Roadha Mihaaru
ޖަލަށް ފެނުގެ ހިދުމަތް ދޭން ކުންފުންޏެއް ހަދައިފި

ޖަލަށް ފެނުގެ ހިދުމަތް ދޭން ކުންފުންޏެއް އުފައްދައި، ފެން ޕްލާންޓެއް ބަހައްޓައިފި

05 މެއި 2019

ހުކުމް ތަންފީޒުކުރަމުންދާ ގައިދީންނާއި އެކި ހާލަތްތަކުގައި ބަންދުކުރާ މީހުންނަށް ބޯފެން ފޯރުކޮށްދޭން ކުރަން ޖެހޭ ހަރަދު ކުޑަކުރަން، ހާއްސަ ވަކި ކުންފުންޏެއް އުފައްދައި، މާފުށީ ޖަލުގައި ފެން ޕްލާންޓެއް ބަހައްޓައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ހުކުމް ތަންފީޒުކުރަމުންދާ ގައިދީންނާއި އެކި ހާލަތްތަކުގައި ބަންދުކުރާ މީހުންނަށް ބޯފެން ފޯރުކޮށްދޭން ކުރަން ޖެހޭ ހަރަދު ކުޑަކުރަން، ހާއްސަ ވަކި ކުންފުންޏެއް އުފައްދައި، މާފުށީ ޖަލުގައި ފެން ޕްލާންޓެއް ބަހައްޓައިފި އެވެ.

ކަރެކްޝަނަލް ސާވިސް އިން ބުނީ "ޕްރިސް ވޯޓާ"ގެ ނަމުގައި ކުންފުންޏެއް އުފެއްދީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ދަށުން ހިންގާ ކޯޕަރޭޓިވްއެއް ކަމަށްވާ ޕްރިސްކޯ އާއި ފެނުގެ ހިދުމަތް ދޭ އަމިއްލަ ކުންފުންޏަކުން ގުޅިގެން ކަމަށެވެ.

ޕްރިސް ވޯޓާގައި ޕްރިސްކޯގެ 30 ޕަސެންޓް ހިއްސާ އޮވެ އެވެ. އަނެއް 70 ޕަސެންޓު ހިއްސާ އޮންނަނީ ޝޯޓު ތްރޯ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏެއްގެ އެވެ.

އަލަށް އުފެއްދި ކުންފުނިން މާފުށީ ޖަލުގައި ބެހެއްޓި ފެން ޕްލާންޓް މިއަދު ހުޅުއްވައިދެއްވީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެވެ.

ޖަލުގައި ފެން ޕްލާންޓެއް މި ބެހެއްޓީ، ހޯމް މިނިސްޓްރީން ބުނި ގޮތުގައި، ގައިދީންނަށް ދައުލަތުން އެންމެ ބޮޑު ހަރަދެއް ކުރަން ޖެހެނީ ސާފު ބޯފެން ފޯރުކޮށްދޭން ކަމަށް ވާތީ އެ ހަރަދު ކުޑަކުރުމުގެ ގޮތުންނެވެ.

ޕްރިސް ވޯޓާ އިން މާފުށި ޖަލުގައި ގާއިމްކުރި ފެންޕްލާންޓުން އުފެއްދި ފެނުގެ ރަހަ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ޓެސްޓްކުރައްވަނީ -ފޮޓޯ: ހޯމް މިނިސްޓްރީ

ޕްރިސް ވޯޓާ އިން މާފުށި ޖަލުގައި ގާއިމްކުރި ފެންޕްލާންޓުން އުފެއްދި ފެނުގެ ރަހަ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ޓެސްޓްކުރައްވަނީ -ފޮޓޯ: ހޯމް މިނިސްޓްރީ

ގައިދީންނަށް ކުރިން ސާފު ބޯފެން ފޯރުކޮށްދެމުން އައީ ފެން ޓަނަކަށް 420 ރުފިޔާގެ ރޭޓުން ހަރަދުކޮށްގެންނެވެ. އެހެންވެ ގައިދީންނަށް ސާފު ބޯފެން ދޭން ކުރިން ދުވާލަކަށް 84،000 ރުފިޔާ (މަހަކު 2.6 މިލިއަން ރުފިޔާ) ހަރަދުވެ އެވެ. ނަމަވެސް ޕްރިސްކޯ ބައިވެރިވެގެން އަލަށް ހުޅުވި ފެން ޕްލާންޓުން ފެން ޓަނަކަށް ހަރަދުވާނީ 120 ރުފިޔާ އެވެ. އެހެންކަމުން ދުވާލެއްގެ މައްޗަށް ޖަލުގެ ފެނަށް ކުރާ ހޭދަ 24،000 ރުފިޔާ އަށް ދަށްވާނެ އެވެ. ފެން ޕްލާންޓާ އެކު މިހާރު މަހަކަށް އެވްރެޖްކޮށް ހޭދަވާނީ 744،000ރ އެވެ.

ހޯމް މިނިސްޓްރީން ބުނި ގޮތުގައި ގައިދީންގެ ބޯފެނަށް ދައުލަތުން އަހަރަކު ކުރަމުން އައި 31.2 މިލިޔަން ރުފިޔާގެ ހޭދަ، އާ ފެން ޕްލާންޓާ އެކު ގާތްގަނޑަކަށް ތިން މިލިޔަން ރުފިޔާ އަށް ދަށްވާނެ އެވެ.