Roadha Mihaaru
ގާނޫނާހިލާފަށް ފަނޑިޔާރުންގެ ދެ ޖަމިއްޔާއަކާ ދިމާއަށް؟

ގާނޫނާ ޚިލާފަށް ފަނޑިޔާރުންގެ ދެ ޖަމިއްޔާއަކާ ދިމާއަށް؟!

13 ޖޫން 2019

ފަނޑިޔާރުންގެ ޖަމިއްޔާއެއްގެ ގޮތުގައި އުފައްދަން ޖެހޭނީ އެންމެ ޖަމިއްޔާއެއް ކަމަށް ފަނޑިޔާރުންގެ ގާނޫނުގައި ބުނެފައި އޮތް ނަމަވެސް ޖުޑީޝަލް ކައުންސިލުން ނިންމި ގޮތުން ސުވާލު އުފެދޭ ކަންތައްތަކެއް ކުރިމަތިވެއްޖެ އެވެ.

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

ފަނޑިޔާރުންގެ ޖަމިއްޔާއެއްގެ ގޮތުގައި އުފައްދަން ޖެހޭނީ އެންމެ ޖަމިއްޔާއެއް ކަމަށް ފަނޑިޔާރުންގެ ގާނޫނުގައި ބުނެފައި އޮތް ނަމަވެސް ޖުޑީޝަލް ކައުންސިލުން ނިންމި ގޮތުން ސުވާލު އުފެދޭ ކަންތައްތަކެއް ކުރިމަތިވެއްޖެ އެވެ.

މިކަމުގައި ސުވާލު އުފެދުނީ ފަނޑިޔާރުންގެ ޖަމިއްޔާއެއް މޭ، 2008 ގައި ހޯމް މިނިސްޓްރީގައި ރަޖިސްޓަރީ ކޮށްފައި އޮއްވައި އެފަދަ ޖަމިއްޔާއެއް އަލުން ވުޖޫދަށް ގެންނަން ޖުޑީޝަލް ކައުންސިލުން ނިންމުމުން ކަމަށް ބައެއް ފަނޑިޔާރުން ވިދާޅުވެ އެވެ. ރާއްޖޭގައި 2010 ގައި އަމަލުކުރަން ފެށި ފަނޑިޔާރުންގެ ގާނޫނުގައި ވަރަށް ސާފުކޮށް ބުނެފައި ވަނީ "އެއް ވަގުތެއްގައި ރަޖިސްޓަރީކޮށް ހިންގާނީ އެއް ޖަމްއިއްޔާ" ކަމަށެވެ.

ޖަމިއްޔާތައް ރަޖިސްޓަރީ ކޮށްދިނުމާއި އެ ތަންތަނާ ގުޅޭ ކަންކަން މިހާރު ބަލަހައްޓަނީ ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓް މިނިސްޓްރީންނެވެ.

ޔޫތު މިނިސްޓަރު މަހްލޫފުގެ ޓުވީޓު.

ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފު ވެސް ވިދާޅުވީ ފަނޑިޔާރުންގެ ޖަމިއްޔާ އުފެއްދުމުގައި ސުވާލު އުފެދޭ ކަންތައްތަކެއް ހުރުމުން އެކަމުގައި ގޮތެއް ނިންމާނީ ބަންޑާރަ ނައިބުގެ ލަފާގެ މަތިން ކަމަށެވެ.

މިހާރު ރަޖިސްޓަރީ ކޮށްފައިވާ "ފަނޑިޔާރުންގެ ޖަމްއިއްޔާ" ނަގައި ކޮޅަށް ޖެހުމުގައި އިސްކޮށް ހަރަކާތްތެރިވާ ފަނޑިޔާރަކު ވިދާޅުވީ އިތުރު ޖަމިއްޔާއެއް ރަޖިސްޓަރީ ކޮށްދީފި ނަމަ، ފަނޑިޔާރުންގެ ގާނޫނާ ޚިލާފުވެ، ދެ ޖަމިއްޔާއެއް ވުޖޫދަށް އަތުވެދާނެ ކަމަށެވެ.

