ ހަމަ ކެމިކަލް ޕެސްޓިސައިޑްސްއެކޭ އެއްވަރުގެ ގެއްލުމެއް. އީކޮލައި ހުރި އެއްޗެއް ކެވިއްޖެއްޔާ މީހަކު މަރު ވެސް ވެދާނެ."

އޭނާ ވިދާޅުވީ މުޅިން އޯގެނިކްވުމުގެ ބަދަލުގައި އެންމެ ރަނގަޅު ގޮތަކީ ދަނޑުވެރިކަމުގައި ތަފާތު ގޮތްތައް ބޭނުންކުރުން ކަމަށެވެ.

"ދަނޑުވެރިކަމުގެ ރަނގަޅު އުސޫލުތައް ކިޔައިދޭ އިރު މި ދަސްކޮށްދެނީ ސިއްހަތު ރަނގަޅު ގަހެއް ހައްދާނެ ގޮތް. އޭރުން ގަހަށް ޕެސްޓު ހަމަލާދިނުމުގެ ފުރުސަތު ކުޑަވާނެ،" ޑރ. ޝާފިއާ ވިދާޅުވި އެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި ދުނިޔޭގެ އެހެން ތަންތަނުގައި ވެސް ބަލަނީ ދަނޑުވެރިކަމުގެ ރަނގަޅު އުސޫލުތައް ގެންގުޅުމަށެވެ. އެފަދަ އުސޫލުތަކުގައި ތިމާވެއްޓާއި އިންސާނުންގެ ސިއްހަތަށް ރައްކާތެރި ގޮތްތައް ހިމެނޭ ކަމަށާއި އެ ގޮތަށް ދަނޑުވެރިކަންކޮށްގެން ރައްކާތެރި ކާބޯތަކެތި އުފެއްދޭނެ ކަމަށް ވިދާޅުވި އެވެ.

"އިންޓަގްރޭޓެޑް މެތަޑްތައް އެބަހުރި. އެއީ އަޅުގަނޑުމެން ދަނޑުވެރިންނަށް މި ދަސްކޮށްދޭ އެއްޗަކީ،" އޭނާ ފާހަގަކުރެއްވި އެވެ.

"މިސާލަކަށް އެ މޫސުމެއްގައި އެންމެ ގިނައިން އާމްދަނީ ލިބޭ އެއްޗަކީ މިރުސް ކަމަށް ވެއްޖެއްޔާ، އެ އޮންނަ މިންގަނޑުތަކެއްގެ ތެރޭގައި ކެމިކަލް އަދި އާޓިފިޝަލް ގަސްކާނާ ބޭނުންކޮށްގެން މިރުސް ހެއްދިދާނެ. ދެން އޭގެ އިތުރަށް އިންދިދާނެ، ކަރަ އާއި ފަތްކޭލާއި ބައްޓާ އެއްޗެހި ވެސް. ފަތްކޭލަކަށް ނުޖެހޭނެ އެއްވެސް އެއްޗެއް [ޕެސްޓިސައިޑެއް] ޖަހާކަށް. ދެން ތަންގަނޑެއްގައި ބަށި ހެއްދިދާނެ އަދި ބައްޓަށް ބައްޔެއް ޖެހިއްޖެއްޔާ ބޭނުންކުރެވިދާނެ ލޮނުމެދު ފެން ކަހަލަ އެއްޗެއް."

ހިތަށްއެރި ގޮތަކަށް ކެމިކަލް ޕެސްޓިސައިޑް ބޭނުންކުރުމަކީ ދަނޑުވެރިކަމުގެ ރަނގަޅު އުސޫލުތަކުން އެއްކިބާވެފައިވާ ކަމުގެ ހެއްކެކެވެ. އަދި އެކަމުގެ ނުރައްކާތަކަށް ބަލާ އިރު، ރެގިއުލޭޓްކޮށް ފިޔަވަޅުތަކެއް އެޅުން މިހާރު ވެސް މާ ލަސްވެއްޖެ އެވެ.