Roadha Mihaaru
ކޯޓުތަކުން ވަކިކުރި މީހުންނަށް ވަޒީފާ ދޭން އަންގައިފި

ފަސް އަހަރު ކުރިން ކޯޓުތަކުން ވަކިކުރި އެޑްމިނިސްޓްރޭޓަރުންނަށް ވަޒީފާ ދޭން ސުޕްރީމް ކޯޓުން ވެސް އަންގައިފި

26 މެއި 2024

ކޯޓުތަކުގެ އެޑްމިނިސްޓްރޭޓަރުންގެ ފެންވަރު ބެލުމަށް ފަހު 10 މީހަކު ވަޒީފާއިން ވަކިކުރީ ގާނޫނާ ޚިލާފަށް ކަމަށާއި އެ މީހުންނަށް އަލުން ވަޒީފާ ދޭންޖެހޭނެ ކަމަށް ހައި ކޯޓުން ނިންމި ނިންމުމަށް ސުޕްރީމް ކޯޓުން ވެސް މިއަދު ތާއިދުކޮށްފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ކޯޓުތަކުގެ އެޑްމިނިސްޓްރޭޓަރުންގެ ފެންވަރު ބެލުމަށް ފަހު 10 މީހަކު ވަޒީފާއިން ވަކިކުރީ ގާނޫނާ ޚިލާފަށް ކަމަށާއި އެ މީހުންނަށް އަލުން ވަޒީފާ ދޭންޖެހޭނެ ކަމަށް ހައި ކޯޓުން ނިންމި ނިންމުމަށް ސުޕްރީމް ކޯޓުން ވެސް މިއަދު ތާއިދުކޮށްފި އެވެ.

ކޯޓުތަކުގެ އެޑްމިނިސްޓްރޭޓަރުންގެ މަސައްކަތު ފެންވަރު ބެލިއިރު ވަކި އަދަދަކަށް މާކްސް ނުލިބުނު ކަމަށް ބުނެ 2019 ވަނަ އަހަރު ވަޒީފާއިން ވަކިކުރީ ހައި ކޯޓާއި ކްރިމިނަލް ކޯޓާއި ފެމިލީ ކޯޓުގެ އިތުރުން މެޖިސްޓްރޭޓް ކޯޓުތަކުގެ ތެރެއިން ހަތް ކޯޓެއްގެ އެޑްމިނިސްޓްރޭޓަރުންނެވެ.

އެ މުވައްޒަފުން ވަޒީފާ އިން ވަކިކުރުމުން ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައިގައި ނިންމާފައި އޮތީ އެ މީހުން ވަކިކުރީ ގާނޫނާ ޚިލާފަށް ކަމަށް ވާތީ އެ މީހުންނަށް އަލުން ވަޒީފާދިނުމަށެވެ.

އެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ފަރާތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން ވެސް ނިންމީ އެ މީހުން ވަކިކުރީ ގާނޫނާ ޚިލާފަށް ކަމަށެވެ. އެހެންވެ، ޖޭއެސްސީ އިން ވަނީ މައްސަލަ ސުޕްރީމް ކޯޓާ ހަމައަށް ގެންގޮސްފަ އެވެ.

އެ މައްސަލާގައި ސުޕްރީމް ކޯޓުން މިއަދު އިއްވި ހުކުމްގައި ބުނީ ކޯޓުތަކުގެ އެޑްމިނިސްޓްރޭޓަރުން ވަޒީފާ އިން ވަކި ކުރަން ދައްކާފައިވާ ސަބަބަކީ ގާނޫނީ ހަމަތަކަށް ފެތޭ ކަންކަމެއް ނޫން ކަމަށާއި މުވައްޒަފުން ދޫކޮށްލުމާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން މީގެކުރިން ކަނޑައަޅާފައިވާ އުސޫލުތަކަށް މި މައްސަލާގައި އަމަލުކޮށްފައި ނެތް ކަމަށެވެ.

އެހެންކަމުން، ހައި ކޯޓުން ނިންމާފައި އޮތް ނިންމުން ރަނގަޅު ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅި އެވެ.

