Roadha Mihaaru
މަންޑޭލާ ރޫލްސް ދިވެހި ބަހަށް ތަރުޖަމާކޮށް ޝާއިއުކޮށްފި

މަންޑޭލާ ރޫލްސް ދިވެހި ބަހަށް ތަރުޖަމާކޮށް ޝާއިއުކޮށްފި

18 ޖުލައި 2020

ގައިދީންނާ މެދުގައި އަމަލުކުރަން އދ. އިން ކަަނޑައަޅާފައިވާ މިންގަނޑުތައް ނުވަތަ "މަންޑޭލާ ރޫލްސް" ހޯމް މިނިސްޓްރީން ދިވެހި ބަހަށް ތަރުޖަމާކޮށް އެ މިނިސްޓްރީގެ ވެބްސައިޓްގައި މިއަދު ޝާއިއުކޮށްފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ގައިދީންނާ މެދުގައި އަމަލުކުރަން އދ. އިން ކަަނޑައަޅާފައިވާ މިންގަނޑުތައް ނުވަތަ "މަންޑޭލާ ރޫލްސް" ހޯމް މިނިސްޓްރީން ދިވެހި ބަހަށް ތަރުޖަމާކޮށް އެ މިނިސްޓްރީގެ ވެބްސައިޓްގައި މިއަދު ޝާއިއުކޮށްފި އެވެ.

ހޯމް މިނިސްޓްރީން ބުނީ މަންޑޭލާ ރޫލްސް އަށް ޖަލު އޮފިސަރުން އަހުލުވެރިކުރަން ކުރިއަށް އޮތް ތަނުގައި އެ މިނިސްޓްރީން ހާއްސަ މަސައްކަތްތަކެއް ކުރާނެ ކަމަށެވެ. އެ އުސޫލުތައް ދިވެހިބަހަށް ތަރުޖަމާކުރީ ހޯމް މިނިސްޓްރީ އާއި ޔޫއެން އޯޑީސީ ގުޅިގެންނެވެ.

ގައިދީންނާ މެދު އަމަލުކުރަން ޖެހޭ 122 އުސޫލެއް "ދި ނެލްސަން މަންޑޭލާ ރޫލްސް" ގައި ހިމެނެ އެވެ. އޭގެ ތެރޭގައި ގައިދީންނާ ބެހޭ ރެކޯޑްތަކުގެ ފައިލްތައް ބަލަހައްޓާނެ ގޮތާއި، ގައިދީން ގިންތިކުރާނެ ގޮތްތަކާއި ގޮޅިތަކުގައި ގައިދީން ބައިތިއްބަންޖެހޭ ގޮތް ވެސް ހިމެނެ އެވެ.

ގައުމުތަކުން އަމަލުކުރަން އދ.އިން ބާރު އަޅާ އެ އުސޫލުގައި ގޮޅިތައް ހުންނަންޖެހޭނެ ގޮތާއި، ސާފްތާހިރުކަން ދެމެހެއްޓުމަށް ކުރަން ޖެހޭ ކަންތައްތައްތަކާއި ގައިދީންނަށް އަންނައުނާއި ކެއިންބުން ފަދަ އަސާސީ ކަންކަން ފަހިކުރުމުގައި އެންމެ ކުޑަމިނުން ކުރަން ޖެހޭނެ ކަންތައްތައް ވެސް ހިމެނެ އެވެ. ކަސްރަތާއި ކުޅިވަރު ކުޅުމުގެ އިންތިޒާމް ހަމަޖައްސަން ޖެހޭނެ ގޮތްތަކާއި ސިއްހީ ހިދުމަތްތައް ލިބިދޭންޖެހޭ ހަމަތައް ވެސް އެ ގަވައިދުގައިވެ އެވެ.

ރާއްޖޭގެ ޖަލުތަކުގައި އަމަލުކުރާ އެންމެ ދަށްމިންގަނޑަކީ މަންޑޭލާ ރޫލްސްކަމަށް ހެދުމަކީ މި ސަރުކާރުގެ ވައުދެކެވެ.

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަންޑޭލާ ދުވަހާ ދިމާކޮށް "މަންޑޑޭލާ ރޫލްސް" ދިވެހި ބަހަށް ތަރުކަމާކޮށް ޝާއިއު ކުރެވުމަކީ ޖަލުތަކަށް ހެޔޮ ބަދަލެއް ގެންނަން ކުރާ މަސައްކަތުގައި އެޅުނު މުހިއްމު ފިޔަވަޅެއް ކަމަށެވެ. އެ އުސޫލުތަކަށް އޮފިސަރުން އަހުލުވެރިކުރުމުގެ މަސައްކަތް، ޔޫއެން އޯޑީސީ އާއި ގުޅިގެން ކުރިއަށް ގެންދާނެ ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.