މިހާރު ރަޖިސްޓަރީ ކޮށްފައިވާ ފަނޑިޔާރުންގެ ޖަމިއްޔާ އިން އިދާރީ ގޮތުން ކުރަން ޖެހޭ ކަންކަން ފުރިހަމަ ކޮށްފައި ނެތް ނަމަވެސް އެއީ އެއްވެސް އިރެއްގައި އުވާލާފައިވާ ޖަމިއްޔާއެއް ނޫން ކަން ޔޫތު މިނިސްޓްރީގެ ލިޔެކިޔުންތަކުން އެނގެ އެވެ. އަދި ޖަމިއްޔާތަކުގެ ގަވައިދާ އެއްގޮތަށް ކަންކަން އިސްލާހު ކުރުމަށް ފަހު، ޖަމިއްޔާ ހިންގަން އިތުރު ފުރުސަތެއް ޔޫތު މިނިސްޓްރީން ވަނީ މިދިޔަ މަހު ފަހުކޮޅު ދީފަ އެވެ. އޭގެ ތެރޭގައި ގަވައިދުގައި ބުނާ ކަންކަން ކޮށް ނިންމުމަށް ވެސް ތާވަލެއް ދީފައިވެ އެވެ.

އެގޮތުން، ހިންގާ ކޮމިޓީގެ އިންތިޚާބު އަންނަ މަހުގެ އެއްވަނަ ދުވަހުގެ ކުރިން ބާއްވަން ޖެހެ އެވެ. ޖޫރިމަނާ ފައިސާ އާއި 2017، 2018 ގެ އަހަރީ ރިޕޯޓު ވެސް އެ ތާރީޚުގެ ކުރިން ޔޫތު މިނިސްޓްރީ އަށް ހުށަހަޅަން ޖެހޭނެ ކަން އެ މިނިސްޓްރީން ވަނީ ފަނޑިޔާރުންގެ ޖަމިއްޔާ އަށް އަންގައިފަ އެވެ. މިކަން އެ ތާރީޚުގައި ނުކޮށްފި ނަމަ ޖަމިއްޔާ ކުރިއަށް ގެންދިއުމުގައި އިތުރު ފުރުސަތެއް ނޯންނާނެ ކަން ވެސް ޔޫތު މިނިސްޓްރީގެ އެންގުމުގައިވެ އެވެ.

ފަނޑިޔާރުންގެ ޖަމިއްޔާ އާ ގުޅޭ ގޮތުން ފަނޑިޔާރުންގެ ގާނޫނުގައި ބުނާ މާއްދާ، ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ޓުވީޓު ކުރައްވާފައި.

އެހެންވެ، ހިންގާ ކޮމިޓީ އަށް ކުރިމަތިލާން ޝައުގުވެރިވާ މީހުންނަށް ފަނޑިޔާރުންގެ ޖަމިއްޔާ އިން މިހާރު ވަނީ ފުރުސަތު ހުޅުވާލައިފަ އެވެ.

"ޔޫތު މިނިސްޓްރީން ދިން ތާރީޚުގެ ކުރިން ކަންކަން ނިންމުމަށްޓަކައި އަޅުގަނޑުމެން ވާނީ މަސައްކަތް ފަށާފައި. ޖުޑިޝަލް ކައުންސިލުން ފަނޑިޔާރުންގެ އާ ޖަމިއްޔާއެއް ރަޖިސްޓަރީ ކުރުމަށް ހުށަހެޅީ މިހާރު އޮތް ޖަމިއްޔާ ހަމަޔަކަށް އެޅުވުމުގެ ކަންކަން އަޅުގަނޑުމެން ފަށާފައި ވަނިކޮށް،" މިހާރު އޮތް ފަނޑިޔާރުންގެ ޖަމިއްޔާ އަލުން ހަރަކާތްތެރި ކުރުވުމުގައި އިސްކޮށް އުޅުއްވާ ބޭފުޅަކު ވިދާޅުވި އެވެ.

ފަނޑިޔާރުންގެ ޖަމިއްޔާ އުފެއްދުމާ ގުޅޭ ގޮތުން ޑީޖޭއޭ އިން ނެރުނު ބަޔާން.

