Roadha Mihaaru
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

05 ޑިސެމްބަރ 2020

އަދިތިޔާ ރޯއި ކަޕޫރްގެ އެކްޝަން ފިލްމު "އޯމް" ގެ ޝޫޓިން ބުރާސްފަތި ދުވަހު ފަށައި، ފިލްމުގެ ފުރަތަމަ ޕޯސްޓަރު ދައްކާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އަދިތިޔާ ރޯއި ކަޕޫރްގެ އެކްޝަން ފިލްމު "އޯމް" ގެ ޝޫޓިން ބުރާސްފަތި ދުވަހު ފަށައި، ފިލްމުގެ ފުރަތަމަ ޕޯސްޓަރު ދައްކާލައިފި އެވެ.

މި ފިލްމަކީ ކޮރިއޮގްރާފަރު/ޑައިރެކްޓަރު އެހުމަދު ޚާނާއި ޒީ ސްޓޫޑިއޯސް ގުޅިގެން ޕްރޮޑިއުސްކުރާ ފިލްމެކެވެ. ކަޕިލް ވަރުމާ ޑައިރެކްޓްކުރާ ފިލްމުގެ ބަތަލާ އަކީ ސަންޖަނާ ސާންގީ އެވެ. އޭނާ އަކީ ޖުލައި މަހު ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރިމިއާކުރި "ދިލް ބޭޗާރާ" ގެ ބަތަލާ އެވެ.

އިންޑިއާގެ އެކި ހިސާބުތަކުގައި ޝޫޓްކުރާ "އޯމް" ވެގެންދާނީ އަދިތިޔާ ވަރަށް ވަރުގަދަ އެކްޝަން ރޯލަކުން ފެންނާނެ ފިލްމަކަށެވެ. ފިލްމުގެ ޕޯސްޓަރުން ވެސް އެކަން ދަައްކުވައިދެ އެވެ. އަދިތިޔާ އެންމެ ފަހުން ފެނިފައި ވަނީ ފެބްރުއަރީގައި ރިލީޒްކުރި "މަލަންގް" އިންނެވެ.

"އޯމް" ސިނަމާތަކަށް ގެންނާނީ އަންނަ އަހަރުގެ ހޫނު މޫސުމުގަ އެވެ.

އަކްޝޭ "އަތުރަންގީ ރޭ" ގެ ޝޫޓިންގައި

ލޮކްޑައުންގެ ކުރިން ޝޫޓިން ފަށާފައި އޮތް، ޑައިރެކްޓަރު އާނަންދު އެލް ރާއީގެ އާ ފިލްމު "އަތުރަން ގީ" ގެ ޝޫޓިން އަކްޝޭ ކުމާރު އަލުން ފަށައިފި އެވެ.

މި ފިލްމުގެ ޝޫޓިން އަލުން އޮކްޓޯބަރު މަަހުގެ ފަހުކޮޅުން ފެށިގެން ކުރިއަށްދާ އިރު، އަކްޝޭ ކްރޫއާ ގުޅުނީ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ "ޕްރިތުވީރާޖް" ގެ މަސައްކަތް ވެސް ކުރަމުންނެވެ. "އަތުރަންގީ ރޭ" ގެ ޝޫޓިންގެ ތެރެއިން އަކްޝޭ އާއި ސާރާ އަލީ ޚާން ފެނިގެންދާ ފޮޓޯއެއް ވެސް ވަނީ އާންމުކޮށްފަ އެވެ.

ވަރަށް ތަފާތު ލޯބީގެ ވާހަކައެއް ކިޔައިދޭނެ މި ފިލްމުގެ ކާސްޓްގައި އިންޑިއާގެ ދެކުނު ފިލްމު އިންޑަސްޓްރީގެ ބަތަލު ދަނޫޝް ވެސް ހިމެނެ އެވެ.

"ޒީރޯ" އަށް ފަހު އާނަންދު ހަދާ "އަތުރަންގީ ރޭ" ސިނަމާތަކަށް ގެންނަން ކުރިން ނިންމާފައި އޮތް ތާރީހަކީ އަންނަ އަހަރުގެ ފެބްރުއަރީ 14 އެވެ.

