Roadha Mihaaru
އެކްސިޑެންޓްވި ޒުވާނާގެ ހާލު ރަނގަޅު: އައިޖީއެމްއެޗް

އެކްސިޑެންޓްވި ޒުވާނާގެ ހާލު ރަނގަޅު: އައިޖީއެމްއެޗް

13 މެއި 2019

ކުޑަކުއްޖަކު ގޮވައިގެން އިއްޔެ ހަވީރު ސައިކަލް ދުއްވަން ނުކުމެ އުޅެނިކޮށް އެކްސިޑެންޓްވި ޒުވާނާގެ ހާލު މިހާރު ރަނގަޅު ކަމަށް އައިޖީއެމްއެޗުން މިއަދު ބުނެފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ކުޑަކުއްޖަކު ގޮވައިގެން އިއްޔެ ހަވީރު ސައިކަލް ދުއްވަން ނުކުމެ އުޅެނިކޮށް އެކްސިޑެންޓްވި ޒުވާނާގެ ހާލު މިހާރު ރަނގަޅު ކަމަށް އައިޖީއެމްއެޗުން މިއަދު ބުނެފި އެވެ.

ދަރުބާރުގެ ކައިރިން އިއްޔެ ހަވީރު 4:30 ހާއިރު ހިނގި އެކްސިޑެންޓުގައި، ސައިކަލު ދުއްވި އުމުރުން 22 އަހަރުގެ ފިރިހެން މީހާ އަށް އަނިޔާ ވިޔަސް ކުޑަކުއްޖާ އަށް ބޮޑު އަނިޔާއެއް ނުވެ އެވެ.

އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އެކްސިޑެންޓުވި ޒުވާނާގެ ނޭފަތު ކަށިގަނޑުގައި ރެނދުލުން ފިޔަވައި އިތުރު ސީރިއަސް އަނިޔާއެއް ނެތް ކަމަށެވެ. އޮފިޝަލް ވިދާޅުވީ ޒަހަމްވި މީހާ އައިޖީއެމްއެޗްގައި އެޑްމިޓްކޮށްގެން އަދިވެސް ފަރުވާ ދެމުން އަންނަ ކަމަށެވެ.

"ވޯޑްގައި ފަރުވާ ދެމުން އަންނަނީ. އޭނާގެ ހާލު ރަނގަޅު،" މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ދެ ސައިކަލު ޖެހި ހިނގި މި އެކްސިޑެންޓުގައި، އަނެއް ސައިކަލުގައި އިން މީހާ އަށް ވެސް މާބޮޑު އަނިޔާއެއް ނުލިބެ އެވެ.

މި ފަހުން ހިނގި މަގުމަތީގެ އެކްސިޑެންޓުތަކުގައި، މިދިޔަ ހޯމަ ދުވަހު ހުޅުމާލޭގައި ވަނީ ބަހެއްގެ ދަށުވެ ޓޫރިސްޓް އަންހެނަކު މަރުވެފަ އެވެ.