Roadha Mihaaru
ރޯމާ އިން ފުރުސަތެއް ނެތަސް ރޮސީގެ ކެރިއަރު ނުނިމޭ

ރޯމާ އިން ފުރުސަތެއް ނެތަސް ޑި ރޮސީގެ ކެރިއަރު ނުނިމޭ

15 މެއި 2019

ރޯމް (މެއި 15) – ކެޕްޓަން ޑެނިއަލީ ޑި ރޮސީގެ ކޮންޓްރެކްޓް އާނުކުރަން އޭއެސް ރޯމާ ނިންމި ނަމަވެސް އޭނާ ކުޅުން ހުއްޓާނުލާނެ ކަމަށާއި ދެން ފެނުމުގެ ފުރުސަތު ބޮޑީ އެމެރިކާގެ މޭޖާ ލީގުގެ ނިއުޔޯކް ސިޓީން ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ރޯމް (މެއި 15) – ކެޕްޓަން ޑެނިއަލީ ޑި ރޮސީގެ ކޮންޓްރެކްޓް އާނުކުރަން އޭއެސް ރޯމާ ނިންމި ނަމަވެސް އޭނާ ކުޅުން ހުއްޓާނުލާނެ ކަމަށާއި ދެން ފެނުމުގެ ފުރުސަތު ބޮޑީ އެމެރިކާގެ މޭޖާ ލީގުގެ ނިއުޔޯކް ސިޓީން ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ރޯމާގައި ހޭދަކުރި ދުވަސްތަކަށް، 18 އަހަރަށް ފަހު ނިމުން އަންނަކަން ރޮސީ، 36، އިއުލާންކުރީ އިއްޔެ އެވެ. އުމުރުން 35 އަހަރުގެ ކުޅުންތެރިޔާ ރޯމާ އަށް ކުޅެދޭ ފަހު މެޗަކަށް ވާނީ މި މަހުގެ 26 ގައި އަމިއްލަ ދަނޑުގައި ޕާމާ އަށް ކުޅޭ މެޗެވެ.

ރޯމާގެ ރައީސް ޖިމް ޕަލޯއްޓާ ވިދާޅުވީ ޑި ރޮސީގެ ފަހު މެޗުގައި ކްލަބުގެ އެންމެންގެ ލޮލުން ކަރުނަ އަންނާނެ ކަމަށާއި އެކަމަކު ރޯމާ ނޫން ކްލަބެއްގައި އޭނާ ކުޅުމުގެ ކެރިއަރު ކުރިއަށް ގެންދަން ނިންމި ނިންމުމަށް އިހުތިރާމްކުރައްވާ ކަމަށެވެ.

ވަރުގަަދަ ޑިފެންސިވް މިޑްފީލްޑަރެއްގެ އިތުރުން ލީޑާޝިޕް ރަނގަޅު ކެޕްޓަނެއްގެ ގޮތުގައި ފާހަގަކުރެވޭ ޑި ރޮސީ ބުނީ ކޮންޓްރެކްޓް ކްލަބުން އާނުކުރާނެކަން އެނގުނީ ހޯމަ ދުވަހު ކަމަށާއި އޭނާ އަކީ ކޯޗު ނަމަ އޭނާ ފަދަ ކުޅުންތެރިޔެއްގެ ކޮންޓްރެކްޓް އާކުރާނެ ކަމަށެވެ.

"އަހަންނަށް ވިސްނޭ ގޮތުގައި ކްލަބަށް އަހަރެން މުހިއްމު. އެކަމަކު ގޮތް ނިންމާނީ ކްލަބުން. އަހަރެން ދެރަވާ ހަމައެކަނި ކަމަކީ އަހަރެމެންނަށް ވާހަކަދެއްކުނީ ކުޑަކޮށް ކަމަށްވާތީ. އަހަރެން އުއްމީދުކުރަން ވާހަކަދެކެވޭލެއް ކުރިމަގުގައި އިތުރުވާނެ ކަމަށް،" ޑި ރޮސީ ބުންޏެވެ.

ރޯމާގެ ޔޫތު ޓީމާ 2000 ވަނަ އަހަރު ގުޅުނު ރޮސީ ސީނިއާ ޓީމަށް ކުޅެން ފެށީ 2001 ގަ އެވެ. 615 މެޗު ކުޅެދިން ނަމަވެސް ކްލަބާ އެކު ހޯދުނީ މަދު ކާމިޔާބީތަކެކެވެ. އެއީ 2007 އާއި 2008 ގެ އިޓާލިއަން ކަޕެވެ. އެކަމަކު އެތައް ކްލަބަކުން އޭނާ އަށް އޮފާކުރި ނަމަވެސް ކްލަބް ދޫކޮށްލުމުގެ ހިޔާލެއް ނުކުރި އެވެ. އޭގެ ތެރޭގައި މެންޗެސްޓާ ޔުނައިޓެޑާއި ރެއާލް މެޑްރިޑް ވެސް ހިމެނެ އެވެ.

އެކަމަކު ރިޕޯޓްތައް ބުނާ ގޮތުގައި ކްލަބުން އޭނާ ދޫކޮށްލުން ނިންމުމާ އެކު، އިޓަލީން ބޭރު ކްލަބަކާ އޭނާ ގުޅޭނެ އެވެ. އަދި އެހެން ކްލަބްތަކުން މަސައްކަތް ނުފަށަނީސް އޭނާ ގެންދިއުމުގެ މަސައްކަތް އެމެރިކާގެ ނިއުޔޯކް ސިޓީން ކުރަން ފަށާފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ޑި ރޮސީ ގިނަ ބަޔަކަށް ފާހަގަވީ 2006 ވަނަ އަހަރުގެ ވޯލްޑް ކަޕުގަ އެވެ. އެ މުބާރާތުގެ ދެ ވަނަ މެޗުގައި އެމެރިކާ ކުޅުންތެރިޔެއްގެ މޫނުމަތި ފަޅާލުމުން ދިން ސަސްޕެންޝަނާ އެކު މުބާރާތް ނިމުނީ ކަމަށް ބެލެވުނެވެ. އެކަމަކު ސަސްޕެންޝަނަށް ފަހު އެނބުރި އައިސް ފައިނަލުގައި ވެސް ކުޅެ އިޓަލީ އަށް މުބާރާތް ކާމިޔާބުކޮށްދިނުމުގައި ދައުރެއް އަދާކުރި އެވެ. އިޓަލީ މިދިޔަ އަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިނުވުމުން ގައުމީ ޓީމަށް ކުޅުން ހުއްޓާލިއިރު އޭނާ ވަނީ އެ ޓީމަށް 117 މެޗު ކުޅެދީފަ އެވެ.