Roadha Mihaaru
ކޯޓުގެ ނިންމުމާ އެކު އީޔޫން ވަކިވުން އޮޅުންގަނޑަކަށް

ކޯޓުގެ ނިންމުމާ އެކު އީޔޫން ވަކިވުން އޮޅުންގަނޑަކަށް

04 ނޮވެމްބަރ 2016

ލަންޑަން (ނޮވެމްބަރު 4) - އިނގިރޭސިވިލާތް އީޔޫ އިން ވަކިވުމުގެ ޕްރޮސެސް ކުރިއަށްދާ އިރު ޕާލަމެންޓުގެ ބަހެއް އޮންނަން ޖެހޭނެ ކަމަށް އެ ގައުމުގެ ހައިކޯޓުން އިއްޔެ ނިންމުމުން އީޔޫ އިން ވަކިވުމުގެ ޕްލޭން އިތުރު މައްސަލަގަނޑެއްގެ ތެރެއަށް ވެއްޓިއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ލަންޑަން (ނޮވެމްބަރު 4) - އިނގިރޭސިވިލާތް އީޔޫ އިން ވަކިވުމުގެ ޕްރޮސެސް ކުރިއަށްދާ އިރު ޕާލަމެންޓުގެ ބަހެއް އޮންނަން ޖެހޭނެ ކަމަށް އެ ގައުމުގެ ހައިކޯޓުން އިއްޔެ ނިންމުމުން އީޔޫ އިން ވަކިވުމުގެ ޕްލޭން އިތުރު މައްސަލަގަނޑެއްގެ ތެރެއަށް ވެއްޓިއްޖެ އެވެ.

ހައި ކޯޓުން ނިންމާފައި ވަނީ އީޔޫގެ މެންބަރު ގައުމެއް އަމިއްލަ އަށް އެ ޖަމާއަތުން ވަކިވުމާ ބެހޭ ލިޒްބަން ޓްރީޓީގެ 50 ވަނަ މާއްދާއާ އެއްގޮތަށް ރަސްމީ މަޝްވަރާ ކުރިއަށް ގެންދެވޭނީ ޕާލަމެންޓުގެ މެންބަރުންގެ ތާއީދާ އެކު ކަމަށެވެ. ނަމަވެސް ތަޖްރިބާރުން ބުނަނީ މިއީ އިނގިރޭސި ވިލާތް އީޔޫ އިން ވަކިވުމަށް ޕާލަމެންޓުން ހުރަސް އެޅުން ނޫން ކަމަށެވެ. އެކަމަކު މި ނިންމުމުގެ ސަބަބުން އިނގިރޭސިން އީޔޫ އިން ވަކިވުމުގެ މަސައްކަތް އެތައް ތަނެއް ފަހަތަށް ޖެހެނޭ ކަމަށް ބެލެވެ އެވެ. އިދިކޮޅު ލޭބާ ޕާޓީން ވެސް ބުނެފައި ވަނީ އީޔޫ އިން ވަކިވުމުގެ މަސައްކަތް ހުއްޓުވުމަށް މަސައްކަތް ނުކުރާނެ ކަމަށެވެ.

ކޯޓުގެ ނިންމުމަކީ ބޮޑު ވަޒީރު ތެރޭސާ މޭގެ ސަރުކާރަށް ލިބުނު ނާކާމިޔާބީ އެކެވެ. އެކަމަނާ ވަނީ އީޔޫ އިން ވަކިވުމުގެ މަޝްވަރާތައް އަންނަ އަހަރުގެ މާޗަށް ނިންމަވަން ބޭނުންވާ ކަމަށް ވިދާޅުވެފަ އެވެ. ސަރުކާރުން ބުނެފައި ވަނީ ހައި ކޯޓުގެ ނިންމުން އިސްތިއުނާފް ކުރާނެ ކަމަށެވެ.

"އީޔޫ އިން ވަކިވުމަށް އިނގިރޭސި ވިލާތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގީ ޕާލަމެންޓުން ފާސްކުރި ގާނޫނެއްގެ ދަށުން. ސަރުކާރު އޮތީ ރައްޔިތުން ނިންމި ގޮތަށް އިހުތިރާމް ކުރުމުގައި،" ސަރުކާރުގެ ތަރުޖަމާނަކު ވިދާޅުވި އެވެ.

ސަރުކާރުގެ ވަކީލުން ބުނެފައި ވަނީ ޕާލަމެންޓުގެ އިތުރު ރުހުމެއް ނެތި އީޔޫ އިން ވަކިވުމުގެ މަޝްވަރާތައް ކުރިއަށް ގެންދިއުމުގެ މަސައްކަތް ބޮޑު ވަޒީރު މޭ އަށް ފެއްޓެވޭނެ ކަމަށެވެ.

އީޔޫ އިން ވަކިވުމަށް ފެނޭތޯ ބެލުމަށް ނެގި ވޯޓުގައި ރައްޔިތުންގެ 52 ޕަސެންޓް މީހުން ތާއީދުކޮށްފައި ވަނީ 28 ގައުމު ހިމެނޭ ޖަމާއަތުން އިނގިރޭސިން ވަކިވުމަށެވެ. އެ ޖަމާއަތުން ވަކިވުމާ ބެހޭ މަޝްވަރާތަކުގައި ޕާލަމެންޓުގެ ރޯލު އޮންނަން ޖެހޭނެ ކަމަށް ބުނެ ކޯޓަށް މައްސަލައެއް ވެއްދީ ވިޔަފާރިވެރިންތަކެކެވެ.