Roadha Mihaaru
އޮސްޓްރޭލިއާ ސަރުކާރުން ރާއްޖެއަށް ދޭ ސްކޮލަޝިޕް އިތުރުކުރަނީ

އޮސްޓްރޭލިއާ ސަރުކާރުން ރާއްޖެއަށް ދޭ ސްކޮލަޝިޕްގެ އަދަދު އިތުރުކުރަނީ

01 ސެޕްޓެމްބަރ 2016

އޮސްޓްރޭލިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖެއަށް ދެމުން އަންނަ ސްކޮލަޝިޕްގެ އަދަދު އަންނަ އަހަރުން ފެށިގެން އިތުރުކުރަން އެ ގައުމުން ނިންމައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އޮސްޓްރޭލިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖެއަށް ދެމުން އަންނަ ސްކޮލަޝިޕްގެ އަދަދު އަންނަ އަހަރުން ފެށިގެން އިތުރުކުރަން އެ ގައުމުން ނިންމައިފި އެވެ.

އޮސްޓްރޭލިއަން އޭޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (އޮޒެއިޑް)އިން ކޮންމެ އަހަރަކު ވެސް ރާއްޖެއަށް 10 ސްކޮލަޝިޕް ދެ އެވެ. ނަމަވެސް އަންނަ އަހަރުން ފެށިގެން އެ އަދަދު 16 އަށް އިތުރުކޮށްދޭނެ ކަމަށް އެ ގައުމުން ރާއްޖެ ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ބްރައިސް ހަޗަސަން ވަނީ އެޑިއުކޭޝަން މިނިިސްޓަރު ޑރ. އާއިޝަތު ޝިހާމާއެކު މިއަދު ބޭއްވި ބައްދަލުވުމުގައި ވިދާޅުވެފަ އެވެ.

އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ބައްދަލުވުމުގައި މި ދެ ބޭފުޅުން ވަނީ ތައުލީމީ ދާއިރާއިން ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ. އަދި ރާއްޖޭގައި ޕެރެމެޑިކްގެ ދާއިރާއިން މީހުން ތަމްރީނުކުރަން ކުރު މުއްދަތުގެ ކޯސްތަކެއް ހިންގުމުގެ ޝައުގުވެރިކަން ސަފީރު ފާޅުކުރައްވާފައިވާކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

ޕެރެމެޑިކްގެ ދާއިރާއިން މީހުން ތަމްރީނު ކުރުމަކީ މުހިއްމު ކަމެއް ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދޭނެ ޓީޗަރުން ތަމްރީނުކުރުމުގައި އަދި އިނގިރޭސި ބަސް ކިޔަވައިދޭނެ ޓީޗަރުން ތަމްރީނުކުރުމުގައި އޮސްޓްރޭލިއާ ސަރުކާރުގެ އެހީތެރިކަން ލިބިއްޖެނަމަ، ތައުލީމީ ދާއިރާއިން ރަނގަޅު ނަތީޖާތަކެއް ނެރެވިދާނެ ކަމަށް މިއަދުގެ ބައްދަލުވުމުގައި މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.