Roadha Mihaaru
ޕީޕީއެމް ފިޔަވައި އެހެން ޕާޓީތަކަށް ފައިސާ ދީފި

ޕީޕީއެމް ފިޔަވައި އެހެން ޕާޓީތަކަށް ފައިސާ ދީފި

09 ޖޫން 2019

އިދިކޮޅު ޕީޕީއެމް ފިޔަވައި ދައުލަތުގެ ބަޖެޓުން ތިން ޕާޓީއަކަށް ފިނޭންސް މިނިސްޓްރީން ފައިސާ ދީފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އިދިކޮޅު ޕީޕީއެމް ފިޔަވައި ދައުލަތުގެ ބަޖެޓުން ތިން ޕާޓީއަކަށް ފިނޭންސް މިނިސްޓްރީން ފައިސާ ދީފި އެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ބުނީ އިލެކްޝަންސް ކޮމިޝަން (އީސީ) އިން ފޮނުވި ގޮތަށް ތިން ޕާޓީއަކަށް މި އަހަރުގެ ބަޖެޓުން 16 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖަމާކޮށްދީފައިވާ ކަމަށެވެ.

އެގޮތުން ފިނޭންސް މިނިސްޓްރީން، މެމްބަރުން އެންމެ ގިނަ އެމްޑީޕީ އަށް 12 މިލިއަނަށް ވުރެ ގިނަ ރުފިޔާ، ޖޭޕީ އަދި އެމްޑީއޭ އަށް ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްދީފައިވެ އެވެ.

ޕީޕީއެމަށް ނުވަ މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްދޭން އީސީން ފިނޭންސް މިނިސްޓްރީގައި އެދުނެވެ.

އެކަމަކު، ޕީޕީއެމަށް އެ ފައިސާ ނުދީ ހިފަހައްޓާފައިވާ ސަބަބެއް އަދި އެނގިފައެއް ނުވެ އެވެ. ހަތަރު ޕާޓީއަށް ދައުލަތުގެ ބަޖެޓުން މި އަހަރު 26.2 މިލިއަން ރުފިޔާ ދޭން އޮތީ ކަނޑައަޅައިފަ އެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހުމަދު އަކްރަމް "މިހާރު" އަށް ވިދާޅުވީ އަހަރީ ރިޕޯޓު ހުށަހަޅާފައިވާ ހުރިހާ ޕާޓީއަކަށް ފައިސާ ދޫކޮށްދޭން އެދި ފިނޭންސަށް ފޮނުވާފައިވާ ކަމަށެވެ. އަދި ފިނޭންސަށް ފޮނުވި އިރު، އެއްވެސް ޕާޓީއެއް އިސްތިސްނާކޮށްފައި ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމިޝަންގައި ނުވަ ޕާޓީއެއް ރަޖިސްޓްރީކޮށްފައިވެ އެވެ. ދައުލަތުގެ ބަޖެޓުން ފައިސާ ދެނީ 10،000 އަށް ވުރެ ގިނަ މެމްބަރުން ތިބޭ ޕާޓީތަކަށް އެކަންޏެވެ. އެހެންވެ މި އަހަރު ވެސް ފައިސާ ލިބެނީ، މިދިޔަ އަހަރު ބަޖެޓް ފާސްކުރި އިރު، އެ އަދަދަށް މެމްބަރުން ހަމަވާ ހަތަރު ޕާޓީ އަށެވެ.

އިސީ އަށް މި ފަހުން ހުށަހެޅި ފޯމުތައް ޗެކްކޮށް ނިމުނު އިރު މެމްބަރުން އެންމެ ގިނަ ޕާޓީގެ ރެކޯޑާ އެކު، އެމްޑީޕީގައި ތިބި މީހުންގެ އަދަދު ބައިލައްކަ އަށް އަރަ އެވެ. އަދި 10،000 މެމްބަރުން ހަމަވާ ޕާޓީތަކުގެ އަދަދު ވަނީ ދޭކަށްވެފަ އެވެ. މިހާރު އެ އަދަދަށް މެމްބަރުން ހަމަވަނީ އެމްޑީޕީގެ އިތުރުން ޕީޕީއެމްގަ އެވެެ.

މިދިއަ އަހަރު ޕީޕީއެމަށް ލިބެން ޖެހޭ ފައިސާ ވެސް، ތަފާތު ސަބަބުތަކާ ހެދި، އީސީން ހިފެހެއްޓި އެވެ. އެގޮތުން އެ ފައިސާ އެ ޕާޓީއަށް ލިބުނީ މިދިޔަ މަހު އެވެ.

ސިޔާސީ ޕާޓީތަކަށް ކަނޑައަޅާ ފައިސާ އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ދޭން ޖެހެ އެވެ. ނަމަވެސް އެ ފައިސާ ދޫކުރުން މިފަހަރު ލަސްވީ، އީސީން ބުނިގޮތުގައި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ދިމާކޮށް ޕާޓީތަކުން އެއްފަހަރާ ގިނަ އަދަދެއްގެ ފޯމު ހުށަހެޅުމުން، އޭގެ ސައްހަކަން ބެލުމަށެވެ.