Roadha Mihaaru
ހަނދާންނެތޭ ބަލީގެ އާ ވައްތަރެއް ހޯދިއްޖެ

ހަނދާންނެތޭ ބަލީގެ އާ ވައްތަރެއް ހޯދިއްޖެ

04 މެއި 2019

ޑިމެންޝާ ނުވަތަ ހަނދާން ނެތޭ ބަލީގެ އާ ވައްތަރެއް ހޯދިފައިވާ ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޑިމެންޝާ ނުވަތަ ހަނދާން ނެތޭ ބަލީގެ އާ ވައްތަރެއް ހޯދިފައިވާ ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.

ބްރޭން ޖާނަލްގައި ޝާއިއުކޮށްފައިވާ ރިޕޯޓެއްގައި ބުނާ ގޮތުން ޑިމެންޝާގެ އެންމެ އާންމު ވައްތަރު ކަމަށްވާ އަލްޒެއިމާއާ ދާދި އެއްކަހަލަ އަލާމަތްތަކެއް ފެންނަ އާ ބައްޔަށް ދީފައިވާ ނަމަކީ ލޭޓް (ލިމްބިކް-ޕްރިޑޮމިނަންޓް އޭޖް ރިލޭޓެޑް ޓީޑީޕީ-43) އެވެ.

ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި އަލްޒެއިމާ ހުންނަ މީހުންގެ ތެރެއިން ތިންބައިކުޅަ މީހުންނަކީ ލޭޓްގެ މައްސަލަ ވެސް ހުންނަ މީހުން ކަމަށް ބެލެވެ އެވެ. އަދި އަލްޒެއިމާއާ ހިލާފަށް އަލަށް ހޯދުނު ބައްޔަކީ ސިކުނޑި އަށް ތަފާތު ގޮތަކަށް ހަމަލާ ދޭނެ ބައްޔެކެވެ.

ޑޮކްޓަރުން ލަފާކުރައްވާ ގޮތުގައި އުމުރުން 80 އަހަރުން މަތީގެ ކޮންމެ ފަސް މީހުންގެ ތެރެއިން އެކަކީ ލޭޓް ހުންނަ މީހެކެވެ. އެހެންވެ މިއީ މިހާރުން މިހާރަށް ވެސް ފަރުވާއެއް ހޯދަން ޖެހިފައިވާ ބައްޔެއް ކަމަށް ބުންޏެވެ.

"އަހަރެމެންގެ އެންމެ ބޮޑު އެއް އަމާޒަކީ ލޭޓްގެ ޝިކާރައަކަށްވުމުން ރައްކާތެރިވެވޭނެ ގޮތެއް ހޯދުން ނުވަތަ އެއަށް ފަރުވާއެއް ހޯދުން،" ނެޝަނަލް އިންސްޓިޓިއުޓް އޮފް އޭޖިންގެ އަލްޒެއިމާ ޑިޒީސް ސެންޓާޒް ޕްރޮގްރާމްގެ ޑިރެކްޓަރު ނިނާ ސިލްވަބާގް ލައިބް ސައިންސަށް ވިދާޅުވި އެވެ. "ފުރަތަމަ ކަމަކަށް އެބަޖެހޭ ލޭޓް ކުރިމަތިވާން މެދުވެރި ކުރުވާ ސަބަބުތައް ދެނެގަންނަން."

އަލްޒެއިމާ އާއި ލޭޓްއާ ހުރި މައިގަނޑު ތަފާތަކީ ސިކުނޑީގައި އުފައްދާ ޕްރޮޓީންގެ ބާވަތުގައި ހުރި ތަފާތެވެ. އަލްޒެއިމާގައި އެއީ ބީޓާ-އެމިލޮއިޑް އާއި ޓާއު އެވެ. ލޭޓްގައި އެއީ ޓީޑީޕީ-43 އެވެ. އަދި މި ޕްރޮޓީންތައް ދެނެގަނެވެނީ މީހާ މަރުވާ ފަހުން ހަދާ އޮޓޮޕްސީއަކުންނެވެ.

ޔުނިވަސިޓީ ކޮލެޖް ލަންޑަންގެ ޕްރޮފެސަރު ރޮބަޓް ހަވަޑް ވިދާޅުވި ގޮތުގައި ލޭޓްއަކީ ޑިމެންޝާއާ ގުޅޭ ގޮތުން ފާއިތުވި ފަސް ވަރަކަށް އަހަރުގެ ތެރޭގައި ހޯދުނު އެންމެ މުހިއްމު އެއް ހޯދުމެވެ.

"އަދި ފާހަގަކޮށްލަން ޖެހޭ ކަމަކީ އަލްޒެއިމާ އަށް މިހާރު ބޭނުން ކުރާ ބޭހަކީ ލޭޓަށް ފަރުވާ ކުރުމުގެ ގާބިލުކަން ކުރި ބޭހެއް ނޫންކަން،" އޭނާ ވިދާޅުވި އެވެ. "އެހެންވީމާ މިއީ ފަރުވާއެއް ހޯދަން މުސްތަގުބަލުގައި ކުރާ މަސައްކަތަށް ވަރަށް ބޮޑަށް ފޯކަސް ކުރަން ޖެހޭނެ އަދި ބޮޑެތި މަސައްކަތްތަކެއް ކުރަން ޖެހޭނެ ކަމެއް."

ޑިމެންޝާ އަކީ އެއްކޮށް ރަނގަޅު ކުރެވޭ ބައްޔެއް ނޫނެވެ.