Roadha Mihaaru
އަޒްމީ އަށް އިތުރު ފަރުވާދޭން ބޭރަށް ފޮނުވައިފި

އަޒްމީ އަށް އިތުރު ފަރުވާދޭން ބޭރަށް ފޮނުވައިފި

25 އެޕްރީލް 2019

މުހައްމަދު ޖަމީލު މިސްކިތުގެ މަސައްކަތެއްގައި އުޅެނިކޮށް އެތަނުގެ ދެ ވަނަ ބުރިން ހޮނިހިރު ދުވަހުގެ ރޭ ވެއްޓުނު މުސްތަފާ އަޒްމީ އަށް އިތުރު ފަރުވާ ދޭން ރޭ ބޭރަށް ފޮނުވާލައިފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

މުހައްމަދު ޖަމީލު މިސްކިތުގެ މަސައްކަތެއްގައި އުޅެނިކޮށް އެތަނުގެ ދެ ވަނަ ބުރިން ހޮނިހިރު ދުވަހުގެ ރޭ ވެއްޓުނު މުސްތަފާ އަޒްމީ އަށް އިތުރު ފަރުވާ ދޭން ރޭ ބޭރަށް ފޮނުވާލައިފި އެވެ.

އެސްޓީއޯގެ އިސް ވެރިއެއް ކަމަށްވާ އަޒްމީގެ އާއިލާގެ ފަރާތުން "މިހާރު" އަށް ވާހަކަދެއްކި މީހަކު ބުނީ ލިބިފައިވާ ޒަހަމްތަކަށް ރާއްޖޭގައި އިތުރު ފަރުވާ ދެވެން ނެތުމުން މިހާރު ވަނީ އިންޑިއާގެ ބެންގަލޫރަށް ފޮނުވާފައި ކަމަށެވެ.

އަޒްމީ ވެއްޓި އޭނާގެ ބޮލަށާއި ފުއްޕާމެއަށް ބޮޑެތި ޒަހަމްތަކެއް ލިބުނެވެ.

"ރާއްޖޭގައި ދެން ނެތް އަޒްމީއަށް އިތުރު ފަރުވާގެ ގޮތުގައި މާ ބޮޑު ކަމެއް ކުރެވޭކަށް. ބޭރަށް ގެންގޮސްގެން ނަމަވެސް ހާލަތު ރަނގަޅުކުރަން އަޅުގަނޑުމެން މި މަސައްކަތްކުރަނީ،" އޭނާގެ އާއިލާގެ ފަރާތުން ވާހަކަ ދެއްކި މީހާ ބުންޏެވެ.

އިންޑިއާއަށް ގެންދިއުމުގެ ކުރިން އޭނާއަށް ފަރުވާ ދެމުން ދިޔައީ އޭޑީކޭގެ އައިސީޔޫގަ އެވެ. އަޒްމީއަށް ލިބުނު ޒަހަމްތަކުގެ ސަބަބުން އޭނާގެ ސިކުނޑީގެ ހަރަކާތްތައް ވަނީ ވަރަށް ދަށް ވެފަ އެވެ. އަދި ވެއްޓުނު އިރު މޭގެ ތިން ކަށިގަނޑެއް ބިނދި، ފުއްޕާމެއަށް ހެރުމުގެ ސަބަބުން އޭނާގެ ލޭގެ ޕްރެޝަރު ހިފެހެއްޓުމުގައި ދަތިތަކެއް ދިމާ ވެ އެވެ. އޭނާއަށް ފަރުވާދެމުން އަންނަނީ ވެންޓިލޭޓަރުގައި ބާއްވައިގެންނެވެ.

އެސްޓީއޯގެ އައިޓީ ހެޑްގެ ގޮތުގައި މަސައްކަތްކުރާ އަޒްމީ އެ ކުންފުންޏަށް ހިދުމަތްކުރާތާ 25 އަހަރު ވެއްޖެ އެވެ. އުމުރުން 41 އަހަރުވެފައިވާ އަޒްމީއަކީ ލަކުޑީގެ އަތްތެރި މަސައްކަތަށް ވަރަށް ލޯބިކުރާ މީހެކެވެ.