Roadha Mihaaru
ރާއްޖޭ ލައިސަންސް މެލޭގައި ބޭނުންކުރެވޭގޮތް ވޭތޯ ބަލަނީ

ރާއްޖޭގެ ޑްރައިވިން ލައިސަންސް މެލޭޝިއާގައި އަލުން ބޭނުން ކުރެވޭ ގޮތް ހަދަން މަޝްވަރާ ކުރަނީ

30 އެޕްރީލް 2019

ރާއްޖޭގެ ޑްރައިވިން ލައިސަންސް މެލޭޝިއާގައި ބޭނުން ކުރެވޭ ގޮތް އަލުން ހަދަން ކަމާބެހޭ ފަރާތްތަކާ މަޝްވަރާކުރަމުން އަންނަ ކަމަށް، މެލޭޝިއާގައި ހުންނަވާ ދިވެހި ސަފީރު ވިސާމް އަލީ އިއްޔެ ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރާއްޖޭގެ ޑްރައިވިން ލައިސަންސް މެލޭޝިއާގައި ބޭނުން ކުރެވޭ ގޮތް އަލުން ހަދަން ކަމާބެހޭ ފަރާތްތަކާ މަޝްވަރާކުރަމުން އަންނަ ކަމަށް، މެލޭޝިއާގައި ހުންނަވާ ދިވެހި ސަފީރު ވިސާމް އަލީ އިއްޔެ ވިދާޅުވެއްޖެ އެވެ.

"މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ވިސާމް ވިދާޅުވީ އިންޓަނޭޝަނަލް ޑްރައިވިން ޕާމިޓެއް ނެތް ދިވެހިންނަށް މެލޭޝިއާގައި ކާރާއި ސައިކަލް ފަދަ ވެހިކަލް ދުއްވުން މިހާރު މަނާ ކަމަށެވެ. އެގޮތަށް ހަމަޖެއްސުމުން، ރާއްޖޭގެ ޑްރައިވިން ލައިސަންސް މެލޭޝިއާ ސަރުކާރުން މިހާރު ގަބޫލުނުކުރާ ކަމަށް ވިސާމް ވިދާޅުވި އެވެ.

ބޭރު ގައުމުތަކުގެ ޑްރައިވިން ލައިސަންސް މެލޭޝިއާގައި ބޭނުން ނުކުރެވޭ ގޮތް ހެދީ އެ ގައުމުގެ ބޮޑުވަޒީރު މަހާތިރު މުހައްމަދު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުންނެވެ.

މެލޭޝިއާގެ ވެރިރަށް ކުއަލަ ލަންޕޫރު. --- ފޮޓޯ: މުހައްމަދު ޔާމީން/ މިހާރު

މެލޭޝިއާގެ ވެރިރަށް ކުއަލަ ލަންޕޫރު. --- ފޮޓޯ: މުހައްމަދު ޔާމީން/ މިހާރު

"އެހެންވީމަ ރާއްޖެ އިން ދޭ ޑްރައިވިން ލައިސަންސަކީ މެލޭޝިއާގައި ދުއްވޭނެ އެއްޗަކަށް ނުވާތީވެ، އެބަ ޖެހޭ ކޮންމެވެސް ކަހަލަ އެއްބަސްވުމަކަށް އަންނަން. އެ މަސައްކަތް އެބަ ކުރަމުން ދޭ،" ކުއަލަ ލަންޕޫރުގައި ހުންނަ ދިވެހި އެމްބަސީގައި ދެއްވި އިންޓަވިއުގައި ވިސާމް ވިދާޅުވި އެވެ.

މެލޭޝިއާގައި 2،300 އަށް ވުރެ ގިނަ ދިވެހިން އުޅޭއިރު ރާއްޖޭގެ ޑްރައިވިން ލައިސަންސް މެލޭޝިއާގައި ބޭނުން ނުކުރެވޭ ގޮތް ހެދުމުން ބައެއް މީހުންނަށް އެކަމުގެ ދަތިކަން ވަނީ ކުރިމަތިވެފަ އެވެ. އެހެންވެ އެކަން ހައްލުކޮށްދިނުމަށް ސަރުކާރުން މަސައްކަތްކޮށްދިނުމަށް އަންނަނީ އެދެމުންނެވެ.

