Roadha Mihaaru
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

11 ޖޫން 2020

ޖޯން އަބްރަހަމާއި މުރުނާލް ތާކޫރުގެ ވީޑިއޯއެއް ލަވައެއް މިއަދު ނެރެން ތައްޔާރުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޖޯން އަބްރަހަމާއި މުރުނާލް ތާކޫރުގެ ވީޑިއޯއެއް ލަވައެއް މިއަދު ނެރެން ތައްޔާރުވެއްޖެ އެވެ.

މުޅި ލަވަ ބައިލުމުގެ ކުރިން މިއޮތީ މީގެ ޓީޒާ އެވެ. "ގައްލަން ގޯރިޔާ" ގެ ނަން ދީފައިވާ މި ލަވަ އަކީ މަޝްހޫރު ޕަންޖާބީ ލަވަކިޔުންތެރިޔާ ތޭޒް ހަމަ އެ ނަމުގައި ގެނެސްދިން ލަވައިގެ އާ ވާޝަނެކެވެ. ލަވަ ކިޔާފައި ވަނީ ދުވާނީ ބަނުޝާލީ އާއި ތޭޒެވެ.

ވަރަށް ކުލަގަދަ އަދި ފޯރިގަދަ ނެށުންތަކެއް ވެސް ފެނިގެންދާނެ މި ލަވަ ބެލުންތެރިންނަށް ގެނެސްދެނީ ރީތި އެތައް ވީޑިއޯ ލަވައެއް ގެނެސްދެމުން އަންނަ ޓީ ސީރީޒްގެ ތައްގަނޑުގަ އެވެ.

ޖޯން އާއި މުރުނާލްގެ ވީޑިއޯ ލަވައެއް ގެނެސްދޭ އިރު، އެ ދެ ތަރިން ވަނީ އެކީގައި ފިލްމެއް ވެސް ކުޅެފަ އެވެ. އެއީ މިދިޔަ އަހަރުގެ "ބަތުލާ ހައުސް" އެވެ.

"ބުރައްމަސްތުރާ" ގެ ފަސްޓްލުކް އޯގަސްޓްގައި

ރިލީޒްކުރާނެ ދުވަސް އަދިވެސް ސުވާލުމާކެއްގެ ތެރޭގައި އޮތް ކަރަން ޖޯހަރުގެ ދަރުމާ ޕްރޮޑަކްޝަންގެ ފެންޓަސީ/އެޑްވެންޗަ ފިލްމު "ބުރައްމަސްތުރާ" ގެ ފަސްޓްލުކް ޕޯސްޓަރު އަންނަ އޯގަސްޓް މަހުގެ ތެރެގައި ދައްކައިލަން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަޔާން މުކަރްޖީ ޓްރިލޮޖީއެއްގެ ގޮތުގައި ގެނެސްދޭ ފިލްމުގެ ފުރަތަމަ ބައި ސިނަމާތަކަށް ގެންނަން އެންމެ ފުރަތަމަ ނިންމީ 2018 ގަ އެވެ. އެކަމަކު އެކި ފަހަރުމަތިން މީގެ މަސައްކަތް ލަސްވަމުން ގޮސް މިހާރު ފިލްމު ރިލީޒްކުރާނެ ކަމަށް އެންމެ ފަހުން އިއުލާންކޮށްފައިވާ ތާރީހަކީ މި އަހަރުގެ ޑިސެމްބަރު މަހުގެ 4 އެވެ.

ނަމަވެސް ރިޕޯޓްތައް ބުނާ ގޮތުން ލޮކްޑައުންގެ ހިޔަންޏާ އެކު ފިލްމުގެ މަސައްކަތްތަކަށް ވަރަށް ބޮޑަށް ހުރަސްއެޅި، ޑިސެމްބަރަށް "ބުރައްމަސްތުރާ" ނުނިންމޭނެތީ މިހާރު ވަނީ އަންނަ އަހަރަށް ފަސްކޮށްފަ އެވެ. އެކަމަކު އެކަން އަދި ކަށަވަރެއް ނުވެ އެވެ.

މި ފިލްމުގެ ކާސްޓުންނަކީ އާލިއާ ބަޓާއި ރަންބީރް ކަޕޫރާއި އަމީތާ ބައްޗަނާއި ޑިމްޕަލް ކަޕާޑިއާ އާއި ނާގުރްޖުނާ އަކިނޭނީގެ އިތުރުން މޯނީ ރޯއި އެވެ. އަދި ހާއްސަ ފެނިލުމަކުން ޝާހްރުކް ޚާން ވެސް ފެންނާނެ އެވެ.

