Roadha Mihaaru
އިސްލާހުކުރަން މަސައްކަތް ކުރުމުގެ އެބައޮތް: ޑީޖޭއޭ

ޝަރުއީ ދާއިރާ އިސްލާހުކުރަން މަސައްކަތް ކުރުމުގެ ބާރު ސުޕްރީމް ކޯޓަށް އެބައޮތް: ޑީޖޭއޭ

02 މެއި 2019

ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ މަގު ޗާޓް އެކުލަވާލައި، އެކަމަށް މަސައްކަތް ކުރުމުގެ ބާރު ސުޕްރީމް ކޯޓަށް އެބަ އޮތް ކަމަށް ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން މިއަދު ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ މަގު ޗާޓް އެކުލަވާލައި، އެކަމަށް މަސައްކަތް ކުރުމުގެ ބާރު ސުޕްރީމް ކޯޓަށް އެބަ އޮތް ކަމަށް ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން މިއަދު ބުނެފި އެވެ.

ޝަރުއީ ދާއިރާއިން ރޭ އިއުލާންކުރި ޖުޑިޝަލް އިންޑިޕެންޑެންސް އެންޑް ރިފޯމް ރޯޑް މެޕާ ގުޅިގެން ޑީޖޭއޭ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޖުޑީޝަލް އެކަޑަމީގެ ޗާންސެލަރު އަހުމަދު މާޖިދު ވިދާޅުވީ ތިން ބާރު ވަކިވެފައިވާ ނިޒާމެއްގައި އަދުލު އިންސާފު ގާއިމުކުރުމުގެ އެންމެ އިސް ފަރާތަކީ ސުޕްރީމް ކޯޓު ކަމަށެވެ. ސަރުކާރުގެ ތެރޭގައި ވެސް ކަންކަން އިސްލާހުކުރަނީ ސަރުކާރުގެ އެންމެ އިސް ފަރާތަކުން ކަން ފާހަގަކޮށް، އޭނާ ވިދާޅުވީ ކޮންމެ ތަނެއް ވެސް އިސްލާހުކުރަން މަސައްކަތް ކުރުމުގެ އެންމެ ބޮޑު ޒިންމާއެއް އޮންނާނީ އެތަނެއްގެ އެންމެ އިސް ފަރާތަކަށް ކަމަށާއި ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ މަސައްކަތް ބާރު ސުޕްރީމް ކޯޓަށް އެބައޮތް ކަމަށް މާޖިދު ވިދާޅުވި އެވެ.

"އަދުލު އިންސާފު ގާއިމުކުރުމުގެ އެންމެ މަތީ ފަރާތަކީ، އެންމެ އިސް ސުޕްރީމް ކޯޓު. އެއްވެސް އެތަނެއްގައި އިސްލާހު ކުރުމުގެ ދުސްތޫރީ ބާރު ނޫނީ މެންޑޭޓް އެންމެ ބޮޑަށް އޮންނާނީ އެތަނެއްގެ އެންމެ އިސް ފަރާތަކަށް. މިސާލަކަށް ޖަމްއިއްޔާއެއް އިސްލާހު ކުރުމުގެ ބާރު ނުވަތަ ދައުރު އަދާ ކުރަންޖެހޭނީ އެތަނެއްގެ އެންމެ އިސް ފަރާތަކުން. އެއީ ރައީސް ކަމަށް ވިޔަސް، ޗެއާމަން ކަމަށް ވިޔަސް." މާޖިދު ވިދާޅުވި އެވެ.

މާޖިދު ވިދާޅުވީ އެ ރޯޑް މެޕްގައި ހިމެނޭ ކަންކަން ތަންފީޒު ކުރުމުގެ އެކްޝަން ޕްލޭން ވެސް އެކުލަވާލާނީ ކަމާބެހޭ ހުރިހާ މުއައްސަސާތަކާއި ބޭރުގެ ފަރާތްތަކާއި އަދި ވަކީލުންގެ ވެސް ބައިވެރިވުމާ އެކު ކަމަށެވެ. އަދި އެ ރޯޑް މެޕްގައި ގާނޫނުތައް އިސްލާހުކުރުން ފަދަ ކަންކަން ވެސް އެކަންކަމަށް ރައްޔިތުންގެ މަޖިލީހުގެ އެއްބާރުލުން ބޭނުންވާނެ ކަމަށާއި އެ އެއްބާރުލުން ލިބޭނެ ކަމާ މެދު ޝައްކު ނުކުރައްވާ ކަމަށް މާޖިދު ވިދާޅުވި އެވެ.

