Roadha Mihaaru
ފިނޭންސް ކައިރީ ޕާކު ކުރެވޭނެ ޖާގަ ހަދައިފި

ފިނޭންސް މިނިސްޓްރީ ކައިރިން ޕާކު ކުރެވޭނެ ޖާގަ ހަދައި، އަމީނީމަގުގެ ބައެއްގައި ޕާކު ކުރުން މަނާކޮށްފި

07 މެއި 2019

އަމީނީމަގުގައި ހުންނަ ފިނޭންސް މިނިސްޓްރީގެ އިމާރާތުގެ ކައިރީގައި ވެހިކަލްތަކަށް ޕާކު ކުރެވޭނެ ގޮތް ހަދައި، އަމީނީމަގުގެ ބައެއްގައި ޕާކު ނުކުރެވޭ ގޮތަށް މާލޭ ސިޓީ ކައުންސިލުން ހަމަޖައްސައިފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

އަމީނީމަގުގައި ހުންނަ ފިނޭންސް މިނިސްޓްރީގެ އިމާރާތުގެ ކައިރީގައި ވެހިކަލްތަކަށް ޕާކު ކުރެވޭނެ ގޮތް ހަދައި، އަމީނީމަގުގެ ބައެއްގައި ޕާކު ނުކުރެވޭ ގޮތަށް މާލޭ ސިޓީ ކައުންސިލުން ހަމަޖައްސައިފި އެވެ.

އެ ކައުންސިލުން މިއަދު ކުރި ޓްވީޓެއްގައި ބުނީ ފިނޭންސް ބިލްޑިންގެ ކައިރީގައި އޮންނަ ހުސް ޖާގައިގައި، ދެ ފުރޮޅުލީ އުޅަނދުތަކަށް މިހާރު ޕާކު ކުރެވޭނެ ކަމަށެވެ. އެކަމަކު ފެން ބިލްޑިންގުގެ އިރުމަތީ ކަންމަތިން ފެށިގެން، ގިޔާސުއްދީން ސްކޫލާ ހަމައަށް އަމީނީމަގުގައި ޕާކުކޮށްފައި ހުރި އުޅަނދުތައް ނަގާނެ ކަމަށް އެ ތަނުން ބުންޏެވެ.

މާލޭގެ ޑެޕިއުޓީ މޭޔަރު ސަމާއު ޝަރީފް ވިދާޅުވީ އަލަށް ހެދި ޕާކިން ޒޯނަށް އަމީނީ މަގުން ވަދެވޭނެ ކަމަށާއި އެތަނުގައި 350 އެއްހާ ސައިކަލް ޕާކު ކުރެވޭނެ ކަމަށެވެ. އަދި ވިދާޅުވީ ފިނޭންސް ބިލްޑިންގުގެ ފުރަގަހުން، އާސަހަރާ ކުރިމައްޗަށްވާ ގޮތަށް، ހަތަރު ފުރޮޅުލީ ވެހިކަލް ޕާކް ކުރެވޭނެ ގޮތް ވެސް ހަމަޖައްސާނެ ކަމަށެވެ.

ފިނޭންސް ބިލްޑިން ކައިރީގައި ހަދާފައިވާ އާ ޕާކިން ޒޯން

ފިނޭންސް ބިލްޑިން ކައިރީގައި ހަދާފައިވާ އާ ޕާކިން ޒޯން

އޭނާ ވިދާޅުވީ މިއީ ރޯދަ މަހާ ދިމާކޮށް ގެނައި ބަދަލެއް ނޫން ކަމަށާއި ދާއިމީ ބަދަލެއް ކަމަށެވެ.

ރޯދަމަހާ ގުޅިގެން މާލޭގެ އެކި ހިސާބުތަކުގައި ތޮއްޖެހުން ކުޑަކުރުމަށް ފުލުހުން އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ.

އެގޮތުން މާލޭގައި އެންމެ ބާރުބޮޑުވާނެ 15 ސަރަހައްދެއް ބަލައި، އެތަންތަނުގެ ޓްރެފިކް ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރާނެ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އެންމެ ބާރުބޮޑު ކަމަށް ފުލުހުންނަށް ފާހަގަ ކުރެވިފައި ވަނީ ބާޒާރުމައްޗާއި މަޖީދީ މަގުގެ އެކި ހިސާބުތަކާއި ސޯސަން މަގެވެ. އެހެންވެ، ބާރުބޮޑުވާ ހިސާބުތައް ބަލަހައްޓަން ޓްރެފިކް ފުލުހުންނާއި އެހެން ޑިޕާޓްމަންޓުތަކުގެ ފުލުހުން މަގުތަކަށް ނެރޭނެ ކަމަށް ފުލުސް އޮފީހުން ބުނެފައި ވެ އެވެ.