ޑިޕާޓްމަންޓު އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ، ފަނޑިޔާރުންގެ ޖަމިއްޔާއެއް އުފެއްދުމަށް މިދިޔަ މަހުގެ 21 ވަނަ ދުވަހު ޖުޑީޝަލް ކައުންސިލުން ނިންމާފައިވާ ކަމަށެވެ. އަދި ޖަމިއްޔާ އުފައްދަން ބޭނުންވާ ލިޔެކިޔުންތައް މިދިޔަ މަހުގެ 26 ގައި ޔޫތު މިނިސްޓްރީ އަށް ހުށަހަޅާފައިވާ ކަމަށް ވެސް ޑީޖޭއޭ އިން ބުންޏެވެ. އޭރު އެ މިނިސްޓްރީން އޮތީ މިހާރު އޮތް ޖަމިއްޔާ އިސްލާހު ކުރުމަށް އިތުރު ފުރުސަތެއް ދީފަ އެވެ.

ފަނޑިޔާރުންގެ ގާނޫނުގެ ދަށުން ލިބިދޭ ޖަމިއްޔާ އުފެއްދުމުގެ ހައްގުގެ ދަށުން އުފައްދާ އެ ޖަމިއްޔާގެ މައިގަނޑު މަގްސަދަކީ ފަނޑިޔާރުންގެ މިނިވަންކަން ހިމާޔަތް ކުރަން މަސައްކަތް ކުރުމާއި ފަނޑިޔާރުންގެ އިމްތިޔާޒްތައް ހިމާޔަތް ކުރަން މަސައްކަތް ކުރުން ކަމަށް ޑީޖޭއޭ އިން ބުންޏެވެ. ފަނޑިޔާރުންގެ ޖަމިއްޔާއާ ގުޅޭ މައުލޫމާތު އެނގިވަޑައިގަންނަވާ ބޭފުޅަކު ވިދާޅުވީ، ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކުރި ދުވަސްވަރު، މިހާރު އުފައްދާފައިވާ ފަނޑިޔާރުންގެ ޖަމިއްޔާގެ ކަންކަން ކުރިއަށް ގެންދަން އެ ވަގުތު ސުޕްރީމް ކޯޓުގައި ތިއްބެވި ފަނޑިޔާރުން ބާރު އަޅުއްވައި ހިތްވަރު ދެއްވި ކަމަށެވެ. އެއީ މާލޭގައި ތިއްބަވާ ފަނޑިޔާރުންނާ އެކު ސުޕްރީމް ކޯޓުގައި އޮތް ބައްދަލުވުމެއްގައި ކަމަށް "މިހާރު" އާ ވާހަކަ ދެއްކެވި ފަނޑިޔާރު ވިދާޅުވި އެވެ.

"އޭގެ ފަހުން، ފަނޑިޔާރުންގެ ޖަމިއްޔާ އަލުން ހިންގަން ފަނޑިޔާރުންތަކެއް ދޭތެރެދޭތެރެއިން މަސައްކަތް ކުރަމުން އައި. އެއީ ޑީޖޭއޭ ނުވަތަ ޖުޑީޝަލް ކައުންސިލުން ފާސްކޮށްގެން ކުރަމުން އައި ކަމެއް ނޫން. ފަނޑިޔާރުން ވާހަކަ ދައްކައި، މަޝްވަރާ ކޮށްގެން ކުރަމުން އައި ކަމެއް އެއީ،" އެ ފަނޑިޔާރު ވިދާޅުވި އެވެ.

އެކަމަކު މި ފަހަރު ފަނޑިޔާރުންގެ ޖަމިއްޔާ ރަޖިސްޓަރީ ކުރުމަށް ހުށަހެޅީ ސީދާ ޖުޑީޝަލް ކައުންސިލުން ފާސްކޮށްގެން ކަމަށް ވުމުން، ބެލެވެނީ، މިކަމުގައި ބޮޑު ހިޔާލު ތަފާތުވުންތަކެއް އުފެދިފައިވާކަމެވެ.

ފަނޑިޔާރުންތަކެއް ރަސްމިއްޔާތެއްގައި ބައިވެރިވެވަޑައިގަންނަވަނީ: ފަނޑިޔާރުންގެ ޖަމިއްޔާއެއް އަލުން އުފައްދަން ޖުޑީޝަލް ކައުންސިލުން ނިންމުމުން ވަނީ ހިޔާލު ތަފާތުވުންތަކެއް އުފެދިފައި.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

ފަނޑިޔާރުންތަކެއް ރަސްމިއްޔާތެއްގައި ބައިވެރިވެވަޑައިގަންނަވަނީ: ފަނޑިޔާރުންގެ ޖަމިއްޔާއެއް އަލުން އުފައްދަން ޖުޑީޝަލް ކައުންސިލުން ނިންމުމުން ވަނީ ހިޔާލު ތަފާތުވުންތަކެއް އުފެދިފައި.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