މި ފިލްމުގެ އިތުރުން ވެސް އަކްޝޭގެ އަތުގައި އާނަންދުގެ އެހެން ފިލްމެއް އެބައޮތެވެ. އެއީ "ރަކްޝާބަންދަން" އެވެ.

"ޖުގް ޖުގް ޖިއޯ" ގެ ޓީމުގައި ކޮވިޑް-19

މިދިޔަ މަހު ޗަންދީގަޅްގައި ޝޫޓިން ފެށި "ޖުހް ޖުގް ޖިއޯ" ގެ ޓީމުގެ ބައެއް މެމްބަރުން ކޮވިޑް-19 އަށް ޕޮޒޮޓިވްވެއްޖެ އެވެ.

ބައްޔަށް ޕޮޒިޓިވްވީ ވަރުން ދަވަނާއި ނީޓޫ ސިންގްގެ އިތުރުން ޑައިރެކްޓަރު ރާޖް މެހެތާ އެވެ. މި ފިލްމުގައި ކާސްޓްގައި އަނިލް ކަޕޫރާއި ކިއާރާ އަދުވާނީ ވެސް ހިމެނެ އެވެ. މީޑިއާތަކުން ބުނީ "ޖުގް ޖުޔް ޖިއޯ" މެމްބަރުންތަކެއް ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން މި ވަގުތު ފިލްމުގެ ޝޫޓިން މެދުކަނޑާލާފައިވާ ކަމަށެވެ.

މި ފިލްމަކީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން ހަދާ ރޮމޭންޓިކް ކޮމެޑީއެކެވެ. "ޖުގް ޖުގް ޖިއޯ" އަކީ މިދިޔަ އަހަރުގެ "ގުޑް ނިއުސް" އަށް ފަހު ރާޖް ހަދާ ދެވަނަ ފިލްމެވެ.

"ކޫލީ ނަމްބަރު 1" އިން ލަވައެއް

މި މަހުގެ 25 ގައި އެމެޒޯން ޕްރައިމް ވީޑިއޯ އިން ޕްރިމިއާކުރާ ފިލްމު "ކޫލީ ނަމްބަރު 1" ގެ ލަވަތަކުގެ ތެރެއިން ލަވައެއް ދައްކާލައިފި އެވެ.

ޑޭވިޑް ދަވަން ޑައިރެކްޓްކުރި ފިލްމުގެ ލަވަތަކުގެ ތެރެއިން ދޫކޮށްލި ފުރަތަމަ ލަވަ އަކީ "ތެރީ ބާބީ" އެވެ. މި ލަވައިގެ ޖާވިދު-މުހްސިން ހަދާފައިވާ އިރު ލަވަ ކިޔާފައި ވަނީ އެ ދެ މީހުންނާއި ނޭހާ ކައްކަރާއި ދޭވް ނެގީ އެވެ.

ފޯރިގަދަ ނެށުންތަކެއް ފެނިގެންދާ ލަވައިން ވަރުން ދަވަނާއި ސާރާ އަލީ ޚާނާ އެކު ގިނަ އަދަދެއްގެ ބެކް ޑާންސަރުން ވެސް ފެނިގެންދެ އެވެ. ލަވައިގައި ދައްކަނީ ފިލްމުގައި ވަރުން ކުޅެފައިވާ ކޫލީ ނުވަތަ ރޭލު ސްޓޭޝަނެއްގައި ފޮށިތަންމަތި އުފުލާ މީހާގެ ކެރެކްޓާއިންނެވެ.

"ކޫލީ ނަމްބަރު 1" އަކީ ޑޭވިޑް 1995 ގައި ގޯވިންދާ އާއި ކަރިޝްމާ ކަޕޫރާ އެކު ހަމަ ނަމުގައި ގެނެސްދިން ފިލްމު އަސްލަކަށް ބަލައިގެން ހަދާފައިވާ ފިލްމެކެވެ.