Roadha Mihaaru
ސަރުކާރުން ދަނީ ވަޒީފާގެ ބިރު ދައްކަމުން: ޕީއެންސީ

ސަރުކާރުން ދަނީ ވަޒީފާގެ ބިރު ދައްކަމުން: ޕީއެންސީ

01 މެއި 2019

ވެރިކަމާ ހަވާލުވުމަށް ފަހު މި ސަރުކާރުން އެތައް ބަޔަކު ވަޒީފާއިން ވަކިކޮށް، ސިޔާސީ މަގުސަދުގައި އެކި ފަރާތްތަކަށް ވަޒީފާގެ ބިރު ދައްކަމުންދާ ކަމަށް އިދިކޮޅު ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ން ބުނެފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ވެރިކަމާ ހަވާލުވުމަށް ފަހު މި ސަރުކާރުން އެތައް ބަޔަކު ވަޒީފާއިން ވަކިކޮށް، ސިޔާސީ މަގުސަދުގައި އެކި ފަރާތްތަކަށް ވަޒީފާގެ ބިރު ދައްކަމުންދާ ކަމަށް އިދިކޮޅު ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ން ބުނެފި އެވެ.

މިއަދު ފާހަގަކުރާ މަސައްކަތްތެރިންގެ މުނާސަބަތުގައި އެ ޕާޓީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، މަސައްކަތްތެރިންގެ ހާލާ މެދު ކަންބޮޑުވާ ކަމަށެވެ. އެހެންވެ، ވަޒީފާ އަދާކުރާ ފަރާތްތަކުގެ ހައްގުތައް ރައްކާތެރިކޮށް، ހަމަހަމަކަމާއި އިންސާފުން އަދި ގާނޫނީ ތަރަހައިގެ ތެރެއިން އަމަލު ކުރުމަށް ޕީއެންސީން ސަރުކާރަށް ގޮވައިލި އެވެ.

ޕީއެންސީގެ ނޫސް ބަޔާނުގައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި މަސައްކަތްތެރިންނާ މެދު އެމަނިކުފާނު އަމަލުކުރެއްވި ގޮތާއި ވަޒީފާތައް އުފެއްދެވުމަށް ކުރެއްވި މަސައްކަތްޕުޅުތަކަށް ތައުރީފުކޮށްފަ އެވެ. އެގޮތުން ޔާމީންގެ ޒައާމަތުގައި ރާއްޖޭގައި ރެކޯޑް އަދަދަކަށް ވަޒީފާ އިތުރުކޮށްފައިވާ ކަމަށް ޕީއެންސީން ބުންޏެވެ.

"ކުންފުނިތައް އުފައްދައި، އާ ވަޒީފާތައް އުފައްދައި އަދި ތަފާތު ސިނާއަތްތަކުން ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދީފައިވޭ. ވަޒީފާގެ މާހައުލުގައި ދިވެހިންނަށް އިސްކަންދީ، ބައެއް ވަޒީފާތައް ދިވެހިންނަށް ހާއްސަކުރި،" ޔާމީންގެ ސަރުކާރުގެ ދުވަސްވަރު ވެރިކަންކުރި ޕީޕީއެމާ އިއްތިހާދުވެފައިވާ ޕީއެންސީގެ ބަޔާނުގައި ވެ އެވެ.

އެ ޕާޓީން ބުނިގޮތުގައި، ރާއްޖޭގައި އާބާދީ އިތުރުވަމުންދާ ނިސްބަތަށް ބަލައި ވަޒީފާތައް ގިނަ ކުރަން ޖެހެ އެވެ. އެކަމަކު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ވެފައިވާ ވައުދާ އެއްގޮތަށް، މިދިޔަ ފަސް މަހުގެ ތެރޭގައި އެކަން ކޮށްފައި ނުވާ ކަމަށް ޕީއެންސީން ބުނެ އެވެ. އަދި ވަޒީފާ ނެތް މީހުންގެ އަދަދު އިތުރުވެ، ރައްޔިތުންގެ ބިކަވެ، މުޖުތަމައުގެ ތެރޭގައި މައްސަލަތައް އިތުރުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ޕީއެންސީން ބުންޏެވެ.

"އެހެންވެ، 19 ވަނަ މަޖިލީހުގެ ތެރެއިންނާއި ސަރުކާރުގެ ތެރެއިން ވީހާ ވެސް އަވަހަކަށް މި ކަންކަން ހައްލު ކުރުމަށް ގޮވާލަމެވެ." ނޫސް ބަޔާނުގައި ވެ އެވެ.

ޔާމީންގެ ސަރުކާރުގެ ދުވަސްވަރު އެތައް ބަޔަކު ވަޒީފާ އިން ވަކިކޮށްފައިވާ ކަމަށް ބުނެ އޭރުގެ އިދިކޮޅު ޕާޓީތަކުން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. ހާއްސަކޮށް ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުން ސިޔާސީ މަސައްކަތުގައި ގެންގުޅޭ ކަމަށް ބުނެ ގިނަ ބަޔަކު އޭރު ޝަކުވާ ކުރި އެވެ. އަދި އެ ދުވަސްވަރު، އުސޫލުތަކުން ބޭރުން ވަޒީފާ އިން ވަކިކުރި ބައެއް މީހުންނަށް ޝަރުއީ މަރުހަލާ އަށް ގޮސްގެން ވަނީ ވަޒީފާ އިޔާދަކޮށްފަ އެވެ.