"ރާދޭ" ދިވާލީ އަށް ތާވަލުކުރަނީ

ލޮކްޑައުނާ ހެދި މިދިޔަ ފިތުރު އީދުގައި ރިލީޒްނުކުރެވުނު ސަލްމާން ޚާންގެ "ރާދޭ: އިންޑިއާސް މޯސްޓް ވޯންޓެޑް ބާއީ" މި އަހަރުގެ ދިވާލީގައި ސިނަމާތަކަށް ގެންނަން މަސައްކަތްކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނިގޮތުގައި ފިލްމުގެ ޝޫޓިންގެ ތެރެއިން ނުނިމި ހުރި މަސައްކަތްތައް ވަރަށް އަވަހަށް ނިންމާލައި، ޕޯސްޓް-ޕްރޮޑަކްޝަން ވެސް ފުރިހަމަކޮށް، ވަަރަށް އަވަހަށް ޕްރޮމޯޝަންތައް ވެސް ފަށާނެ އެވެ. "ރާދޭ" އަކީ ޕްރަބޫދޭވާ ޑައިރެކްޓްކުރާ ފިލްމެކެވެ. މީގެ ބަތަލާ އަކީ ޑިޝާ ޕަޓާނީ އެވެ.

ނޮވެމްބަރު މަހު ފާހަގަކުރާ ދިވާލީ ފެސްޓިވަލްގެ ތެރޭގައި "ރާދޭ" ގެންނަން މަސައްކަތްކުރާ އިރު، އެ މަހުގެ 13 އަށް ވަނީ އަކްޝޭ ކުމާރުގެ ތާރީހީ ފިލްމު "ޕުރިތުވީރާޖް" ވެސް ތާވަލުކޮށްފަ އެވެ. އެކަމަކު އެ ފިލްމަކީ ވެސް ލޮކްޑައުނާ ހެދި ޝޫޓިން ހުއްޓިފައި އޮތް ފިލްމެކެވެ. އެ ފިލްމަކީ 2017 މިސް ވޯލްޑް މަނޫޝީ ޗިލާރް ބޮލީީވުޑަށް ތައާރަފުކުރާ ފިލްމު ވެސް މެ އެވެ.

ޕުލްކިތަށް ދެ ފިލްމެއް

"ސަނަމް ރޭ" އާއި "ފުކްރޭ" ފްރެންޗައިޒްގެ ބަތަލު ޕުލްކިޓް ސަމްރާޓް ދެ ފިލްމަކަށް ސޮއިކޮށްފި އެވެ.

މިހާތަނަށް މާ ބޮޑު މަޝްހޫރުކަމެއް ލިބިފައި ނުވާ އެކްޓަރު ސޮއިކުރި ދެ ފިލްމުގެ ތެރެއިން އެއް ފިލްމަކީ ސޯޝަލް ކޮމެޑީއެއްގެ ގޮތުގައި ގެނެސްދޭ "ސަސްވަގުތަމް ޚުޝްމަދީދް" އެވެ. މަނީޝް ކިޝޯރްގެ ސްކްރީންޕްލޭއަކަށް ހަދާ ފިލްމުގެ ޑައިރެކްޓަރަކީ ދީރަޖް ކުމާރެވެ.

މީގެ މަންޒަރުތައް ވަރަށް އަވަހަށް ނިއު ދިއްލީ އާއި ލަކްނޫގައި ނަގަން ފަށަން އަންނަނީ ތައްޔާރީތައް ވަމުންނެވެ.

މީޓާ4ފިލްމްސް އާއި އިންސައިޓް އިންޑިއާ އިން ޕްރޮޑިއުސްކުރާ މި ފިލްމާ އެކު، ހަމަ ޕުލްކިތު ސޮއިކުރި ދެވަނަ ފިލްމާ ބެހޭ އެއްވެސް މައުލޫމާތެއް އަދި ހިއްސާއެއްނުކުރެ އެވެ. ޕުލްކިތުގެ އެންމެ ފަހުން ފެނިފައި ވަނީ އޭނާގެ ލޯބިވެރިޔާ ކްރިތީ ކަރްބަންދާ ވެސް މުހިއްމު ރޯލެއް ކުޅުނު މިދިޔަ އަހަރުގެ ކޮމެޑީ ފިލްމު "ޕާގަލްޕަންތީ" އިންނެވެ.

އޭނާގެ ކުރިއަށް އޮތް ފިލްމަކީ ލޮކްޑައުނާ ހެދި ރިލީޒްކުރުން ފަސްކޮށްފައިވާ "ހާތީ މޭރާ ސާތީ" އާއި އަންނަ އަހަރު ގެނެސްދޭ "ތައިޝް" އެވެ.

ރިޕޯޓްތައް ބުނާގޮތުން ސަލްމާން ޕްރޮޑިއުސްކުރާ "ބުލްބުލް މެރިޖް ހޯލް" އަށް ވެސް ޕުލްކިތާއި ކްރިތީ ސޮއިކޮށްފައިވެ އެވެ.