އެ ކައުންސިލް އެކުލެވިގެންވަނީ އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި ހައި ކޯޓުގެ އިސް ފަނޑިޔާރާއި މާލޭގެ ސުޕީރިއާ ކޯޓުތަކުގެ އިސް ފަނޑިޔާރުންގެ އިތުރުން ޖުޑިޝަލް ދާއިރާތަކުގެ އިސް މެޖިސްޓްރޭޓުންގެ ތެރެއިން ސުޕްރީމް ކޯޓުން އައްޔަންކުރާ ދެ މެޖިސްޓްރޭޓަކު ހިމެނިވަޑައިގަންނަވާ ގޮތަށެވެ.

ފަނޑިޔާރުންގެ ޖަމިއްޔާއެއް އުފައްދަން ޖުޑީޝަލް ކައުންސިލުން ނިންމައި އެ ޖަމިއްޔާ ރަޖިސްޓަރީ ކުރުމަށް އެދި ހުށަހެޅިއިރު، ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ސޮއިކުރައްވައި ފެބްރުއަރީ 19، 2015 ގައި ސުޕްރީމް ކޯޓުން އާންމު ކޮށްފައިވާ ސާކިއުލާ އިން ވެސް މި ބާރު ސީދާ އެ ކޯޓަށް ނަގާފައިވާކަން ސާފުވެ އެވެ.

އެ ސާކިއުލާގައި ބުނެފައިވާ ގޮތުން ނަމަ ކޯޓުތަކާއި ޝަރުއީ ދާއިރާގެ އިދާރާތަކުގެ މުވައްޒަފުންގެ މެދުގައި ކްލަބް، ޖަމިއްޔާ ހިންގަން ވާނީ ސުޕްރީމް ކޯޓުން ކަނޑައަޅާ އުސޫލާ އެއްގޮތްވާ ގޮތުގެ މަތިން، އެ ކޯޓުގެ ހުއްދަ ލިބިގެންނެވެ. އަދި އެފަދަ ހަރަކާތްތައް ހިންގަން ވާނީ ޑީޖޭއޭގެ ހުއްދަ ލިބިގެން ކަމަށް ވެސް ސުޕްރީމް ކޯޓުން ވަނީ ކަނޑައަޅައިފަ އެވެ.

އަލުން ވުޖޫދަށް ގެންނަން އުޅެނީ ގާނޫނެއްގައި ބުނާ ޖަމިއްޔާއެއް ކަމަށް ވުމުން، ސުޕްރީމް ކޯޓުގެ އެ ސާކިއުލާގައި ބުނާ އިޖުރާއަތްތަކުގެ ތެރެއަށް އެ ޖަމިއްޔާގެ ކަންކަން ނުވަންނާނެ ކަމަށް ގަބޫލުކުރާ ފަނޑިޔާރުންތަކެއް ވެސް އެބަ ތިއްބެވި އެވެ. ސަބަބެއް ކަމަށް އެ ބޭފުޅުން ވިދާޅުވަނީ ފަނޑިޔާރުންގެ ޖަމިއްޔާ އުފައްދަން ވާނީ ނުވަތަ ހިންގަން ވާނީ ޝަރުއީ ދާއިރާއާ ގުޅޭ ވަކި އިދާރާއެއްގެ ބެލުމުގެ ދަށުން ކަމެއް ނުވަތަ ފާސްކޮށްގެން ކަމެއް ފަނޑިޔާރުންގެ ގާނޫނުގައި ބަޔާން ކޮށްފައި ނެތުމެވެ. ހަމައެކަނި ބުނެފައި ވަނީ ޖަމިއްޔާ އުފެއްދުމުގެ ހައްގު ފަނޑިޔާރުންނަށް އޮތް ކަމަށެވެ.

ޝަރުއީ ދާއިރާއިން އަބަދުވެސް ފެންނަނީ މައްސަލަތަކެވެ. ފަނޑިޔާރުންގެ ޖަމިއްޔާގެ ކަންކަން ވެސް މިހާރު މި އޮތީ އެ ދިމާލަށް އެނބުރިފަ އެވެ