Roadha Mihaaru
ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް ހުޅުވާލައިފި

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފި

17 ސެޕްޓެމްބަރ 2024

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ހުޅުވާލައިފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ހުޅުވާލައިފި އެވެ.

އެ މަގާމަށް ކުރިމަތިލާން ޖޭއެސްސީން މިއަދު ހުޅުވާލީ އެ މަގާމުގައި އެންމެ ފަހުން ހުންނެވި އައިޝަތު ރިޒްނާ ދާދިފަހުން އިސްތިއުފާ ދެއްވުމުންނެވެ. އޭނާ އެ މަގާމުން އިސްތިއުފާ ދެއްވީ ޖޭއެސްސީއާ އެކު މަސައްކަތް ކުރެވޭނެ މާހައުލެއް ނެތް ކަމަށް ވިދާޅުވެ އެވެ.

ޖޭއެސްސީން މިއަދު ކުރި އިއުލާނެއްގައިވަނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 26 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.

ޝަރުއީ ދާއިރާގެ އިދާރީ ކަންކަމާ ބެހޭ އެންމެ އިސްވެރިއެއްގެ ގޮތުގައި އައްޔަން ކުރާ އެ މަގާމުގެ ތައުލީމީ ޝަރުތަކީ އިދާރީ ހިންގުން ނުވަތަ ގާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލްކޮށްފައިވުމާ އެ ދާއިރާއިން މަދުވެގެން 10 އަހަރުގެ ތަޖުރިބާ ލިބިފައިވުމެވެ.

ފަސް އަހަރުގެ މުއްދަތަކަށް އައްޔަންކުރާ އެ މަގާމުގެ މުސާރަ އާއި އިނާޔަތްތަކުގެ ގޮތުގައި މަހަކު 47،000ރ. ލިބެ އެވެ.

ރިޒްނާ އިސްތިއުފާ ދެއްވިއިރު، އޭނާއާ ގުޅޭގޮތުން ހުށަހަޅާފައިވާ މައްސަލަތަކެއް ޖޭއެސްސީން ދިޔައީ ބަލަމުންނެވެ. "މިހާރު" އަށް އެނގިފައިވާ ގޮތުގައި ރިޒްނާއާ ގުޅޭ ގޮތުން ބަލަމުން ދިޔައީ ފަނޑިޔާރުންގެ ހެލްތު އިންޝުއަރެންސްގެ މައްސަލައަކާއި މުވައްޒަފުން ނެގުމުގައި އަމަލުކޮށްފައިވާ ގޮތުގެ މައްސަލަތަކެކެވެ.

ރިޒްނާ އެ މަގާމަށް އައްޔަންކުރީ ސުޕްރީމް ކޯޓުގެ ދަށުގައި ކުރިން އޮތް ޑީޖޭއޭގެ ހިންގުން ޖޭއެސްސީގެ ދަށަށް ބަދަލުކުރަން ޖޭއެސްސީގެ ގާނޫނަށް ގެނައި އިސްލާހަކާ ގުޅިގެން 2020 ވަނަ އަހަރު އެވެ. އޭނާ ކުރިން ވަނީ ސުޕްރީމް ކޯޓާއި ސިވިލް ކޯޓުގެ އިތުރުން ޔޫއެންޑީޕީގެ މަގާމުތަކެއް އަދާ ކުރައްވައިފަ އެވެ.