"އެއީ ރައްޔިތުންގެ މަޖިލީހުގެ ދުސްތޫރީ މަސްއޫލިއްޔަތަކީ ވެސް. އެހެންވީމަ އެކަމާ މެދު އަޅުގަނޑުމެން އެއްވެސް ޝައްކެއް ނުކުރަން. ވާހަކައަކީ އަޅުގަނޑުމެން މިކުރާ މަސައްކަތުގެ ތެރެއިން އިސްލާހު ކުރަންޖެހޭ ގާނޫނުތައް އިސްލާހު ކުރުން. ހަދަންޖެހޭ ގާނޫނުތައް ހެދުމުގައި ރައްޔިތުންގެ މަޖިލީހުގެ ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް އަދި ލަސްނުވާނެ ގޮތަކަށް މި މަސައްކަތް ކުރައްވާނެ ކަމަށް އަޅުގަނޑުމެންގެ ފުރިހަމަ ޔަގީންކަމާ އިތުބާރު އެބައޮތް." މާޖިދު ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ޖުޑިޝަލް އެޑްމިނިސްޓްރޭޓާ ޑރ. އަބްދުﷲ ނަޒީރު ވިދާޅުވީ ރޯޑް މެޕް އެކުލަވާލީ ދައުލަތުގެ ކަމާބެހޭ އެކި ފަރާތްތަކާއި ބޭރުގެ ޖަމާއަތްތަކާ އެކު މިދިޔަ ފެބްރުއަރީ މަހު ބޭއްވި ކޮންފަރެންސްގައި ހޯދި ޚިޔާލުތަކަށް ފަހު ކަމަށެވެ. ތިން ބާރު ވަކިވެފައިވާ ނިޒާމެއްގައި ދައުލަތުގެ ކަންކަން އިސްލާހު ކުރެވޭނީ ހުރިހާ މުއައްސަސާތަކެއް ވެސް ބައިވެރިވެގެން ކަމަށާއި އެހެންވެ، އެ ރޯޑް މެޕްގައި ހިމެނޭ ކަންކަން ތަންފީޒުކުރާނީ އެހެން މުއައްސަސާތަކުގެ ވެސް ބައިވެރިވުމާ އެކު އެކުލަވާލާ އެކްޝަން ޕްލޭނެއްގެ މައްޗަށް ބިނާކޮށް ކަމަށް ނަޒީރު ވިދާޅުވި އެވެ.

"އެއީ ދައުލަތެއްގެ ތެރޭގައި މި ހިމެނޭ އެއް ބަޔަކު އަނެއް ބަޔަކަށް އެއްބާރުލުން ދީގެން އަޅުގަނޑުމެންގެ ކަންތައްތައް ރަނގަޅު ކުރެވޭނީ. އެއީ އަޅުގަނޑުމެން އެންމެން ވެސް މި ކުރަނީ އެއް މަސައްކަތެއް. އެއީ ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށް ދިނުން." ނަޒީރު ވިދާޅުވި އެވެ.

ނަޒީރު ވިދާޅުވީ އެ ރޯޑް މެޕްގައި ހިމެނޭ ކަންކަމުގެ ތެރެއިން މިހާރުން މިހާރަށް ޝަރުއީ ދާއިރާއަށް ތަންފީޒު ކުރެވޭނެ ކަންކަން ފުރިހަމަ ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. އެގޮތުން އާންމުންނަށް ޚިޔާލު ހުށަހެޅުމުގެ ފުރުސަތު ފަހިކޮށް ދިނުމާއި ކޯޓުތަކުގެ އިދާރީ ހިންގުން ހަރުދަނާކޮށް، ފަސޭހައިން މައްސަަލަތައް ހުށަހެޅޭނެ އިންތިޒާމް ހަމަޖެއްސުމާއި ޓެކްނޮލޮޖީ ބޭނުން ކޮށްގެން ޝަރީއަތްތަކުގެ ކަންކަން ފަސޭހަ ކުރުމުގެ މަސައްކަތް މިހާރު ވެސް ކުރަމުންދާ ކަމަށް ނަޒީރު ވިދާޅުވި އެވެ. އެކަމަކު ގާނޫނުތައް އިސްލާހު ކުރުން ފަދަ ކަންކަން އެހެން މުއައްސަސާތަކާ ގުޅިގެން ކުރުމަށް ވަގުތުތަކެއް ނަގާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ކޯޓުތަކަށް ހާޒިރު ކުރުމުގައި މި އޮންނަ އުނދަގޫތައް ފަސޭހަ ކުރުމަށްޓަކައި އަޅުގަނޑުމެން ހުރިހާ ކޯޓެއްގައި ހެކިބަސް ނެގޭނެ އިންތިޒާމް ގާއިމް ކުރުމާއި މިކަންތައްތަކަކީ މިހާރު ވެސް އަޅުގަނޑުމެން ކުރަމުން އަންނަ ކަންކަން." ނަޒީރު ވިދާޅުވި އެވެ.

ނަޒީރު ވިދާޅުވީ އެ ރޯޑް މެޕްގައި ހިމެނޭ ކަންކަމުގެ ތެރޭގައި ކުރު މުއްދަތުގެ ތެރޭގައި ކުރަންޖެހޭ ކަންކަމާއި ދިގު މުއްދަތުން ހާސިލް ކުރަންޖެހޭ ކަންކަން ވެސް ހިމެނޭ ކަމަށެވެ. އެ ރޯޑް މެޕް އެއްކޮށް ތަންފީޒުކޮށް ނިމޭއިރު، މިހާރު ހުރި ޝަކުވާތަކާއި ކަންބޮޑުވުންތައް ހައްލު ވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.