Roadha Mihaaru
ދަރުމަވަންތަ ހުރިހާ ފްލޯއެއް ޖުލައި މަހު ބޭނުންކުރަނީ

އޯޕީޑީ ވެސް ދަރުމަވަންތަ އަށް، ޖުލައި މަހު މުޅި އިމާރާތް ބޭނުންކުރަނީ

19 މެއި 2019

އައިޖީއެމްއެޗުގެ ޖާގައިގެ ދަތިކަން ހައްލު ކުރަން އިމާރާތް ކުރި 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލަށް މި މަހުގެ ތެރޭގައި އޯޕީޑީ (ޑޮކްޓަރުން ބަލާ ކޮޓަރިތައް) ބަަދަލުކޮށް، މުޅި އިމާރާތް ޖުލައި މަހު ބޭނުންކުރަން ފެށޭނެ ކަމަށް ސީއީއޯ އިބްރާހިމް ސަލީމް (ކުޑަ ބަންދޭ) މިދިޔަ ހަފުތާގައި ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އައިޖީއެމްއެޗުގެ ޖާގައިގެ ދަތިކަން ހައްލު ކުރަން އިމާރާތް ކުރި 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލަށް މި މަހުގެ ތެރޭގައި އޯޕީޑީ (ޑޮކްޓަރުން ބަލާ ކޮޓަރިތައް) ބަަދަލުކޮށް، މުޅި އިމާރާތް ޖުލައި މަހު ބޭނުންކުރަން ފެށޭނެ ކަމަށް ސީއީއޯ އިބްރާހިމް ސަލީމް (ކުޑަ ބަންދޭ) މިދިޔަ ހަފުތާގައި ވިދާޅުވެއްޖެ އެވެ.

އައިޖީއެމްއެޗުގެ ބައެއް ޚިދުމަތްތައް މިހާރު ވެސް ވަނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އިމާރާތް ކުރި ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކޮށްފަ އެވެ. އޭގެތެރޭގައި، ފިޒިއޮތެރަޕީ އާއި ސްޕީޗް ތެރެޕީ ހިމެނެ އެވެ.

ސަލީމް "މިހާރު" އަށް ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލުގައި އޯޕީޑީގެ ޚިދުމަތް ފަށަން ރޫމްތައް ވެސް މިހާރު ވަނީ ތައްޔާރުކޮށް ނިމިފައި ކަމަށެވެ. އޯޕީޑީ ބަދަލުކުރާ ގޮތަށް އޮތީ ދެ ވަނަ ފްލޯ އާއި ތިން ވަނަ ފްލޯ އަށެވެ.

"ރޯދަ މަސް ނިމުމާ އެކު އެކްސްރޭ އާއި އެހެން ޚިދުމަތްތައް ވެސް ބަދަލުކުރެވޭނެ،" ސަލީމް ވިދާޅުވި އެވެ.

އޭގެތެރޭގައި، ސްޕޯޓްސް ތެރަޕީ އާއި އީއެންޓީ އާއި ލޮލުގެ ބަލިތަކަށް ޚާއްސަ ޑިޕާޓްމެންޓާއި ޑެންޓަލް ޑިޕާޓްމެންޓް ވެސް ހިމެނެ އެވެ.

ހިނގާ މަގަކުން، ދެ އިމާރާތް ގުޅުވާލާފައިވާ އިރު، ދެ ތަނުން ވެސް ޚިދުމަތް ހޯދަން އުނދަގުލެއް ނުވާނެ އެވެ. އާ، އިމާރާތް ޑިޒައިން ކޮށްފައި ވަނީ، އައިޖީއެމްއެޗުގައި އިމަޖެންސީ ފަރުވާދޭ ޑިޕާމްޓްމަންޓުން ނުކުމެގެން ގޮސް ދަރުމަވަންތަ ހޮސްޕިޓަލަށް ވަދެވޭ ގޮތަށެވެ.

ދަރުމަވަންތަ ހޮސްޕިޓަލް: މި އިމާރާތާ އެކު އައިޖީއެމްއެޗުގެ ޖާގައިގެ ދަތިކަމަށް ލުޔެއް ލިބޭނެ.