މި މައްސަލާގައި މުވައްޒަފުން ވަނީ އަލުން އެ ވަޒީފާ އިޔާދަކޮށްދިނުމަށް ވެސް އެދިފަ އެވެ. އެކަމާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން އެންގީ 10 މުވައްޒަފުންގެ ވަޒީފާ ވެސް އަލުން އިޔާދަކޮށްދޭން ޖެހޭ ކަމަށެވެ. އެގޮތަށް ކަނޑައެޅީ ދައުވާ ކުރާ އެކެއްގެ ވަޒީފާ އިޔާދަކުރަން ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން (ޑީޖޭއޭ) ނިންމާފައި އޮތުމުންނެވެ.

އެކެއްގެ ވަޒީފާ އިޔާދަކޮށްދިނުމަށް ފަހު، އެހެން މީހުންގެ ވަޒީފާ އިޔާދަނުކޮށްދޭން އުޅޭ ގަބޫލުކުރެވޭ ސަބަބެއް ޖޭއެސްސީއަށް ކޯޓުގައި ބަޔާންކޮށްދެވިފައިނުވާ ކަމަށް ހުކުމްގައިވެ އެވެ. އަދި އެކެއްގެ ވަޒީފާ އިޔާދަކޮށް އެހެން މީހުންގެ ވަޒީފާ ނުދޭން ނިންމުމަކީ އެ ކޮމިޝަނަށް އޮތް އިހްތިޔާރެއް ނޫން ކަމަށް ވެސް ހުކުމްގައިވެ އެވެ.

ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައި އޮތް މައްސަލާގައި ކޯޓުތަކުގެ އިދާރީ މުވައްޒަފުން ވަކިކޮށްފައިވަނީ ޑީޖޭއޭއިން ކަމަށް ވިޔަސް، ކޯޓުގައި ތަމްސީލް ކުރީ ޖޭއެސްސީންނެވެ. މިކަމާ ގުޅޭ ގޮތުން މިއަދުގެ ސުޕްރީމް ކޯޓުގެ ހުކުމްގައި ފަނޑިޔާރު މަހާޒު އަލީ ޒާހިރު ވަނީ ރައުޔު ދެއްވައިފަ އެވެ.

ފަނޑިޔާރު ވިދާޅުވީ ކޯޓުތަކުގެ އިދާރީ މުވައްޒަފުން އައްޔަން ކުރުމާއި މަގާމުގެ ކުރިއެރުން ދިނުމާއި ވަކި ކުރުމާއި އިދާރީ ފިޔަވަޅު އެޅުމަކީ ޑީޖޭއޭ އަށް މަތިކޮށްފައިވާ ބާރެއް ކަމަށާއި އެ ބާރު ހެޔޮ ގޮތުގައި ތަންފީޒު ކުރަން އެ އިދާރާއަށް ސީދާ ބާރުތަކާއި ނުސީދާ ބާރުތައް ލިބޭނެ ކަމަށެވެ.

އެހެންކަމުން ކޯޓުތަކުގައި ދައުވާ ކުރުމާއި ލިބިގަތުމުގެ ބާރު ޑީޖޭއޭއަށް އޮންނާނެ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ. އަދި މި މައްސަލާގައި ޑީޖޭއޭ ކޯޓުގައި ތަމްސީލް ކުރަން ޖޭއެސްސީއަށް ގާނޫނީ ހައިސިއްޔަތެއް ލިބިގެން ނުވާ ކަމަށް ވެސް ވިދާޅުވި އެވެ.

އާންމު އުސޫލަކީ ދައުވާ ކުރުމުގެ ހައިސިއްޔަތު ނެތް ނަމަ، ކޯޓުގައި އެ މައްސަލައެއް ކުރިއަށް ނުގެންދިޔުން ކަމަށްވީ ނަމަވެސް، މި މައްސަލާގައި މުވައްޒަފުންނަށް އަނެއްކާވެސް އިތުރު ގެއްލުންތަކެއްވާތީ މައްސަލަ ނިންމަން ފެންނަ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.