Roadha Mihaaru
ޕީޕީއެމަށް އެންމެ ފަހުން ފައިސާ ދޫކޮށްފި

ޕީޕީއެމަށް އެންމެ ފަހުން ފައިސާ ދޫކޮށްފި

07 މެއި 2019

ދައުލަތުގެ ބަޖެޓުން މިދިޔަ އަހަރު ޕީޕީއެމަށް ކަނޑައެޅި 11 މިލިއަން ރުފިޔާގެ ތެރެއިން ދޫނުކޮށް ހިފެހެއްޓި އަށް މިލިއަން ރުފިޔާ އެންމެ ފަހުން މިދިޔަ ހަފުތާގައި ދޫކޮށްފި އެވެ.

ދައުލަތުގެ ބަޖެޓުން މިދިޔަ އަހަރު ޕީޕީއެމަށް ކަނޑައެޅި 11 މިލިއަން ރުފިޔާގެ ތެރެއިން ދޫނުކޮށް ހިފެހެއްޓި އަށް މިލިއަން ރުފިޔާ އެންމެ ފަހުން މިދިޔަ ހަފުތާގައި ދޫކޮށްފި އެވެ.

މި ފައިސާ ދޫނުކޮށްގެން ޕީޕީއެމް ދަރަނިވެރިވެފައިވާ ކަމަށް ބުނެ، އެ ޕާޓީން ވަނީ ސިވިލް ކޯޓަށް މައްސަލައެއް ވެސް ހުށަހަޅައިފަ އެވެ. ޕީޕީއެމްގެ ފައިސާ ދޫކޮށްފައިވާ ކަން ފިނޭންސް މިނިސްޓްރީގެ އޮފިޝަލަކު މިއަދު ކަށަވަރު ކޮށްދެއްވި އެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނެފައިވާ ގޮތުގައި، ދައުލަތުގެ ބަޖެޓުން ޕާޓީތަކަށް ކަނޑައަޅާ ފައިސާ އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ދޭންޖެހެ އެވެ.

ޕީޕީއެމްގެ ފައިސާ ދޫނުކޮށް ފުރަތަމަ ހިފެހެއްޓީ ޕީޕީއެމްގެ ހިންގުމާ ގުޅޭ ގޮތުން ކޯޓަށް ހުށަހެޅި މައްސަލަތަކަކާ ގުޅިގެން ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ. ޕީޕީއެމްގެ ރައީސްގެ މަގާމުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ދުރުކޮށް، ޕާޓީ، ކުރީގެ ރައީސް މައުމޫނާ ހަވާލުކޮށްދޭން އާއްމު މެމްބަރަކު ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުން ނިންމީ ޔާމީނާ އެއްކޮޅަށެވެ. އެހެންވެ އެ ފައިސާ ދޫކޮށްދޭން އިލެކްޝަންސް ކޮމިޝަނުން ފިނޭންސްގައި އެދުނެވެ. އެކަމަކު އެ ފައިސާ ދޫކުރުން ލަސްވީ އެ މިނިސްޓްރީއާ ހިސާބުންނެވެ.

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވެސް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިވި ޕީޕީއެމް މިހާރު އޮތީ ދަރަނިވެރިވެފަ އެވެ. ބިލްތައް ނުދައްކައިގެން އެ ޕާޓީގެ ރަސްމީ ފޯނު ލައިންތައް ވެސް ވަނީ ކަނޑާލައިފަ އެވެ.

ރިޔާސީ އިންތިޚާބަށް ޕީޕީއެމުން ކުރި ކެމްޕޭން ދަތުރުތަކަށް އައިލެންޑް އޭވިއޭޝަނަށް ދައްކަން ޖެހޭ ގިނަ އަދަދެއްގެ ފައިސާ ވެސް އަދި ނުދައްކަ އެވެ. އެ ދަތުރުތަކަށް ޖުމްލަ 4.8 މިލިއަން ރުފިޔާ ހޭދަވި އެވެ. އެއްބަސްވުމާ އެއްގޮތަށް ޕީޕީއެމުން ފައިސާ ނުދެއްކި ކަމުގެ ޝަކުވާ އައިލެންޑް އޭވިއޭޝަނުން، އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމުން މިލިއަނެއްހާ ރުފިޔާ ދެއްކި އެވެ.

ޕީޕީއެމްގެ ހިންގުން ހަރުދަނާ ކުރުމަށް އެ ޕާޓީގެ ލީޑަޝިޕަށް ވެސް މިހާރު ވަނީ ބަދަލުތަކެއް ގެނެސް، އަލަށް ހަތަރު ނައިބު ރައީސަކު އައްޔަންކޮށްފަ އެވެ. ޕާޓީ އަށް އާއްމު މެމްބަރުން އިތުރުކޮށް، ގޮފިތަކުގެ އިންތިޚާބު ބޭއްވުމުގެ މަސައްކަތް ވެސް ވަރަށް އަވަހަށް ފަށަން އޮތީ ނިންމައިފަ އެވެ.