Roadha Mihaaru
"ފަނޑިޔާރުން ވަކި ކުރަން ބުނުމަކީ ނުފޫޒު ފޯރުވުން"

ފަނޑިޔާރުން ވަކިކުރަން ޖެހޭ ކަމަށް ބުނުމަކީ ނުފޫޒު ފޯރުވުން: ޑީޖޭއޭ

02 މެއި 2019

ވަކި ފަނޑިޔާރުންތަކެއް ވަކިކުރަން ޖެހޭ ކަމަށް ބުނެ ވާހަކަ ދެއްކުމަކީ ފަނޑިޔާރުންނަށް ބިރު ދައްކައި، ނުފޫޒު ފޯރުވުން ކަމަށް ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން މިއަދު ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ވަކި ފަނޑިޔާރުންތަކެއް ވަކިކުރަން ޖެހޭ ކަމަށް ބުނެ ވާހަކަ ދެއްކުމަކީ ފަނޑިޔާރުންނަށް ބިރު ދައްކައި، ނުފޫޒު ފޯރުވުން ކަމަށް ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން މިއަދު ބުނެފި އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރަންޖެހޭ ކަމަށް ބުނެ ފާޑު ކިޔައިގެން ބައެއް ވަކީލުންގެ ބަޔާން ނަގައި މައްސަލަ ބަލަން ފަށާފައި ވަނިކޮށް ޑީޖޭއޭ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޖުޑިޝަލް އެކަޑަމީގެ ޗާންސެލަރު އަހުމަދު މާޖިދު ވިދާޅުވީ ކުރިއަރާފައިވާ ހުރިހާ ގައުމުތަކެއްގައި ވެސް ފަނޑިޔާރުންނަކީ މަގާމުގެ ރައްކާތެރިކަން ލިބިފައިވާ ބައެއް ކަމަށެވެ. ސުލޫކާ ޚިލާފް އަމަލެއް ނުކުރާހާ ހިނދަކު ފަނޑިޔާރަކަށް އެ މަގާމުގައި ދެމި ހުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. ފަނޑިޔާރަކު ވަކި ކުރެވޭނީ ގާނޫނީ ގޮތުން ވަކި އިޖްރާއާތެއް ފުރިހަމަކޮށް، ވަކި އުސޫލުތަކެއްގެ ތެރެއިން ކަމަށާއި އެފަދަ ކަމެއް ދިމާ ނުވަނީސް، ފަނޑިޔާރުންތަކެއް ވަކި ކުރަންޖެހޭ ކަމަށް ބުނުމަކީ ނުފޫޒު ފޯރުވައި، ބިރު ދެއްކުން ކަމަށް މާޖިދު ވިދާޅުވި އެވެ.

"އެ ޑިއު ޕްރޮސެއް އޮތްތާ އޮއްވައި އޭގެ ބޭރުން، މިވެނި ފަނޑިޔާރަކު ހުރެގެން ނުވާނެއޭ. މިވެނި ފަނޑިޔާރަކު ވަކި ކުރަން ޖެހެއޭ. މިވެނި ފަނޑިޔާރަކު ހައްޔަރުކުރަން ޖެހެއޭ. އެވެނި ފަނޑިޔާރަކު ޖަލަށް ލާން ޖެހެއޭ. މިއީ ފަނޑިޔާރުންނަށް ފަނޑިޔާރު ގެއަށް ބިރު ދައްކައި، ނުފޫޒު ފޯރުވައިި، ވަކި ގޮތަކަށް ފަނޑިޔާރުގެ ބައްޓަން ކުރުމަށް ކުރެވޭ މަސައްކަތްތަކެއް ކަމަށް ނޫނީ ހަމަ ބުއްދި ގަބޫލެއް ނުކުރޭ. އަޅުގަނޑު ހިތުން ތަހުޒީބީ މުޖްތަމައެއްގައި އެއްވެސް މީހަކު ބަލައިގަންނާނެ ކަންތައްތަކެއް ނޫން އެއީކީ،" މާޖިދު ވިދާޅުވި އެވެ.

މާޖިދު ވިދާޅުވީ ކޯޓުތައް ވެސް ހިމެނޭ ގޮތުން ދައުލަތުގެ ހުރިހާ ބާރަކަށް ފާޑު ކިޔުމުގެ ބާރު ރައްޔިތުންނަށް އޮންނާނެ ކަމަށާއި ކޯޓުތަކުން ނިންމާ ނިންމުންތަކާ މެދު ހިތްހަމަނުޖެހޭ ނަމަ، އިލްމީ ގޮތުން އެކަން ކަމަށް ފާޑު ކިޔުމުގެ ބާރު ކޮންމެ މީހަކަށް ވެސް އެބައޮތް ކަމަށެވެ. އެގޮތަށް އިލްމީ ގޮތުން ފާޑު ކިޔައިގެން އެއްވެސް މީހަކާ މެދު ފިޔަވަޅު އަޅާފައި ނެތް ކަމަށާއި އެކަމަކު ފަނޑިޔާރުންނަށް ނުފޫޒު ފޯރުވޭ ގޮތަށް ވާހަކަ ދައްކާ ނަމަ، އެކަމާ މެދު ފިޔަވަޅުތައް އެޅޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. ދުނިޔޭގެ ހުރިހާ ގައުމުތަކެއްގައި ވެސް އެކަން އޮންނަނީ އެގޮތަށް ކަމަށް މާޖިދު ވިދާޅުވި އެވެ.

"ފަނޑިޔާރު ގޭގެ ހުރުމަތް ކެނޑުމަކީ އެ ތަންތަނުގައި ވެސް ކުށެއް. ފިޔަވަޅު ވެސް އަޅާނެ. އެތަންތަނުގައި ވެސް ކިތަންމެ ވަރަކަށް ފާޑު ކީ ކަމުގައި ވީ ނަމަވެސް އެއީ އިލްމީ ގޮތުން ކިޔާ ފާޑެއް ކަމަށް ވަންޏާ ފިޔަވަޅެއް ނާޅާނެ،" މާޖިދު ވިދާޅުވި އެވެ.

ފަނޑިޔާރަކު ނިންމާ ނިންމުމަކާ ގުޅިގެން އެއްވެސް ފަނޑިޔާރަކު ޖަވާބުދާރީ ނުކުރެވޭނެ ކަމަށް ގާނޫނު އަސާސީގައި އޮންނަ ކަން ފާހަގަ ކުރައްވައި، ކޯޓުތަކުގެ ހުރުމަތް ރައްކާތެރި ކުރުމަކީ ގާނޫނު އަސާސީ އާއި ގާނޫނުތަކުން ހުރިހާ ފަރާތްތަކަށް ވެސް ލާޒިމް ކޮށްފައިވާ ކަމެއް ކަމަށެވެ. އަދި އެ އުސޫލާ ޚިލާފަށް އަމަލު ކުރުމަކީ ރައްޔިތުންގެ ނިންމުމަކާ ދެކޮޅަށް މަސައްކަތް ކުރުން ކަމަށް ނޫނީ ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.