ދިވެހި އެމްބަސީގެ ސެކަންޑް ސެކްރެޓަރީ މުހައްމަދު ނަޖީލް ވިދާޅުވީ ރާއްޖޭގެ ޑްރައިވިން ލައިސަންސް މެލޭޝިއާގައި ބޭނުން ކުރެވޭ ގޮތް ވީހާ ވެސް އަވަހަކަށް ހަދަން މަސައްކަތްކުރާ ކަމަށެވެ. އެގޮތުން މެލޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓްރީއާ ދެ ފަހަރެއްގެ މަތިން ބައްދަލުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއާ ގުޅޭ ގޮތުން އެމްއޯޔޫއެއް ވަނީ ލިބިފައި. ލިބިގެން އެއަށް މަސައްކަތް ކުރަމުން މި ދަނީ. އިތުރު ބައްދަލުވުމެއް އޮތީ ހަމަޖެހިފައި. އެ ބައްދަލުވުމަށް ފަހު އެނގޭނީ ކިހިނެއް ކަން ވާނީ. މިއީ ހަފުތާއެއް، ދެ ހަފުތާއެއް ތެރޭގައި ނިންމާލެވޭ ކަންތައްތަކެއް ނޫން،" ނަޖީލް ވިދާޅުވި އެވެ.

މެލޭޝިއާގައި ދިރިއުޅޭ ދިވެހިންތަކެއް މިދިޔަ އާދިއްތަ ދުވަހު ބޭއްވި މާހެފުމުގައި ބައިވެރިވަނީ. --- ފޮޓޯ: މުހައްމަދު ޔާމީން/ މިހާރު

މެލޭޝިއާގައި ދިރިއުޅޭ ދިވެހިންތަކެއް މިދިޔަ އާދިއްތަ ދުވަހު ބޭއްވި މާހެފުމުގައި ބައިވެރިވަނީ. --- ފޮޓޯ: މުހައްމަދު ޔާމީން/ މިހާރު

ނަޖީލް ވިދާޅުވި ގޮތުގައި ރާއްޖޭގެ ޑްރައިވިން ލައިސަންސް މެލޭޝިއާގައި ބޭނުން ނުކުރެވޭ ގޮތަށް އޮތުމުން ދިވެހިންނަށް ވަރަށް ބޮޑަށް ދަތިވެ އެވެ. އަދި މެލޭޝިއާގެ ލައިސަންސް ހޯދުމަކީ ފަސޭހަ ކަމެއް ނޫން ކަމަށާއި އެކަމަށް ވަރަށް ގިނަ ދުވަސް ހޭދަވާ ކަމަށް ނަޖީލް ވިދާޅުވި އެވެ.

"އަނެއްކާ އެހާ އަގު ބޮޑު (ލައިސަން). އެނގޭ މިއީ ދަތި ކަމެއް ކަން ވެސް. އެކަމަކު މިއީކީ ހަމައެކަނި ރާއްޖެއަށް ވީ ކަމެއް ނޫން. ޓްރާންސްޕޯޓް މިނިސްޓްރީން ބަދަލު ގެނައީ ލައިސަންސް ދިނުމުގައި ކޮރަޕްޝަންގެ ކަންކަން ހިމެނޭތީ އެކަންކަން އިސްލާހު ކުރަން،" ނަޖީލް ވިދާޅުވި އެވެ.

ރާއްޖޭގެ ޑްރައިވިން ލައިސަންސް މެލޭޝިއާގައި ބޭނުންކުރުން ހުއްޓާލީ ވަގުތީ ގޮތުން ކަމަށް ނަޖީލް ވިދާޅުވި އެވެ. މެލޭޝިއާ ސަރުކާރުން ވަނީ ސިންގަޕޫރު ފިޔަވައި އެހެން ހުރިހާ ގައުމެއްގައި ބޭނުން ކުރަމުން އަންނަ ލައިސަންސް މެލޭޝިއާގައި ގަބޫލު ނުކުރަން ނިންމައިފަ އެވެ.

މެލޭޝިއާގައި ތައުލީމް ހާސިލް ކުރަމުން އަންނަ ދިވެހި ދަރިވަރުންގެ އަދަދު 1،500 އަށް ވުރެ ގިނަ އެވެ.