Roadha Mihaaru
ސްރީ ލަންކާގައި މޫނު ބުރުގާ މަނާކުރަނީ

ސްރީ ލަންކާގައި އާއްމު ތަންތަނުގައި މޫނު ބުރުގާ މަނާކުރަނީ

13 މާޗް 2021

ކޮލަމްބޯ (މާޗް 13) - ގައުމީ ސަލާމަތަށް އަޅާ ފިޔަވަޅެއް ކަމަށް ބުނެ އާއްމު ތަންތަނުގައި މޫނު ބުރުގާ އަޅައިގެން އުޅުން ސްރީ ލަންކާގައި މަނާކުރަން ނިންމައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކޮލަމްބޯ (މާޗް 13) - ގައުމީ ސަލާމަތަށް އަޅާ ފިޔަވަޅެއް ކަމަށް ބުނެ އާއްމު ތަންތަނުގައި މޫނު ބުރުގާ އަޅައިގެން އުޅުން ސްރީ ލަންކާގައި މަނާކުރަން ނިންމައިފި އެވެ.

ޕަބްލިކް ސެކިއުރިޓީ މިނިސްޓަރު ސަރަތު ވީރަސެކަރަ ބީބީސީ އަށް ވިދާޅުވީ މޫނު ބުރުގާ މަނާކުރަން ކެބިނެޓުން ނިންމި ނިންމުމުގައި އޭނާ ސޮއިކޮށްފައިވާ ކަމަަށެވެ. މިހާރު އެކަމަށް ދެން ބޭނުން ވަނީ ޕާލަމެންޓުން ފާސްކުރުން ކަމަށް ވެސް ވިދާޅުވި އެވެ.

އޮފިޝަލުން ބުނަނީ ލަންކާގައި މޫނު ބުރުގާ ވަރަށް އަވަހަށް މަނާކުރާނެ ކަމަށެވެ.

ލަންކާގައި މޫނު ބުރުގާ މަނާކުރަނީ އީސްޓަ ސަންޑޭއާ ދިމާކޮށް ލަގްޒަރީ ހޮޓާތަކަށާއި ފައްޅިތަކަށް އަމިއްލަ އަށް މަރުވެގެން ހަމަލާ ދިންތާ ގާތްގަނޑަކަށް ދެ އަހަރު ފަހުންނެވެ. އެ ހަމަލާތަކުގައި ވަނީ 250 އަށް ވުރެ ގިނަ މީހުން މަރުވެފަ އެވެ. ހަމަލާގެ ޒިންމާ ވަނީ އިސްލާމިކް ސްޓޭޓް (އައިއެސް) އިން އުފުލައިފަ އެވެ. އެ ހަމަލާ ދިން ދުވަސްވަރު ވެސް ލަންކާގައި ވަނީ މޫނު ބުރުގާ އަޅައިގެން އާއްމު ތަންތަނުގައި އުޅުން މަނާކޮށްފަ އެވެ.

ވީރަސެކަރަ ވިދާޅުވީ މޫނު ބުރުގާ އަޅައިގެން އުޅުމަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށާއި އެކަން ދާއިމީ ގޮތެއްގައި މަނާކުރަނީ އެހެންވެ ކަމަށެވެ. އޭނާ އަދި ވިދާޅުވީ 1،000 އަށް ވުރެ ގިނަ މަދަރުސާ (އިސްލާމިކް ސްކޫލް) ބަންދު ކުރަން ވެސް ނިންމާފައިވާ ކަމަށެވެ. އެ ތަންތަނުން ދަނީ ތައުލީމީ ސިޔާސަތާ ޚިލާފަށް ކިޔަވައިދެމުން ކަމަށް ވެސް ވީރަސެކަރަ ވިދާޅުވި އެވެ.

"ބޭނުން މީހަކު ބޭނުން ސްކޫލެއް ހުޅުވައި ކުޑަކުދިންނަށް އެ މީހުން ބޭނުންވާހާ އެއްޗެއް ކިޔަވައި ނުދެވޭނެ. ކިޔަވައިދޭން ޖެހޭނީ ސަރުކާރުގެ ތައުލީމީ ސިޔާސަތާ އެއްގޮތަށް،" ވީރަސެކަރަ ވިދާޅުވި އެވެ.

މުސްލިމް ކައުންސިލް އޮފް ސްރީ ލަންކާގެ ނައިބް ރައީސް ހިލްމީ އަހުމަދު ވިދާޅުވީ މޫނު ބުރުގާ އަޅައިގެން ތިބި މީހުން ދެނެގަންނަން އޮފިޝަލުންނަށް އުނދަގޫވާ ނަމަ، އެ މީހުންގެ އައިޑެންޓިޓީ ދެއްކުމުގެ ބޭނުމަކީ މޫނު ހާމަކުރަން ދެކޮޅު ހަދާނެ މީހަކު ނުހުންނާނެ ކަމަށެވެ. އަދި މޫނު ބުރުގާ އެޅުމަކީ ކޮންމެ މީހަކަށް ވެސް ލިބިގެންވާ ހައްގެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ހިލްމީ އަހުމަދު ވިދާޅުވީ ލަންކާގައި ގިނަ މަދަރުސާތައް ހިންގަނީ ސަރުކާރުގައި ރަޖިސްޓްރީކޮށްގެން ކަމަށެވެ. އޭނާ ވިދާޅުވީ ގަވާއިދާ ޚިލާފަށް ހިންގާނީ މަދު ތަނެއް ކަމަށާއި ފިޔަވަޅު އަޅަން ޖެހޭނީ ގަވާއިދާ ޚިލާފަށް ހިންގާ ތަންތަނަށް އެކަނި ކަމަށެވެ.

ކޮވިޑްގައި މަރުވާ މީހުން އަންދަން ސްރީ ލަންކާ އިން ހަމަޖެއްސުމުން އެ ގައުމުގެ މުސްލިމުންގެ ރުޅިވެރިކަން ވަރަށް ބޮޑަށް އިތުރުވެގެން ދިޔަ އެވެ. އެ ނިންމުމަށް ދާދި ފަހުން ބަދަލު ގެނައީ އެތައް ބަޔަކު ލަންކާ ސަރުކާރަށް ޕްރެޝަރު ކޮށްގެންނެވެ.