Roadha Mihaaru
އިންޑިއާ މީހުންގެ ސިކުނޑި ކުޑަ

އިންޑިއާ މީހުންގެ ސިކުނޑި ކުޑަ ކަމަށް ދިރާސާއަކުން ދައްކައިފި

02 ނޮވެމްބަރ 2019

ދުނިޔޭގެ އެހެން ހިސާބުތަކުގެ މީހުންގެ ސިކުނޑި އަށްވުރެ އިންޑިއާ މީހުންގެ ސިކުނޑި ނިސްބަތުން ކުޑަ ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ދުނިޔޭގެ އެހެން ހިސާބުތަކުގެ މީހުންގެ ސިކުނޑި އަށްވުރެ އިންޑިއާ މީހުންގެ ސިކުނޑި ނިސްބަތުން ކުޑަ ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.

ނިއުރޮލޮޖީ އިންޑިއާ ޖާނަލްގައި ޝާއިއުކޮށްފައިވާ ހައިދަރުއާބާދުގެ އިންޓަނޭޝަނަލް އިންސްޓިޓިއުޓް އޮފް އިންފޮމޭޝަން ޓެކްނޮލޮޖީ (އައިއައިއައިޓީ-އެޗް) ގެ ދިރާސާގައި ބުނިގޮތުގައި ދުނިޔޭގެ އެހެން ގައުމުތަކުގެ މީހުންގެ ސިކުނޑި އަށް އަށް ވުރެ އިންޑިއާ މިހުންގެ ސިކުނޑީގެ ބޮޑުމިނާއި ބަރުދަން ވެސް އެވްރެޖްކޮށް ތަފާތެވެ.

އެގޮތުން ސިކުނޑީގެ ސައިޒް ކުޑަވުމުގެ ނަތީޖާ އަކީ އަލްޒެއިމާ އާއި އެ ނޫން ވެސް ސިކުނޑީގެ އެހެން ބަލިތަކަށް ހުށަހެޅުން އަވަސްވުން ކަމަށް ވެސް ދިރާސާގައި ބުންޏެވެ.

ދިރާސާ ޓީމުގައި ހިމެނޭ ސެންޓަ ފޮ ވިޝުއަލް އިންފޮމޭޝަން ޓެކްނޮލޮޖީގެ ޖަޔަންތީ ސިވަސްވާމީ ވިދާޅުވި ގޮތުގައި މި ދިރާސާ ހަދާފައި ވަނީ އާންމުކޮށް ހުޅަނގުގެ މީހުންގެ ސިކުނޑީގެ ސައިޒް މިނެކިރާ މޮންޓްރިއަލް ނިއުރޮލޮޖިކަލް އިންސްޓިޓިއުޓް (އެމްއެންއައި) ގެ ޓެމްޕްލޭޓްގެ ސްޓެންޑާޑަށް ރިއާޔަތްކޮށްގެންނެވެ.

އެގޮތުން ފާހަގަކުރެވުނީ ހުޅަނގުގެ ގައުމުތަކަށް ނުވަތަ ދުނިޔޭގެ އެހެން ހިސާބުތަކަށް ނިސްބަތްވާ މީހުންގެ ސިކުނޑި އަށް ވުރެ އިންޑިއާ މީހުންގެ ސިކުނޑި އެވްރެޖްކޮށް ކުޑަކަމެކެވެ.

"މި ފަރަގަކީ އަހަރެމެން ސަމާލުވާންޖެހޭ ކަމެއް. އަދި މިއިން ދައްކުވައި ދެނީ ސިކުނޑީގެ ބަލިތަކަށް އަހަރެމެން ދުރާލައި ރައްކާތެރިވުމުގެ މުހިއްމުކަން ބޮޑުކަން،" ޖަޔަންތީ ވިދާޅުވި އެވެ. "ސިކުނޑި ކުޑަވުމަކީ ސިކުނޑީގެ ބަލިތައް އަވަހަށް ކުރިމަތިވާ ކަމެއްކަން ދިރާސާ އިން ދައްކާ ނަމަ އޭގެ މާނައަކީ އެކަމަށް ދުރާލައި ފިޔަވަޅުތައް އެޅުމަކީ ކުރަން ޖެހޭ ކަމެއްކަން. ސިކުނޑީގެ ހާލަތު ދުރާލައި އެނގުމަކީ ރައްކާތެރިކަމުގެ ފިޔަވަޅަކަށް ވާނެ."

އޭނާ ވިދާޅުވި ގޮތުގައި މި ދިރާސާގެ އަލީގައި މިހާރު އަންނަނީ ސިކުނޑީގެ އޭޖިން ޕްރޮސެސް އިތުރަށް ދެނެގަތުމަށް މަސައްކަތްތަކެއް ކުރަމުންނެވެ.

"މީހާ އުމުރުން ދުވަސްވާ ވަރަކަށް ސިކުނޑި އަށް އަންނަ ބަދަލުތައް ތަފާތުވޭ. އަހަރެމެންގެ ފޯކަސް މިހާރު ހުރީ އޭޖިން ޕްރޮސެސްއާ އެކު އިންޑިއާގެ މީހުންގެ ސިކުނޑި އަށް އަންނަ ބަދަލުތައް އިތުރަށް ދެނެގަތުން. ސިކުނޑީގެ ސްޓަރަކްޗާ އަށް އަންނަ ބަދަލުތައް އިތުރަށް ދެނެގަތުން،" ޖަޔަންތީ ވިދާޅުވި އެވެ. "ދިރާސާގައި ވެސް އެބަ ބުނޭ މި ބަދަލާއި އަލްޒެއިމާ (ޑިމެންޝާ) އާ ވެސް ގުޅުން ބޮޑު ކަމަށް."