ދަރުމަވަންތަ ހޮސްޕިޓަލް: މި އިމާރާތާ އެކު އައިޖީއެމްއެޗުގެ ޖާގައިގެ ދަތިކަމަށް ލުޔެއް ލިބޭނެ.

އެ އިމާރާތުގެ ހުރިހާ މަސައްކަތެއް ނިންމައި، މި މަހުގެ ތެރޭގައި ސަރުކާރާ ހަވާލުކުރަން ޖެހެ އެވެ. އެއްބަސްވެފައިވާ މުއްދަތުގައި ހަވާލުކުރަން، ކޮންޓްރެކްޓަރު އިމާރާތް ސާފުކުރަމުން އަންނަ ކަމަށް ސަލީމް ވިދާޅުވި އެވެ.

ރާއްޖޭގައި މިހާތަނަށް އެންމެ އުސް އަދި އެންމެ އަގު ބޮޑު އިމާރާތް ހަވާލުކުރީ ސިންގަޕޫރުގެ ޝެންހުއާ ކުންފުންޏާ އެވެ. އެ އިމާރާތް ހަވާލުކުރީ 143 މިލިއަން ޑޮލަރު (2.2 ބިލިއަން ރުފިޔާ) އަށެވެ. ޖޫން، 5، 2016 ގައި އެ ކުންފުނިން މަސައްކަތް ފެށީ ދެ އަހަރުން ނިންމާށެވެ. އެކަމަކު ހޮސްޕިޓަލް ހުޅުވައި ޚިދުމަތް ލަސްވީ ވަސީލަތްތައް ހޯދަން ހަވާލުކުރި ކުންފުނިތަކަށް ދިން ތާރީޚުތަކުގައި އެކަން ނުވެގެން ކަމަށް އައިޖީއެމްއެޗުން ވަނީ ބުނެފަ އެވެ.

ސަލީމް ވިދާޅުވި ގޮތުގައި އާ އިމާރާތް ސާފުކުރުމާއި އެ ނޫން ޚިދުމަތްތަކަށް ވެސް ނަގަން ހަމަޖައްސާފައި ވަނީ ދިވެހިންނެވެ. ޒަމާނީ ފެންވަރަށް ހަދާފައިވާ އިމާރާތުގެ ކޮންމެ ފްލޯއެއްގައި 33 ފާޚާނާ ހުރެ އެވެ.

އޭނާ ވިދާޅުވީ މުޅި އިމާރާތް ބޭނުންކުރަން ފެށުމުން އައިޖީއެމްއެޗުގެ ޖާގައިގެ ދަތިކަމަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބޭނެ އެވެ.

"ޑޮކްޓަރަށް ދެއްކުމާއި އެ ނޫން ވެސް ގިނަ ޚިދުމަތްތަކުގައި ލުއި ފަސޭހަތަކެއް ލިބިގެންދާނެ،" ސަލީމް ވިދާޅުވި އެވެ.

ދަރުމަވަންތަ ހޮސްޕިޓަލަކީ ރައީސް ޔާމީންގެ ތަރައްގީގެ ރަމްޒު ކަމަށް އެމަނިކުފާނުގެ ސަޕޯޓަރުން ސިފަކުރާއިރު، ސަރުކާރު ކޯލިޝަނުން ދެކެނީ އެއީ، ކޮރަޕްޝަންގެ ބިނާއެއްގެ ގޮތުގަ އެވެ. މި މަޝްރޫއަށް 140 މިލިއަން ޑޮލަރު ހަރަދު ކުރާއިރު މިއީ، މިފަދަ ދެތިން އިމާރާތުގެ އަގު ކަމަށް އިމާރާތްކުރުމުގެ ދާއިރާގެ މީހުން ދެކެ އެވެ. އެއަށް ރައްދު ދީ، ޔާމީންގެ ސަރުކާރުން ބުނެފައި ވަނީ، މުހިއްމީ ހޮސްޕިޓަލް އަވަހަށް ނިންމައި ޚިދުމަތް ދިނުން ކަމަށެވެ.