Roadha Mihaaru
އެއާޕޯޓް މަޝްރޫއު އަލުން ފަށަން މަޝްވަރާކޮށްފި

އެއާޕޯޓް މަޝްރޫއު އަލުން ފަށަން މަޝްވަރާކޮށްފި

07 މެއި 2019

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ތަރައްގީކުރުމުގެ މަޝްރޫއު އަލުން ފެށުމާ ގުޅޭ ގޮތުން، ސައުދީ ފަންޑާ އެކު، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު މަޝްވަރާ ކުރައްވައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ތަރައްގީކުރުމުގެ މަޝްރޫއު އަލުން ފެށުމާ ގުޅޭ ގޮތުން، ސައުދީ ފަންޑާ އެކު، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު މަޝްވަރާ ކުރައްވައިފި އެވެ.

ފިނޭންސް މިނިސްޓްރީގައި މިއަދު އޮތް ބައްދަލުވުމުގައި، ބައިވެރިވަޑައިގަތީ ސައުދީ ފަންޑުގެ ވައިސް ޗެއާމަން އަދި މެނޭޖިން ޑިރެކްޓަރު ޚާލިދު ބިން ސުލައިމާނެވެ. އެއާޕޯޓް މަޝްރޫއާ ގުޅޭ ގޮތުން ކުރި މަޝްވަރާތަކުގެ ތަފްސީލެއް އެ މިނިސްޓްރީން އަދި ނުދެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެންމެ މުހިއްމު އެއް މަޝްރޫއުގެ ގޮތުގައި ކުރިއަށް ގެންދިޔަ އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތަށް ފައިސާ ޚަރަދު ކުރަނީ ސައޫދީ އާއި އަބޫދާބީ އަދި ކުވެއިތު ފަންޑުން އުފައްދާފައިވާ ކޮންސޯޓިއަމަކުންނެވެ.

ވެލާނާ އެއާޕޯޓުގެ އިންޓަނޭޝަނަލް ޓާމިނަލްގެ ބައެއް ގޭޓްތަކާއި އެއާލައިން އޮފީސްތައް ހުރި ތަން ތަޅާލާފައި.---ފޮޓޯ: އެމްއޭސީއެލް

ވެލާނާ އެއާޕޯޓުގެ އިންޓަނޭޝަނަލް ޓާމިނަލްގެ ބައެއް ގޭޓްތަކާއި އެއާލައިން އޮފީސްތައް ހުރި ތަން ތަޅާލާފައި.---ފޮޓޯ: އެމްއޭސީއެލް

އެ މަޝްރޫއުގައި ހިމެނޭ އެންމެ މުހިއްމު މަސައްކަތް ކަމަށްވާ ޓާމިނަލް ހެދުން ހަވާލުކުރީ ސައުދީ ބިންލާދިން ގްރޫޕާ އެވެ. އެ މަސައްކަތް ކުރަމުން އައިސް މިދިޔަ އަހަރުގެ ވަކި ހިސާބަކުން ފެށިގެން ބިންލާދިން ގްރޫޕުން ވަނީ އެ މަސައްކަތް މަޑުޖައްސާލައިފަ އެވެ.

ބިންލާދިން ގްރޫޕަށް ފައިސާ ދިނުން ވެސް ސައޫދީ ސަރުކާރުން ދުވަސްކޮޅަކަށް ހުއްޓާލި އެވެ. ނަމަވެސް ސައޫދީ ސަރުކާރާއި ބިންލާދިން ގުރޫޕާ ދެމެދު އެއްބަސްވުމަކަށް އާދެވި، އެއާޕޯޓް މަޝްރޫއު އަލުން ކުރިއަށް ގެންދިއުމުގެ ވާހަކަތައް ފެށީ މި ސަރުކާރުގަ އެވެ.

××

××

އެއާޕޯޓުގެ ކުރެހުންތައް ވެސް މި ސަރުކާރުން ބޭނުންވާ ގޮތަށް މިހާރު އަންނަނީ ބަދަލުކުރަމުންނެވެ. އެނގިފައިވާ ގޮތުގައި، މި ސަރުކާރުން ބޭނުން ވަނީ، ބައިނަލްއަގުވާމީ ދަތުރުތަކަށް ހާއްސަ ޓާމިނަލް ކުރިން ހަދަން އޮތް ވަރަށް ވުރެ ބޮޑުކުރާށެވެ.

އަހަރަކު ގާތްގަނޑަކަށް ހަތް މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ގޮތަށް ޒަމާނީ ވަސީލަތްތަކާ އެކު ހަދާ ޓާމިނަލްގެ މަސައްކަތް ބިން ލާދިން ގްރޫޕާ ހަވާލުކުރީ ގާތްގަނޑަކަށް 350 މިލިއަން ޑޮލަރަށް (5.3 ބިލިއަން ރުފިޔާ) އަށް މެއި، 2016 ގަ އެވެ. މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނެފައިވާ ގޮތުގައި ޓާމިނަލްގެ މަސައްކަތް ނިމޭނެ ކަމަށް ލަފާކުރެވެނީ 2022 ގަ އެވެ.

އާ ޓާމިނަލްގެ ފައުންޑޭޝަނަށް ބޭނުންވާ 1400 އަށް ވުރެ ގިނަ ދަގަނޑު ހޮޅި ޖެހުމުގެ މަސައްކަތް، ކުރީގެ ރައީސް ޔާމީންގެ ވެރިކަން ނިމުނު އިރު، ބިންލާދިން ގްރޫޕުން އޮތީ ފަށައިފަ އެވެ. އާ ޓާމިނަލް ހަދަނީ، މިހާރުގެ ޓާމިނަލްގެ ދެކުނު ފަަރާތުގައި، 78،000 އަކަމީޓަރުގެ ސަރަހައްދެއްގަ އެވެ.

އެއާޕޯޓް ތަރައްގީ ކުރުމަކީ މި ސަރުކާރުގައި ވެސް އެންމެ އިސްކަންދޭ އެއް މަޝްރޫއު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ވިދާޅުވެފަ އެވެ.

އެމަނިކުފާނު ވިދާޅުވެފައިވާ ގޮތުގައި، މަޑުޖެހިފައި އޮތް އެއާޕޯޓް މަސައްކަތް ފެށޭނެ ގޮތް ވެފައި ވާތީ، ޓާމިނަލްގެ ކުރެހުންތަކަށް ގެންނަ ބަދަލާ މެދު ވެސް ލަހެއް ނުވެ ގޮތެއް ކަނޑައެޅޭނެ އެވެ.

ވެލާނާ އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތާ، ދައުލަތަށް ލިބޭ އާމްދަނީއާ ވަރަށް ބޮޑަށް ގުޅިފައިވާތީ، ވީހާ ވެސް އަވަހަކަށް އެ މަޝްރޫއު ނިންމުން ސަރުކާރަށް ބޭނުންތެރި ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ. ބިންލާދިން ގުރޫޕުގެ ހިއްސާގެ ބޮޑު ބަޔަކީ މިހާރު ސައޫދީ ސަރުކާރު ކަމަށް ވާތީ ވެލާނާ އެއާޕޯޓުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށް ދާނެ ކަމަށް ވެސް އެމަނިކުފާނު ގަބޫލުކުރައްވަ އެވެ.