Roadha Mihaaru
ލަންކާގައި މޫނުބުރުގާ މަނާކުރަނީ

މޫނުބުރުގާ އެޅުން މަނާކުރަން ލަންކާގައި ގާނޫނެއް ހަދަނީ

28 އެޕްރީލް 2019

މޫނުބުރުގާ އަޅައިގެން އުޅުން މަނާކުރުމަށް ބޭނުންވާ ގާނޫނުތައް ހަދަން ސްރީ ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރެމަސިންހާ އެ ގައުމުގެ ޖަސްޓިސް މިނިސްޓަރަށް ދަންނަވައިފި އެވެ.

މޫނުބުރުގާ އަޅައިގެން އުޅުން މަނާކުރުމަށް ބޭނުންވާ ގާނޫނުތައް ހަދަން ސްރީ ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރެމަސިންހާ އެ ގައުމުގެ ޖަސްޓިސް މިނިސްޓަރަށް ދަންނަވައިފި އެވެ.

ބޮޑުވަޒީރުގެ އޮފީހުން ބުނީ މިގޮތަށް ނިންމީ ލަންކާގެ މުސްލިމުންގެ ދީނީ އިލްމުވެރިންގެ ޖަމިއްޔާ އޯލް ސިލޯން ޔަމިއްޔަތުލް އުލަމާ (އޭސީޖޭޔޫ) އާ މަޝްވަރާކުރުމަށް ފަހުގައި ކަމަށެވެ. އަދި އެ ޖަމާއަތުން ކުރިން ވެސް ވަނީ މޫނުބުރުގާ މަނާކުރުމަށް ގަރާރެއް ހުށަހަޅައިފަ އެވެ.

އަމިއްލަ އަށް މަރުވެގެން ދިން ހަމަލާތަކަށް ފަހު ސަލާމަތީ ބާރުތަކުން ކުރިއަށް ގެންދާ އޮޕަރޭޝަންތަކުގައި މުސްލިމުން އެއްބާރުލުން ދިނުމަށާއި މި ދުވަސްވަރު މޫނުބުރުގާ އަޅައިގެން ނިކުމެ އުޅުމުން ސަލާމަތީ ބާރުތަކުގެ މަސައްކަތަށް އުނދަގޫވާނެ ކަމަށް ވެސް އޭސީޖޭޔޫ އިން ކުރިން ވަނީ ބުނެފަ އެވެ. އެހެންވެ މި ދުވަސްވަރު މޫނުބުރުގާ އަޅައިގެން ނޫޅެން އިލްތިމާސްކޮށްފައިވެ އެވެ.

މިދިޔަ އާދީއްތަ ދުވަހު ލަންކާގެ ކްރިސްޓިއަން ބައެއް ފައްޅިތަކާއި ބައެއް ހޮޓާތަކަށް ދިން ބޮމުގެ ހަމަލާތަކަށް ފަހު މުސްލިމުންނަށް އަމާޒުކޮށް އެކި ފިޔަވަޅުތައް އަންނަނީ އަޅަމުންނެވެ. ހަނގުރާމަވެރި އައިއެސް ޖަމާއަތުން ޒިންމާ ނަގާފައިވާ، 250 އަށް ވުރެ ގިނަ މީހުން މަރުވި ހަމަލާތަކުގައި ބައިވެރިވެފައި ވަނީ ލަންކާގެ ޖަމާއަތެއް ކަމަށްވާ ނެޝަނަލް ތައުހީދު ޖަމާއަތުގެ މެންބަރުންނެވެ. އެ ޖަމާއަތާއި އިތުރު އެހެން ޖަމާއަތެއް މިހާރު ވަނީ ލަންކާގައި މަނާކޮށްފަ އެވެ.

ހަމަލާތަކަށް ފަހު، ދީނީ ލޭއޮހޮރުވުންތަކެއްގެ ބިރު އިތުރަށް ބޮޑުވެފައި ވާއިރު މުޅި ގައުމުގައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފަ އެވެ. އަދި މުޅި ގައުމުގައި އަންނަނީ ބަލައި ފާސްކުރުމުގެ އޮޕަރޭޝަންތައް ހިންގައި ޝައްކު ކުރެވޭ މީހުން ހައްޔަރުކުރަމުންނެވެ.

ހަމަލާތަކަށް ފަހު، މިހާރުވެސް ބައެއް ހިސާބުތަކުގައި މުސްލިމުންނަށް ހުރަސްތައް ކުރިމަތިވާ ކަމުގެ ޝަކުވާ ވަނީ ބޮޑުވެފަ އެވެ. އެގޮތުން ބައެއް ފިހާރަތަކަށް ވެސް، މޫނުބުރުގާ އަޅައިގެން އުޅޭ މީހުން ނުވައްދާ ކަމަށްވެ އެވެ.