Roadha Mihaaru
ގޫގުލްގެ ހިދުމަތްތަކެއް ވާވޭ ފޯނުތަކަށް ހުއްޓާލަނީ

ގޫގުލްގެ މުހިންމު ހިދުމަތްތަކެއް ވާވޭ ފޯނުތަކަށް ހުއްޓާލަނީ

20 މެއި 2019

އެމެރިކާގެ ކުންފުނިތަކުން ޗައިނާގެ "ވާވޭ ޓެކްނޮލޮޖީޒް"އާ އެކު ވިޔަފާރިކުރުން ސަރުކާރުން މަނާކުރުމާ އެކު، ވާވޭ ސްމާޓްފޯނުތަކަށް ބޭނުންވާ ސޮފްޓްވެއާ ލައިސަންސް ވިއްކުން ގޫގުލުން ހުއްޓާލައިފި އެވެ. މިއީ ވާވޭ އަށް ކަޑައްތުކުރަން އުނދަގޫ މަރުހަލާއަކަށް ވާނެ ކަމަށް ބެލެވެ އެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

އެމެރިކާގެ ކުންފުނިތަކުން ޗައިނާގެ "ވާވޭ ޓެކްނޮލޮޖީޒް"އާ އެކު ވިޔަފާރިކުރުން ސަރުކާރުން މަނާކުރުމާ އެކު، ވާވޭ ސްމާޓްފޯނުތަކަށް ބޭނުންވާ ސޮފްޓްވެއާ ލައިސަންސް ވިއްކުން ގޫގުލުން ހުއްޓާލައިފި އެވެ. މިއީ ވާވޭ އަށް ކަޑައްތުކުރަން އުނދަގޫ މަރުހަލާއަކަށް ވާނެ ކަމަށް ބެލެވެ އެވެ.

ސްމާޓްފޯން މާކެޓްގައި ދެވަނައިގައި އޮތް އެޕަލް، ތިން ވަނަ އަށް ވައްޓާލުމަށް ފަހު ވާވޭ ވަނީ ދެ ވަނަ ކަށަވަރުކޮށްފަ އެވެ. އަދި މިހާރު އަމާޒުހިފައިފައި ވަނީ އެއްވަނައިގައި އޮތް ސެމްސަންގް ވައްޓާލުމަށެވެ. ނަމަވެސް، ސްމާޓްފޯން މާކެޓަށް ޗާލު އެންޑްރޮއިޑް ފޯނުތަކެއް ނެރެމުން އަންނަ ވާވޭ އަށް މިހާރު އެ ވަނީ މަގު ބަންދުވެ ހަދާނެ ގޮތް ހުސްވެފަ އެވެ.

ގޫގުލުން ސޮފްޓްވެއާ ލައިސަންސް ވާވޭ އަށް ދޫކުރުން ހުއްޓާލައިފި ނަމަ، ގޫގުލް ޕްލޭ، ޖީމެއިލް، ޔޫޓިއުބް އަދި ވަކި ލައިސަންސަކުން ހުއްދަ ހޯދަން ޖެހޭ "ގޫގުލް ސާވިސް"ތައް، ދެން ނެރެން ހުރި ފޯނުތަކުގައި ވާވޭ އަށް ބޭނުމެއް ނުކުރެވޭނެ އެވެ. ނަމަވެސް، ލައިސަންސް ގަނެގެން މިހާރު މާކެޓަށް ނެރެފައި ހުރި އެއްވެސް ފޯނަކަށް ދަތިކަމެއް ނުފޯރާނެ އެވެ.

ވާވޭ އަކީ އެންޑްރޮއިޑް މާކެޓަށް ބާރުގަދަ ފޯނުތަކެއް ނެރޭ ކުންފުންޏެކެވެ. ވާވޭއާ އެކު ގޫގުލުން ވިޔަފާރިކުރުން ހުއްޓާލި ނަމަވެސް، "އެންޑްރޮއިޑް އޯޕަން ސޯސް ޕްރޮޖެކްޓް"ގެ ދަށުން ވާވޭ އަށް "އޯޕަން ސޯސް ލައިސަންސް"ގެ ބޭނުން ހިފޭނެ އެވެ. އެއީ ކޮންމެ ބަޔަކަށް ވެސް ހިލޭ ލިބޭ ޚިދުމަތެކެވެ. އެހެންކަމުން، އެންޑްރޮއިޑް ފޯނުތައް އުފެއްދުން ވާވޭ އަށް މުޅިން މަނައެއް ނުވާނެ އެވެ. ވާވޭ އަށް ބޭނުންކުރުން ހުއްދަ ނޯންނާނީ ވިޔަފާރީގެ އުސޫލުން ގޫގުލުން ވިއްކާ އެޕްލިކޭޝަންތައް އަދި "އެންޑްރޮއިޑް ސޮފްޓްވެއާ ސެކިޔުރިޓީ އަޕްޑޭޓް"ތަކެވެ.

ޗައިނާގައި ވެސް ވާވޭ އެންޑްރޮއިޑް ފޯނުތައް ބޭނުންކުރެ އެވެ. އެ ފޯނުތަކުގައި ގޫގުލް ސާވިސްތައް ބޭނުންކުރުން އޮންނަނީ މަނާކޮށްފަ އެވެ. އެހެންކަމުން، ޖީމެއިލް، ކްރޯމް ބްރައުޒާ، ގޫގުލް ޕްލޭ އަދި ޖީމެއިލް ފަދަ އެޕްލިކޭޝަންތައ ބޭނުމެއް ނުކުރެ އެވެ. އޭގެ ބަދަލުގައި ޗައިނާގައި ބޭނުންކުރަނީ މުޅިން އަމިއްލަ އެޕްލިކޭޝަންތަކެކެވެ.

ގޫގުލްގެ މި އަމަލާ މެދު ވާވޭ އިން އަދި ވާހަކައެއް ނުދައްކަ އެވެ. ނަމަވެސް، އެމެރިކާއިން އަޅާފާނެ ފިޔަވަޅަކަށް މުޅިން ތައްޔާރު ކަމަށް ވާވޭ ވަނީ ބުނެފަ އެވެ. އެ ގޮތުގައި، ސްމާޓްފޯނުތަކަށް ބޭނުންވާ މޯޑެމް ޗިޕްތައް ވެސް އަމިއްލަ އަށް ޑިޒައިންކޮށް އުފައްދާފައި ވާ ކަމަށް ވަނީ ބުނެފަ އެވެ. އަދި ޗައިނާގައި މިހާރު ޓެސްޓްކޮށްފައިވާ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

އެމެރިކާގެ ކުންފުނިތަކުން ވާވޭ އަށް މުދާ ވިއްކުން މަނާކުރުމާ އެކު ކުއަލްކޮމް، އިންޓެލް، ބްރޯޑްކޮމް އަދި ޒީލިންކް ފަދަ ޓެކްނޮލޮޖީ ކުންފުނިތަކުން ވަނީ ވިޔަފާރި ގުޅުންތައް މަޑުޖައްސާލާފަ އެވެ. ވާވޭއާ އެކު ވިޔަފާރިކުރުން ހުއްޓާލުމުން ލިބިދާނެ ގެއްލުމަކާ މެދު ވިސްނަމުން ދާ ކަމަށް ވެސް މި ކުންުނިތަކުން ބުނެ އެވެ.