Roadha Mihaaru
މަސައްކަތްތެރިންނަށްވީ ވައުދުފުއްދަން ގޮވާލަން: އިދިކޮޅު

ސަރުކާރުން މަސައްކަތްތެރިންނަށްވީ ވައުދު ފުއްދަން އިދިކޮޅުން ގޮވައިލައިފި

01 މެއި 2021

ރާއްޖޭގެ ހުރިހާ މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް، ސަރުކާރުން ވެފައިވާ ވައުދު ވީހާވެސް އަވަހަކަށް ފުއްދަން އިދިކޮޅު ޕީޕީޕީއެމް/ޕީއެންސީން މިއަދު ގޮވާލައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ރާއްޖޭގެ ހުރިހާ މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް، ސަރުކާރުން ވެފައިވާ ވައުދު ވީހާވެސް އަވަހަކަށް ފުއްދަން އިދިކޮޅު ޕީޕީޕީއެމް/ޕީއެންސީން މިއަދު ގޮވާލައިފި އެވެ.

މޭޑޭ ފާހަގަކުރަން އިދިކޮޅު ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނީ މިސަރުކާރު ވެރިކަަމަށް އައީ މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތްކުރަން ގިނަ ވައުދުތަކެއް ވެގެން ކަމަށާއި ރާއްޖޭގައި ދެވޭނެ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަކީ އެގޮތުން ވެފައިވާ އެންމެ ބޮޑު ވައުދު ކަމަށެވެ. އެކަމަކު މިސަރުކާރަށް ދެ އަހަރާއި ބައި ވާއިރު އެންމެ ކުޑަ އުޖޫރަ ކަނޑަނޭޅި އޮތުމަކީ އެކަމުގައި ސަރުކާރުގެ އިހުލާސްތެރިކަމެއް ނެތްކަން ދައްކައިދޭ ކަމެއް ކަމަށް ވެސް އިިދިކޮޅުގެ ބަޔާނުގައި ބުންޏެވެ.

"...މަސައްކަތްތެރިންގެ ދުވަހެއް ފާހަގަކުރެވޭ އިރު ސަރުކާރުގެ އެކިއެކި ލެވެލްތަކުން ނެރުއްވާ ބަޔާންްތަކާއި ދައްކަވާ ވާހަކަތަކަށް އަމަލީސިފައެއް ނުގެނެވޭތީ މިކޯލިޝަނުން ކަންބޮޑުވުން ފާޅުކުރަމެވެ. ރާއްޖޭގެ ހުރިހާ މަސައްކަތްތެރިންގެ ހައްގުތައް ކަށަަވަރުކޮށް ސަރުކާރުން ވެފައިވާ ވައުދުތައް ވީހާވެސް އަވަހަކަށް ފުއްދާދިނުމަސް މިކޯލިޝަނުން ގޮވައިލަމެވެ،" އިދިކޮޅު ކޯލިޝަނުގެ ބަޔާނުގައި ބުންޏެވެ.

މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށްދިނުމަށް ޓަކައި އެކަމާ ގުޅުންހުރި ގާނޫނުތައް އަވަހަށް ފާސްކުރުމަށް ވެސް އެ ބަޔާނުގައި ގޮވައިލި އެވެ.

މަަސައްކަތްތެރިންނާ ގުޅޭ މައިގަނޑު ދެކަންބޮޑުވުމެއް ބަޔާނުގައި ފާޅުކޮށްފައި ވެ އެވެ. އެއް ކަންބޮޑުވުމަކީ ކޮވިޑް-19 ގެ ބަލިމަޑުކަމާ ކުރިމަތިލުމުގައި އިސްސަފުގައި މަސައްކަތްކުރާ ހިދުމަތްތެރިންނަށް ހައްގު އުޖޫރަނުލިބުމުގެ ކަންބޮޑުވުމެވެ. އަދި އަނެއް ކަންބޮޑުވުމަކީ މަަސައްކަތްތެރި އަންހެނުންނަށް ކުރިމަތިވާ ޖިންސީ ގޯނާއާއި ފުރައްސާރައަށް އިންސާފު ނުލިބޭ ކަމުގެ ކަންބޮޑުވުމެވެ. އިސްސަފުގައި މަސައްކަތްކުރާ ހިދުމަތްތެރިންނަށް ދެމުން އަންނަ އެލަވަންސް ދިނުމުގައި ހަމަހަމަކަމެއް ނެތް ކަމަށް ވެސް ތުހުމަތުކޮށްފައި ވެ އެވެ.

ކޮވިޑްގެ ބަލިމަޑުކަމުގެ އެންމެ ބޮޑު އަސަރަކާއި ހިތްދަތިކަމަކާ ކުރިމަތިލާން ޖެހިފައި ވަނީ ރާއްޖޭގެ މަސައްކަތްތެރިންނަށް ކަމަށާއި އަމިއްލަ މަސައްކަތުން އާމްދަނީ ހޯދާ ފަރާތްތަކަށް ވެސް ހަމަ އެހާލަތު މެދުވެރިވެފައިވާ ކަމަށް ވެސް ބަޔާނުގައި ބުންޏެވެ.

ކޮންމެ އަހަރެއްގެ ވެސް މޭމަހުގެ ފުރަތަމަ ދުވަހަކީ ބައިނަލް އަގުވާމީ ގޮތުން ފާހަގަކުރާ މަސައްކަތްތެރިންގެ ދުވަހެވެ. އެ ދުވަސް ފާހަގަ ކުރުމަށް ގިނަ ގައުމުތަކުގައި މުޒަހާރާތަކާއި ހަޅުތާލުތައް ބާއްވަ އެވެ.