Roadha Mihaaru
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

29 އެޕްރީލް 2019

އަންނަ ސެޕްޓެމްބަރު މަހު ރިލީޒްކުރަން އޮތް ދަރުމާ ޕްރޮޑަކްޝަންގެ ފިލްމު "ގުޑް ނިއުސް" ޑިސެމްބަރު މަހަށް ފަސްކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އަންނަ ސެޕްޓެމްބަރު މަހު ރިލީޒްކުރަން އޮތް ދަރުމާ ޕްރޮޑަކްޝަންގެ ފިލްމު "ގުޑް ނިއުސް" ޑިސެމްބަރު މަހަށް ފަސްކޮށްފި އެވެ.

ޕްރޮޑިއުސަރު ކަރަން ޖޯހަރު ކުރި ޓްވީޓެއްގައި ބުނީ ކުރިން، އަންނަ ސެޕްޓެމްބަރު މަހުގެ 6 އަށް ތާވަލުކޮށްފައި އޮތް ފިލްމު، ސިނަމާތަކަށް ގެންނަން މިހާރު ނިންމާފައި ވަނީ ޑިސެމްބަރު މަހުގެ 27 ގައި ކަމަށެވެ. މި ބަދަލު ގެނައި އިރު ކަރަން ޕްރޮޑިއުސް ކުރާ ފެންޓަސީ ފިލްމު "ބުރައްމަސްތުރާ" ވެސް ވަނީ އަންނަ އަހަރަށް ފަސްކޮށްފަ އެވެ.

ރާޖް މެހެތާ ޑައިރެކްޓް ކުރާ "ގުޑް ނިއުސް" ގެ ތަރިންނަކީ ކަރީނާ ކަޕޫރް، އަކްޝޭ ކުމާރު، ކިއާރާ އަދުވާނީ އަދި ދިލްޖީތު ދޮސަންޖެވެ.

މިއީ ކައިވެނިކޮށްގެން އުޅޭ ދެމަފިރިއަކު ދަރިއަކު ހޯދަން މަސައްކަތް ކުރާތާ ގިނަ ދުވަސްތަކެއް ފަހުން އައިވީއެފް ހަދައިގެން ދަރިއަކު ހޯދަން ކުރާ މަސައްކަތް ދައްކުވައި ދޭނެ ފިލްމެކެވެ.

"ގުޑް ނިއުސް" މިހާރު އޮތީ ޕޯސްޓް ޕްރޮޑަކްޝަން މަރުހަލާގަ އެވެ.

"ސޮޓީ 2" ގައި އާލިއާގެ ލަވައެއް

އަންނަ މަހު ރިލީޒް ކުރާ ފިލްމު "ސްޓޫޑަންޓް އޮފް ދި އިޔާ 2" ގައި އާލިއާ ބަޓްގެ ލަވައެއް ހިމެނޭކަން ކަށަވަރުވެއްޖެ އެވެ.

ޓައިގާ ޝްރޮފާ އެކު އޭނާ ފެނިގެންދާ ލަވައިގެ މަންޒަރެއްގެ ފޮޓޯ ވެސް އާލިއާ އާއި ކަރަން އަދި ޓައިގާ ވަނީ ޓްވިޓާގައި ހިއްސާކޮށްފަ އެވެ. "ހުކަޕް ސޯންގް" ގެ ނަން ދީފައިވާ ލަވައިން އާލިއާ އާއި ޓައިގާ ފެނިގެން ދާނީ ވަރަށް ވެސް ގްލެމަރަސް އަދި އެހާމެ ފޯރި ގަދަ ޑާންސް ލަވައަކުންނެވެ. ލަވަ އަންގާރަ ދުވަހު ބެލުންތެރިންނަށް ދައްކައިލާނެ އެވެ.

"ސްޓޫޑަންޓް އޮފް ދި އިޔާ" އަކީ 2012 ގައި އާލިއާ ބޮލީވުޑަށް ނުކުތް ފިލްމުގެ ދެވަނަ ބައެވެ. މި ފަހަރު ފިލްމުގެ ތަރިންނަކީ ޓައިގާ އާއި އަލަށް ތައާރަފުވާ އަނަންޔާ ޕާންޑޭ އާއި ތާރާ ސުތާރިއާ އެވެ.

