Roadha Mihaaru
މޫނު ބުރުގާ މަނާކުރަން ލަންކާގެ ކެބިނެޓުން ރުހުންދީފި

މޫނު ބުރުގާ މަނާކުރަން ލަންކާގެ ކެބިނެޓުން ރުހުންދީފި

28 އެޕްރީލް 2021

ކޮލަމްބޯ (އެޕްރީލް 28) - އާއްމު ތަންތަނުގައި އުޅޭ އިރު މޫނު ނިވާކޮށްގެން އުޅުން މަނާކުރުމުގެ ގޮތުން ޑްރާފްޓްކޮށްފައިވާ ބިލަށް ސްރީ ލަންކާގެ ކެބިނެޓުން އިއްޔެ ރުހުން ދީފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކޮލަމްބޯ (އެޕްރީލް 28) - އާއްމު ތަންތަނުގައި އުޅޭ އިރު މޫނު ނިވާކޮށްގެން އުޅުން މަނާކުރުމުގެ ގޮތުން ޑްރާފްޓްކޮށްފައިވާ ބިލަށް ސްރީ ލަންކާގެ ކެބިނެޓުން އިއްޔެ ރުހުން ދީފި އެވެ.

ކެބިނެޓުގެ ތަރުޖަމާން، މިނިސްޓަ އޮފް މާސް މީޑިއާ އެންޑް އިންފޮމޭޝަން ކެހެލިޔާ ރަމްބުކްވެއްލާ ވިދާޅުވީ އާއްމު ތަންތަނުގައި އުޅޭ އިރު މޫނު ބުރުގާ މަނާކުރަން ކެބިނެޓުގެ ރުހުން ދިނީ މޫނު ނިވާ ކުރުމުން އެއީ ކާކުކަން ދެނެގަންނަން ދަތިވާނެތީ ކަމަށެވެ. އަދި އެއީ ގައުމީ ސަލާމަތަށް ކުރިމަތިވާނެ ނުރައްކަލެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ދުނިޔޭގެ ބައެއް ހިސާބުތަކުގައި ވެސް މިފަދަ ފިޔަވަޅުތައް އަޅާ ކަމަށާއި މުސްލިމުން މޫނު ބުރުގާ އެޅުން މަނާކުރި ނަމަވެސް ސިއްހީ ގައިޑްލައިންތަކާ އެއްގޮތަށް ފޭސް މާސްކް ހުއްދަވާނެ ކަމަށެވެ.

މޫނު ބުރުގާ މަނާކުރުމުގެ ބިލް ކެބިޓަށް ހުށަހަޅާފައި ވަނީ މިނިސްޓަ އޮފް ޕަބްލިކް ސެކިއުރިޓީ، ރިޓަޔާޑް ރިއާ އެޑްމިރަލް ޑރ. ސަރަތު ވީރަސެކަރާ އެވެ.

ލަންކާގައި މޫނު ބުރުގާ މަނާކުރަނީ އީސްޓަ ސަންޑޭއާ ދިމާކޮށް ލަގްޒަރީ ހޮޓާތަކަށާއި ފައްޅިތަކަށް އަމިއްލަ އަށް މަރުވެގެން ހަމަލާ ދިންތާ ދެ އަހަރު ފަހުންނެވެ. އެ ހަމަލާތަކުގައި ވަނީ 250 އަށް ވުރެ ގިނަ މީހުން މަރުވެފަ އެވެ. ހަމަލާގެ ޒިންމާ ވަނީ އިސްލާމިކް ސްޓޭޓް (އައިއެސް) އިން އުފުލައިފަ އެވެ. އެ ހަމަލާ ދިން ދުވަސްވަރު ވެސް ލަންކާގައި ވަނީ މޫނު ބުރުގާ އަޅައިގެން އާއްމު ތަންތަނުގައި އުޅުން މަނާކޮށްފަ އެވެ.