Roadha Mihaaru
ބިދޭސީއަކު ގެއްލިގެން ޅައިމަގުން ދެމީހަކު ހައްޔަރުކޮށްފި

ޅައިމަގުން ބިދޭސީއަކު ގެއްލުނު މައްސަލައެއްގައި ބަންގްލަދޭޝްގެ ދެ މީހަކު ހައްޔަރުކޮށްފި

01 މެއި 2019

ށ. ޅައިމަގުގައި ދުއްވާ މާލެ ދަތުރުކުރާ ބޯޓެއްގައި މަސައްކަތް ކުރާ ބަންގްލަދޭޝްގެ މީހަކު ގެއްލުނު މައްސަލައެއްގައި އެ ރަށުން ބަންގްލަދޭޝްގެ ދެ މީހަކު ހައްޔަރުކޮށްފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ށ. ޅައިމަގުގައި ދުއްވާ މާލެ ދަތުރުކުރާ ބޯޓެއްގައި މަސައްކަތް ކުރާ ބަންގްލަދޭޝްގެ މީހަކު ގެއްލުނު މައްސަލައެއްގައި އެ ރަށުން ބަންގްލަދޭޝްގެ ދެ މީހަކު ހައްޔަރުކޮށްފި އެވެ.

"ކުރިމަގު 1" ބޯޓުގެ ކައްޕި، އަލީ ޝަރީފް މިރޭ ބުނީ ލުތުފަރު ނަމަކަށް ކިޔާ ބަންގްލަދޭޝްގެ އެ މީހާ ގެއްލުނުކަން އެނގުނީ މިދިޔަ މަހުގެ 22 ވަނަ ދުވަހު، ބޯޓު މާލެ ފުރަން ބެލި އިރު އޭނާ އެ ބޯޓުގައި ނެތުމުން ކަމަށެވެ. ކުރިމަގު ބޯޓުގައި ލުތުފަރާ އެކު އިތުރު ހަތަރު ބިދޭސީއަކު އުޅެ އެވެ.

ފުލުހުން ބުނިގޮތުގައި، އެ މައްސަލައާ ގުޅިގެން އުމުރުން 30 އަހަރާއި 36 އަހަރުގެ ބަންގްލަދޭޝްގެ ދެ ފިރިހެނަކު ވަނީ ހައްޔަރުކޮށްފަ އެވެ. އެކަމަކު، އެއީ ބޯޓުގައި މަސައްކަތް ކުރާ ބައެއް ކަމެއް ނުވަތަ ނޫން ކަަމަކަށް ފުލުހުން ނުބުނެ އެވެ.

ފުލުހުން ބުނީ، ލުތުފަރު ގެއްލިގެން ށ. ފުނަދޫ ޕޮލިސް ސްޓޭޝަނަށް ޅައިމަގު ކައުންސިލުން އެންގީ މިދިޔަ މަހުގެ 22 ވަނަ ދުވަހު މެންދުރު 12:17 ހާއިރު ކަމަށާއި އެކަމަކު، އޭރު ކުރިމަގު ބޯޓު ވަނީ މާލެ އައުމަށްޓަކައި ފުރާފައި ކަމަށެވެ. އަދި، ބޯޓު މާލެ އަށް ލެފުމުން، ބޯޓަށް އަރައި ޗެކްކޮށް، ބޯޓުގެ ކެޕްޓަނާއި ފަޅުވެރިންނާ ފުލުހުން ސުވާލު ކޮށްފައިވާ ކަމަށް ފުލުހުން މީޑިއާ އަށް ފޮނުވި މެސެޖުގައި ވެ އެވެ.

"ފުލުހުން މިދަނީ މި މައްސަލައިގެ ތަހުގީގަށް ލިބޭ ކޮންމެ މައުލޫމާތެއްގެ ސައްހަކަން ކަށަވަރުކޮށް ޔަގީން ކުރަމުން. މި މައްސަލަ އަކީ ތަހުގީގު ކުރިއަށް ދާ މައްސަލައެއް ކަމުން، ދެވެން އޮތް މިންވަރަކުން މައުލޫމާތު ހިއްސާ ކުރާނެ ވާހަކަ ދަންނަވަން،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

އަލީ ޝަރީފް ބުނީ މައްސަލައާ ގުޅިގެން ސުވާލު ކުރުމަށް ފުލުހުން ދެ މީހަކު ހައްޔަރުކުރި ކަމަށާއި ބޯޓުގެ އެއްވެސް މީހަކު ބަންދު ނުކުރާ ކަމަށެވެ.

މީގެ މަހެއްހާ ދުވަސް ކުރިން މާލެއިން ކުރިމަގު ބޯޓަށް އެރި ލުތުފަރު ކައިބޮއި އަދި ނިދައި ހަދަނީ ވެސް އެ ބޯޓުގަ އެވެ.

"މާލެ ފުރަން ވެގެން ފަތިހު އަޅުގަނޑު ބޯޓަށް ދިޔައިރު ލުތުފަރު ނޫން އެންމެން ވެސް އޭގައި ތިބި. އެ މީހުން ކައިރީ އޭނާ ކޮބައިތޯ އެހުމުން ބުނީ ނޭނގެއޭ. ދެން އަޅުގަނޑުމެން ބޯޓާއި އަތިރިމައްޗާއި ތަންތަން ވެސް ބެލިން،" ބޯޓުގެ ކައްޕި ބުންޏެވެ.

"އެކަމަކު ޝެޑިއުލާ އެއްގޮތަށް އަޅުގަނޑުމެން ފުރަން ނިންމީ، ރަށުގައި ހުންނަ ބަންގްލަދޭޝްގެ ސައިޓެއްގައި އޭނާ ނިދާފައި އޮތް ކަމަށް ބަލައި."

އަލީ ޝަރީފު ބުނީ ބޯޓު ފުރުމަށް ފަހު، ބަންގްލަދޭޝްގެ މީހާ ހޯދައިދިނުމަށް އެދި ރަށު ކައުންސިލަށް އެންގި ކަމަށާއި ފަހުން ފުލުހުންނާ އެކު ކުރި މަސައްކަތުން ވެސް އޭނާ ފެންނަ ގޮތެއް ނުވި ކަމަށެވެ.

އަދި ބުނީ މަހެއް ފަހުން އެނބުރި ގައުމަށް ދާން ނިންމައިގެން ހުރި ލުތުފަރާ ގުޅޭގޮތުން ބޯޓުގައި ތިބި ބިދޭސީންނާ ވެސް ސުވާލު ކުރި ކަމަށާއި އެކަމަކު އެ މީހުން ބުނީ އޭނާއަށް ވީގޮތް ނޭނގޭ ކަމަށެވެ.

"އަޅުގަނޑު އެ ދުވަހު އިރުއޮއްސުން އިރު ބޯޓަށް ދިޔައިރު ވެސް ލުތުފަރާ އެހެން މީހުން ވެސް ބޯޓުގައި އުޅޭ. އަނެއްހެން އެއްވެސް މައްސަލައެއް ޖެހިގެން އުޅޭހެނެއް ހީއެއް ނުވޭ. އެންމެން ވެސް ތިބީ ހަމަޖެހިފައި،" އަލީ ޝަރީފް ބުންޏެވެ.

"އެހެންވެ، މި ދަންނަވަނީ އޭނާ އަށް ވީ ގޮތެއް ހަމަ އެއްގޮތަކަށް ވެސް ނޭނގެއޭ. މަރާލީ ކަމެއް ނުވަތަ އެހެން ކަމެއް ވީކަމެއް ވެސް ނޭނގޭ."