Roadha Mihaaru
ޓްރަމްޕްގެ ރުޅިގަނޑު އަނެއްކާވެސް ފަޅައިގެން ހިނގައްޖެ

ޓްރަމްޕްގެ ރުޅިގަނޑު އަނެއްކާވެސް ފަޅައިގެން ހިނގައްޖެ

23 މެއި 2019

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކަންތައްތަކެއް ފޮރުވަން އުޅުއްވާ ކަމަށް ވިދާޅުވެ ކޮންގްރެސް ޑިމޮކްރެޓިކް ލީޑަރު ނޭންސީ ޕެލޯސީ ދެއްކެވި ވާހަކަތަކަށް ޓްރަމްޕް ރައްދު ދެއްވައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކަންތައްތަކެއް ފޮރުވަން އުޅުއްވާ ކަމަށް ވިދާޅުވެ ކޮންގްރެސް ޑިމޮކްރެޓިކް ލީޑަރު ނޭންސީ ޕެލޯސީ ދެއްކެވި ވާހަކަތަކަށް ޓްރަމްޕް ރައްދު ދެއްވައިފި އެވެ.

ކޮންގްރެސްގެ މެޖޯރިޓީ އޮންނަ ޑިމޮކްރެޓިކް ޕާޓީގެ ޕެލޯސީ އާއި ސެނެޓުގެ މައިނޯރިޓީ ލީޑަރު ޑެވިޑް ޝޫމާއާ އެކު އިއްޔެ ވައިޓް ހައުސްގައި ކުރިއަށް ދިޔަ ބައްދަލުވުން ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މެދުކަނޑާލައްވާފައި ޓްރަމްޕް ނުކުމެވަޑައިގެން ނޫސްވެރިންގެ ބައްދަލުކުރެއްވި އެވެ.

އެ ބައްދަލުވުމުގައި ޓްރަމްޕް ވިދާޅުވީ ޑިމޮކްރެޓުން އޭނާއާ ގުޅުވައިގެން ދައްކަމުން ދަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ. އަދި ޑިމޮކްރެޓުން މިހާރު މަސައްކަތް ކުރަނީ އޭނާ އިމްޕީޗްކުރުމަށް ކަމަށް ވެސް ވިދާޅުވި އެވެ.

ޓްރަމްޕް ގޮވާލެއްވީ އޭނާއާ ދެކޮޅަށް ކުރަމުން އަންނަ ތަހުގީގުތައް ހުއްޓާލުމަށެވެ.

އިއްޔެ ޕެލޯސީި އާއި ޝޫމާއާ އެކު ބައްދަލުވުން ބޭއްވީ އެ ގައުމުގެ އިންފްރާސްޓްރަކްޗާ މަޝްރޫއުތަކާ ބެހޭ ގޮތުން ވާހަކަ ދައްކާށެވެ.

އެ ބައްދަލުވުން ފެށިތާ ފަސް ވަރަކަށް މިނެޓު ތެރޭގައި ޓްރަމްޕް ބައްދަލުވުމުން ނުކުމެވަޑައިގެންނެވި އިރު އެގޮތަށް ކަންތައް ކުރައްވާނެ ކަން މާ ކުރިންވެސް އެނގިވަޑައިގެންނެވި ކަމަށް ޕެލޯސީ ވިދާޅުވި އެވެ.

"އަޅުގަނޑަށް އެނގުނު އޭރު ވެސް އިންފްރާސްޓްރަކްޗާއާ ގުޅޭ ގޮތުން ރައީސް ސީރިއަސް ނޫންކަން. ކޮންމެވެސް ގޮތަކުން ބައްދަލުވުން މެދުކަނޑާލާނެ ކަން ވެސް އެނގޭ" ޕެލޯސީ ވިދާޅުވި އެވެ.

ކޮންގްރެސް އިން އަންގާ އެންގުންތަކަށް ޓްރަމްޕް އަމަލްނުކުރައްވާތީ އާއި 2016 ގެ އިންތިހާބަށް ރަޝިޔާ އިން ނުޒޫފު ފޯރުވާފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކާ ބެހޭ ގޮތުން ހިންގި ތަހުގީގުގެ ފުރިހަމަ ރިޕޯޓް ސަރުކާރުން އާންމުނުކުރުން ކަހަލަ ކަންކަމާ ގުޅިގެން ޑިމޮކްރެޓުން ގެންދަނީ ބަހުގެ ހަމަލާތައް ދެމުންނެވެ.

ޑިމޮކްރެޓިކް ޕާޓީން ކޮންގްރެސް ކޮންޓްރޯލްކުރާ އިރު ސެނެޓްގެ މެޖޯރިޓީ އޮތީ ޓްރަޕްމްގެ ރިޕަބްލިކަން ޕާޓީއަށެވެ. ރައީސް އިމްޕީޗްކުރުމުގެ ބައި ފުރަތަމަ ކުރިއަށް ގެންދާނީ ކޮންގްރެސް އިންނެވެ. އެހެންކަމުން ޓްރަމްޕް މަގާމުން ދުރުކުރުވުމުގެ ބަހުސް ޑިމޮކްރެޓިކް މެމްބަރުންގެ މެދުގައި ބޮޑެވެ.