Roadha Mihaaru
އެމްޑީޕީ ފިޔަވައި އެހެން ޕާޓީތަކަށް ޕީޕީއެމްގެ ދައުވަތު

އެމްޑީޕީ ފިޔަވައި އެހެން ޕާޓީތަކަށާއި ލީޑަރުންނަށް ޕީޕީއެމްގެ ދައުވަތު ފޮނުވައިފި

02 އޯގަސްޓް 2021

ގައުމު މިނިވަންކުރުމުގެ ނަމުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީން ފަށާފައިވާ ކެމްޕެއިންގެ ދައުވަތު އެމްޑީޕީ ފިޔަވައި އެހެން ޕާޓީތަކަށާއި އެ ޕާޓީތަކުގެ ލީޑަރުންނަށް ރަސްމީކޮށް ފޮނުވާފައިވާ ކަމަށް ޕީޕީއެމުން މިއަދު ބުނެފި އެވެ.

ގައުމު މިނިވަންކުރުމުގެ ނަމުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީން ފަށާފައިވާ ކެމްޕެއިންގެ ދައުވަތު އެމްޑީޕީ ފިޔަވައި އެހެން ޕާޓީތަކަށާއި އެ ޕާޓީތަކުގެ ލީޑަރުންނަށް ރަސްމީކޮށް ފޮނުވާފައިވާ ކަމަށް ޕީޕީއެމުން މިއަދު ބުނެފި އެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އިފުތިތާހުކުރި "މިނިވަންކަމުގެ ދިފާއުގައި-ދިވެހިން" ކެމްޕެއިންގެ ރަސްމީ ދައުވަތު ފޮނުވީ ސަރުކާރު ހިިންގާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އާއި އެމްއާރުއެމްގެ އިތުރުން ސަން ޓްރެވެލް އަހުމަދު ސިޔާމްގެ އެމްޑީއޭ އަށެވެ.

އެމްޑީޕީ އަށް ރަސްމީ ދައުވަތު ނުދިން ނަމަވެސް މި ކެމްޕެއިން އިފުތިތާހު ކުރުމަށް ބޭއްވި ޖަލްސާގައި، އިިދިކޮޅު ކޯލިޝަން ހިންގުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ރައީސް އަދި އެމްޑީޕީގެ އެންމެ އިސް ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހާއި އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ކެމްޕެއިން ބައިވެރިވެވަޑައިގަތުމަށް އެދިވަޑައިގެންފަ އެވެ.

މީގެ އިތުރުން ކުރީގެ ރައީސް އަދި އެމްއާރުއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި މިހާރު އުފައްދަން މަސައްކަތްކުރާ މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ އިސް މެމްބަރު ދަނގެތި ދާއިރާގެ މުހައްމަދު ނާޒިމް ވެސް އިިދިކޮޅު ކޯލިޝަންގެ ކެމްޕެއިންގައި ބައިވެރިވެވަޑައިގަތުމަށް އަބްދުއްރަހީމް ދައުވަތު ދެއްވި އެވެ.

ނަމަވެސް އިމްރާނާއި ނާޒިމަށް ވެސް ރަސްމީ ދައުވަތެއް ނުފޮނުވަ އެވެ.

ޕީޕީއެމްގެ ކެމްޕެއިން ފެށުމަށް ބޭއްވި ޖަލްސާގައި އަބްދުއްރަހީމް ވިދާޅުވީ، މިހާރު ގައުމުގެ މިނިވަންކަން އޮތީ ނާޒުކް ހާލަތަކަށް ގޮސްފައި ކަމަށާއި ގައުމު ސަލާމަތްކުރަން އެ ޕާޓީ އާއި އެހެން ޕާޓީތަކުގެ ހުރިހާ އެންމެން ވެސް ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

އިދިކޮޅު ޕީޕީއެމް ކޯލިޝަނުން ފެށި ކެމްޕެއިނުގައި ބައިވެރިވާން އެމްޑީޕީ އާއި އެ ޕާޓީގެ ލީޑަޝިޕަށް ދައުވަތު ދީފައި ނުވާއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދާ ދެބޭފުޅުންގެ މެދުގައި އުފެދިފައިވާ ކޯޅުމުގެ ތެރެއިން، އެމްޑީޕީއާއެކު މަސައްކަތް ކުރެއްވުމުގެ ޝައުގުވެރިކަން ނަޝީދު ގެންދަވަނީ ފާޅުކުރައްވަމުންނެވެ. ނަމަވެސް ޕީޕީއެމް ކޯލިޝަނުން އެ މަނިކުފާނަށް ދިނީ ބީރު ކަންފަތެކެވެ. އެ ކޯލިޝަނުން ތަކުރާރުކޮށް ވެސް ބުނަމުން އަންނަނީ ނަޝީދާއެކު ކުރާނެ ސިޔާސީ މަސައްކަތްތަކެއް ނެތް ކަމަށެވެ.