Roadha Mihaaru
މިލާން ބަލިކޮށް ލާޒިއޯ ފައިނަލަށް

މިލާން ބަލިކޮށް ލާޒިއޯ ފައިނަލަށް

25 އެޕްރީލް 2019

މިލާން (އޭޕްރިލް 25) – އޭސީ މިލާން 1-0 އިން ބަލިކޮށް އިޓާލިއަން ކަޕުގެ ފައިނަލުގެ ފުރަތަމަ ޖާގަ ލާޒިއޯ އިން ރޭ ހޯދައިފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

މިލާން (އޭޕްރިލް 25) – އޭސީ މިލާން 1-0 އިން ބަލިކޮށް އިޓާލިއަން ކަޕުގެ ފައިނަލުގެ ފުރަތަމަ ޖާގަ ލާޒިއޯ އިން ރޭ ހޯދައިފި އެވެ.

ލާޒިއޯގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގު 0-0 އިން އެއްވަރުވެފައިވާތީ ދެ ލެގުގެ އެގްރިގޭޓުން އެ ޓީމަށް ކުރި ލިބުނީ 1-0 އިންނެވެ. މި މެޗުގައި ލާޒިއޯގެ ހަމައެކަނި ގޯލް 58 ވަނަ މިނެޓުގައި ކާލޯސް ޔޯކީން ކޯރޭއާ އެވެ.

އަންނަ މަހުގެ 15 ވަނަ ދުވަހުގެރޭ ލާޒިއޯގެ އޮލިމްޕިކް ސްޓޭޑިއަމުގައި ކުޅޭ ފައިނަލުގައި އަނެއްކޮޅުން ނުކުންނާނީ ސެމީ ފައިނަލުގެ ދެ ވަނަ މެޗުގައި މިރޭ އެޓަލާންޓާ އާއި ފިއޮރެންޓީނާ ކުޅެ ކާމިޔާބު ހޯދާ ޓީމަކާ ދެކޮޅަށެވެ. ފުރަތަމަ ލެގު ނިމުނީ 3-3 އިން އެއްވަރުވެގެންނެވެ.

"އަހަރެމެންނަށް ފައިނަލުގެ ޖާގަ ހައްގު. އަހަރެމެންނަށް މެޗުގެ ކުރީކޮޅު ވެސް ލީޑު ނެގުނީސް. އެކަމަކު (މިލާނުގެ ގޯލްކީޕަރު) ޕެޕޭ ރެއިނާ ވަރަށް ރަނގަޅަށް ކުޅުނު،" ލާޒިއޯގެ ކޯޗު ސިމޯނީ އިންޒާގީ ބުންޏެވެ.

މިލާނުގެ ކޯޗު ޖެނާރޫ ގަޓޫސޯ ވެސް ބުނީ ލާޒިއޯ އަށް ފައިނަލުގެ ޖާގައެއް ހައްގު ކަމަށެވެ. ފުރަތަމަ ހާފުގައި މިލާނުން ރަނގަޅަށް ކުޅުނު ނަމަވެސް ދެ ވަނަ ހާފުގައި ލާޒިއޯ އިން ލިބުނު ފުރުސަތުތަކުގެ ބޭނުން ހިފި އިރު މިލާނަށް އެދެވޭ ކުޅުމެއް ނުދެއްކުނު ކަމަށް އޭނާ ބުންޏެވެ.

މިލާނަށް މިހާރު އޮތީ ލީގުގެ ބާކީ އޮތް ހަތަރު މެޗުން، ގަދަ ހަތަރެއް ކަށަވަރުކޮށް އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ޖާގައެއް ހޯދުމެވެ. މިވަގުތު އެ ޓީމު ހަތަރު ވަނައިގައި އޮތީ ކިރިޔަކިރިޔާ އެވެ. އެހެންވެ ޗެމްޕިއަންސް ލީގުން ފުރުސަތު ލިބުނަސް ނުލިބުނަސް ސީޒަން ނިމުުމުން ގަޓޫސޯގެ މަގާމް ގެއްލުމުގެ ފުރުސަތު ބޮޑެވެ.

މެޗުގެ ކުރިން ލާޒިއޯގެ ހަރުކަށި ސަޕޯޓަރުންގެ ގްރޫޕަކުން ވަނީ މިލާނުގެ މަގެއްގެ މަތީގައި، އިޓަލީގެ ކުރީގެ ހުދުމުހުތާރު ލީޑަރު އަދި ފޭސިޒަމްގެ ބާނީ ބެނިޓޯ މުސޮލިނީ އަށް ތާއީދުކޮށް ބެނާ ދަމައި އަދި ނާޒީ ސެލިއުޓް ނަގައިފަ އެވެ. އަދި މެޗުގެ ތެރޭގައި ވަނީ މިލާނުގެ ކަޅު ނަސްލުގެ ދެ ކުޅުންތެރިން ކަމަށްވާ ޓިމެއޯ ބަކަޔޯކޯ އާއި ފްރޭންކް ކެސިއޭއާ ނަސްލީ ގޮތުން ދިމާކޮށްފަ އެވެ. މި މައްސަލައިގައި އެ ޓީމާ މެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ބެލެވެ އެވެ.