Roadha Mihaaru
ނިންމުން ބަދަލުކޮށް، ސްކޮލަޝިޕްގެ ފުރުސަތު ފަހިކޮށްދީފި

އޭލެވެލްގެ ކޮންމެ އިމްތިހާނެއްގައި ބައިވެރިވިޔަސް ސްކޮލަޝިޕްގެ ފުރުސަތު އޮންނާނެ: މިނިސްޓަރު

29 މާޗް 2021

އަހަރުގެ ކުރީކޮޅާއި ފަހުކޮޅު އޮޮންނަ އޭލެވެލް އިމްތިހާނުގައި ބައިވެރިވާ ދަރިވަރުންނަށް ވެސް، އެ އިމްތިހާނުގެ ގަދަ 10 އަދި އެންމެ މޮޅު ނަތީޖާ ހޯދާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ސްކޮލަޝިޕަށް ޝަރުތު ހަމަވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ މިއަދު ވިދާޅުވެއްޖެ އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

އަހަރުގެ ކުރީކޮޅާއި ފަހުކޮޅު އޮޮންނަ އޭލެވެލް އިމްތިހާނުގައި ބައިވެރިވާ ދަރިވަރުންނަށް ވެސް، އެ އިމްތިހާނުގެ ގަދަ 10 އަދި އެންމެ މޮޅު ނަތީޖާ ހޯދާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ސްކޮލަޝިޕަށް ޝަރުތު ހަމަވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ މިއަދު ވިދާޅުވެއްޖެ އެވެ.

އޭ ލެވެލް އިމްތިހާނު ފަށާ ތާރީޚު އެޑެކްސެލް އިން ކުއްލިއަކަށް އަންނަ މަހަށް އަވަސް ކުރުމުން، ގިނަ ދަރިވަރުންނާއި ބެލެނިވެރިން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އިމްތިހާނު ބޭއްވުމަށް އެޑެކްސެލް އިން އެންމެ ފުރަތަމަ ނިންމީ، އަންނަ މެއި/ޖޫން އަށް ނަމަވެސް މިހާރު ވަނީ އަންނަ މަހުގެ 26 އަށް އަވަސް ކޮށްފަ އެވެ.

އެކަމަކު، އޭ ލެވެލް ހަދާ ދަރިވަރުންނަށް އަންނަ އޮކްޓޯބަރު/ނޮވެމްބަރުގައި އިމްތިހާނު ހެދުމުގެ ފުރުސަތު އެޑިއުކޭޝަން މިނިސްޓްރީން ވަނީ މިއަދު ހުޅުވާލައިފަ އެވެ.

ދެ ދުވަސްވަރެއްގައި އިމްތިހާނުގައި ބައިވެރިވުމުގެ ފުރުސަތު ދަރިވަރުންނަށް ދިން ނަމަވެސް، އިއްޔެ އެޑިއުކޭޝަން މިނިސްޓްރީން ބުނީ ގަދަ 10 އަދި ސްކޮލަޝިޕް ދިނުމުގައި ބަލާނީ އޭޕްރީލް/މެއި އިމްތިހާނުގެ ނަތީޖާ އަށް ކަމަށެވެ. އޮކްޓޯބަރު/ނޮވެމްބަރުގައި އޭ ލެވެލް ހަދާ ދަރިވަރުންގެ ނަތީޖާ ކިތައްމެ ރަނގަޅު ނަމަވެސް ސްކޮލަޝިޕެއް ނުލިބޭނެ އެވެ.

ނަމަވެސް އެޑިއުކޭޝަން މިނިސްޓަރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެކަން ބަދަލު ކުރެއްވި ކަމަށް އިއުލާން ކުރައްވާފަ އެވެ. އޭނާ ވިދާޅުވީ އިމްތިހާނުގެ ޓައިމްޓޭބަލަށް އެޑެކްސެލުން ގެނައި ބަދަލުން ދަރިވަރުން ކަންބޮޑުވެފައިވާ މިފަދަ ދަނޑިވަޅެއްގައި ދަރިވަރުންގެ އަޑު އެހުމަކީ މުހިއްމު ކަމެއް ކަމަށވެ.

އެހެންވެ، އަންނަ މަހުގައި ނުވަތަ އަހަރު ފަހުކޮޅު އޮންނަ އިމްތިހާނުގައި ދަރިވަރުން ބައިވެރިވި ނަމަވެސް، ހުރިހާ ކުދިންނަށް ވެސް ގަދަ 10 އަދި ސްކޮލަޝިޕަށް ވާދަ ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިހާރު އަންނަނީ، ދަރިވަރުން ބައިވެރިވާނެ އިމްތިހާނު ދުވަސްވަރު ސްކޫލު މެދުވެރިކޮށް ބަލަމުންނެވެ. އެކަމަކު އެތަނުގެ އެދުމަކީ، އޮކްޓޯބަރު/ނޮވެމްބަރުގެ އިމްތިހާނަށް ޖާގަ ހޯދަން މަސައްކަތް ކުރުމެވެ.

އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ ބުނިގޮތުގައި އޭ ލެވެލް އަދި އޭ އެސް ލެވެލް އިމްތިހާނުގައި ބައިވެރިވާން އެދިފައިވާ ގްރޭޑު 12 ގެ ދަރިވަރުން ބޭނުން ނަމަ މިހާރު ހުށަހަޅާފައިވާ ފޯމު ނެގުމުގެ ފުރުސަތު އޮންނާނެ އެވެ. އެ އަށް ފަހު އަންނަ އޮކްޓޯބަރު/ނޮވެމްބަރުގައި އޮންނަ އޭ ލެވެލް އިމްތިހާނުގައި ބައިވެރިވުމުގެ ފުރުސަތުދޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށް ވެސް ބުންޏެވެ.

އެޑެކްސެލް އިމްތިހާނު ހެދުމަށް އިތުރު އިހުތިޔާރެއް ދިން ނަމަވެސް، މިހާރު ހަމަޖައްސާފައިވާ ގޮތަށް އެޗްއެސްސީ އިމްތިހާނު އޮންނާނެ އެވެ. އެ އިމްތިހާނު އަންނަނީ ޖޫން 13-17އާ ދެމެދުގަ އެވެ.