Roadha Mihaaru
އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު އިސްތިއުފާ ދެއްވަނީ

އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު އިސްތިއުފާ ދެއްވަނީ

24 މެއި 2019

އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު ތެރެސާ މޭ، އަންނަ މަހުގެ ހަތް ވަނަ ދުވަހު މަގާމުން އިސްތިއުފާ ދެއްވާނެކަން އިއުލާނުކުރައްވައިފި އެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު ތެރެސާ މޭ، އަންނަ މަހުގެ ހަތް ވަނަ ދުވަހު މަގާމުން އިސްތިއުފާ ދެއްވާނެކަން އިއުލާނުކުރައްވައިފި އެވެ.

އިސްތިއުފާ ދެއްވަން ނިންމިކަން މޭ އިއުލާނުކުރެއްވީ މީގެ އިރުކޮޅެއް ކުދިން ދެއްވި ބަޔާނެއްގަ އެވެ.

މޭ ވިދާޅުވީ ޔޫރަޕްގެ އިއްތިހާދުން ވަކިވާން ނިންމުމާ ގުޅިގެން އިނގިރޭސި ވިލާތަށް ދިމާވެފައިވާ މައްސަލަތަކުން ގައުމު ސަލާމަތްކޮށް ހަމަޔަކަށް އެޅުވުމުގައި ކޮންޒަވެޓިވް ޕާޓީގެ ލީޑަރުގެ ހައިސިއްޔަތުން ނާކާމިޔާބުވެ ވަޑައިގެންފައިވާ ކަމަށެވެ. އެހެންވެ ގައުމަށް މި ވަގުތު އެންމެ ރަނގަޅު ގޮތަކީ އާ ބޮޑުވަޒީރަކު ވަޑައިގަތުން ކަމަށް މޭ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބްރެކްސިޓްގައި ދިމާވި މައްސަލަތައް ހައްލުކުރުމަށް، ގާނޫނު ހަދާ މަޖިލީހުގެ މެންބަރުން ރުހޭ ގޮތެއް އޭނާ އަށް ހޯދައިނުދެވުނު ކަމަށެވެ.

"އަޅުގަނޑު މިއަދު މި އިއުލާނުކުރަނީ ކޮންޒަވެޓިވް ޕާޓީގެ ލީޑަރުކަމުން ޖޫން 7 ވާ ހުކުރު ދުވަހު އިސްތިއުފާ ދޭނެކަން،" ސިޔާސީ ނާކާމިޔާބީތަކުގެ ވާހަކަ އަށް ފަހު މޭ ވިދާޅުވި އެވެ.

އިސްތިފާ ދޭން ވަކި ދުވަހެއް ކަނޑައެޅުއްވީ، މޭ ވިދާޅުވި ގޮތުގައި ޕާޓީގެ ޗެއާމަންގެ ވެސް އެދިވަޑައިގަތުމަށް، އާ ލީޑަރަކު ހޮވުމަށް ވަގުތު ދިނުމުގެ ގޮތުންނެވެ. އެ މަސައްކަތް މި ފެށޭ ހަފުތާގައި ކުރިއަށްދާނެ ކަމަށް ބޮޑުވަޒީރު ވިދާޅުވި އެވެ.

އިސްތިއުފާގެ ތަގުރީރުގައި މޭ ވިދާޅުވީ ކޮންޒަވެޓިވް ޕާޓީ އަށް ބްރެކްސިޓް ކާމިޔާބު ކުރެވޭނެ ކަމަށާއި އެކަމަކު އޭނާގެ ލީޑަޝިޕްގައި އެކަން ނުކުރެއްވުނީތީ ހިމާމަކުރައްވާ ކަމަށެވެ.

މޭ ދެއްވި ކުރު ބަޔާން ނިންމަވާލެއްވި އިރު ހުންނެވީ ފެންކަޅިވެފަ އެވެ. އެންމެ ފަހުން ވިދާޅުވީ ސިޔާސީ ނާކާމިޔާބީތަކާ އެކުގައި ވެސް، އިނގިރޭސި ވިލާތުގައި ރަނގަޅު ގިނަ ކަންތައްތަކެއް އެބަހުރި ކަމަށެވެ. އަދި އެ ކަންކަން ހޯދޭނީ އެންމެން އެކުވެރިވެގެން ކަމަށް ވިދާޅުވި އެވެ.

އިނގިރޭސި ވިލާތުގެ ބޮޑުވަޒީރުކަމާ މޭ ހަވާލުވެވަޑައިގަތީ 2016 ވަނަ އަހަރުގެ ޖުލައި މަހު، އޭރުގެ ބޮޑުވަޒީރު ޑޭވިޑް ކެމަރަން އިސްތިއުފާ ދެއްވުމުންނެވެ. އޭގެ ކުރިން މޭ ހުންނެވީ ހޯމް ސެކްރެޓަރީ ކަމުގެ މަގާމުގަ އެވެ. މޭގެ ކުރިން އިނގިރޭސިވިލާތުގައި އެންމެ ފަހުން އަންހެނަކު ބޮޑުވަޒީރުކަން ކުރެއްވީ މާގަރެޓް ތެޗާ އެވެ. އެކަމަނާ މަގާމުން ވަކިވެވަޑައިގަތީ 1990 ވަނަ އަހަރު އެވެ.