ޕުނީތު މަލްއުތުރާ ޑައިރެކްޓްކޮށްފައިވާ ފިލްމު ރިލީޒް ކުރާނީ އަންނަ މަހުގެ 10 ގަ އެވެ.

މި ފަހަރު "ހޮޅި ހޮޅި"

އަންނަ މަހުގެ 17 ގައި ރިލީޒް ކުރާ ފިލްމު "ދޭ ދޭ ޕިޔާރު ދޭ" ގެ ތިން ވަނަ ލަވަ ދައްކާލައިފި އެވެ.

"ހޮޅި ހޮޅި" ގެ ނަން ދީފައިވާ މި ލަވައިން ފިލްމުގެ ލީޑް ތިން ތަރިން ފެނިގެން ދެ އެވެ. އެއީ އަޖޭ ދޭވްގަން އާއި ތައްބޫ އަދި ރަކުލް ޕްރީތު ސިންގެވެ. ލަވަ ކިޔާފައި ވަނީ ނޭހާ ކައްކަރާއި ގެރީ ސަންދޫ އެވެ. ލަވައިގެ މިއުޒިކް ހަދާފައި ވަނީ ތަނިޝްކް ބަގްޗީ އެވެ.

"ދޭ ދޭ ޕިޔާރު ދޭ" އަކީ އަލަށް ޑައިރެކްޝަނަށަށް ނުކުތް އާކިވް އަލީ ޑައިރެކްޓްކޮށްފައިވާ ރޮމޭންޓިކް ކޮމެޑީއެވެ.

މީގައި ކިޔައި ދޭނީ ބޮޑެތި ދަރިން ތިބި 50 އަހަރުގެ ފިރިހެނަކު ދަރިންގެ އުމުރުގެ އަންހެނަކާ ލޯބީގެ ގޮތުން ގުޅުމުން ދިމާވާ މަޖާ ހާދިސާތަކެކެވެ.

ވަރުންގެ ކައިވެނި އަންނަ އަހަރު

ވަރުން ދަވަން އާއި ލޯބިވެރިޔާ ނަތާޝާ ދަލާލް ކައިވެނި ކުރާނީ އަންނަ އަހަރުކަން ވަރުންގެ ބައްޕަ އަދި ޑައިރެކްޓަރު ޑޭވިޑް ދަވަން ކަށަވަރުކޮށް ދީފި އެވެ.

މެންސްއެކްސްޕީ އަށް ދިން އިންޓަވިއުއެއްގައި ޑޭވިޑް ބުނީ ހަގު ފިރިހެން ދަރިފުޅު އަންނަ އަހަރު ކައިވެނި ކުރާނެ ކަމަށާއި އެންމެ އުފާވާ ކަމަކީ ވަރުން ދެކެ ވަރަށް ލޯބިވާ ބައިވެރިޔަކު ހުރުމުން ކަމަށެވެ.

ވަރުން އާއި ނަތާޝާއަކީ ސްކޫލް ދައުރެއްސުރެ ވަރަށް ގާތްކޮށް އުޅެމުން ދިޔަ ދެ މީހުންނެވެ.

އަންނަ އަހަރު ވަރުން ކައިވެނި ކުރާނެ ކަމަށް ޑޭވިޑް ބުނި ނަމަވެސް ކައިވެނި ކުރާނީ އަންނަ އަހަރުގެ ކިހާ ހިސާބެއްގައި ކަމެއް ނޭނގެ އެެވެ.

ޑޭވިޑް މިހާރު އަންނަނީ އޭނާ 1995 ގައި ގެނެސް ދިން ފިލްމު "ކޫލީ ނަމްބަރު 1" ގެ އެޑަޕްޓޭޝަނެއް ވަރުންއާ އެކު ގެނެސް ދޭން ތައްޔާރުވަމުންނެވެ. އޮގަސްޓް މަހު ޝޫޓިން ފަށާ އެ ފިލްމުގެ ބަތަލާއަކީ ސާރާ އަލީ ހާނެވެ.