Roadha Mihaaru
ސީސީސީސީގެ ބޯޓަކުން ގިނަ އަދަދެއްގެ ވެލި ނަގައިފި

ބްރިޖް ހެދި ކުންފުނީގެ ބޯޓަކަށް ގިނަ އަދަދެއްގެ ވެލި ބަރުކޮށްފައި އޮއްވައި ހިފަހައްޓައިފި

24 މެއި 2019

ލ. ހިތަދޫ ކައިރިން ވެލި ބަރު ކުރި ކަމަށް ބުނާ ބޯޓެއްގެ މައްސަލަ ފުލުހުންނާއި އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބަލަން ފަށައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ލ. ހިތަދޫ ކައިރިން ވެލި ބަރު ކުރި ކަމަށް ބުނާ ބޯޓެއްގެ މައްސަލަ ފުލުހުންނާއި އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބަލަން ފަށައިފި އެވެ.

ފުލުހުން ބުނީ މިއަދު ހަވީރު ފަހެއް ޖަހާ ކަންހާއިރު، ހިތަދޫ ކައިރިން ބޯޓެއް ފެނިގެން ފުލުހުންނާއި ސިފައިން އެކީގައި އެ ބޯޓަށް އަރައި ބެލި އިރު، އެ ބޯޓުގައި ރަޖިސްޓްރޭޝަން ނަންބަރެއް އަދި ދިދައެއް ނެތް ކަމަށެވެ. އަދި ބޯޓަށް ގިނަ އަދަދެއްގެ ވެލި ބަރުކޮށްފައި އޮތް ކަމަށް ފުލުހުން ބުންޏެވެ.

ބޯޓަށް ވެލި ބަރު ކުރީ، އެ ބޯޓުގައި ހުރި ވެހިކަލްތައް ބެލެންސް ކުރަން ކަމަށް ބުނި ކަމުގައި ވިޔަސް، ވެލި ނަގާފައިވަނީ ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުގެ ހުއްދަ ލިބިގެން ކަން ހާމަވާ އެއްވެސް ލިޔުމެއް ނެތް ކަމަށް ވެސް ފުލުހުން ބުންޏެވެ. މި ބޯޓަކީ ސިނަމާލެ ބްރިޖު ހެދި ސީސީސީސީ ކުންފުނީގެ ނަމުގައި އެތެރެކޮށްފައިވާ ބޯޓެއް ކަމަށް ފުލުހުން ބުނެ އެވެ.

ލ. ހިތަދޫ ކައިރީގައި އޮތް ބޯޓު.

ލ. ހިތަދޫ ކައިރީގައި އޮތް ބޯޓު.

"މި ބޯޓަކީ ހުވަދު އަތޮޅުގައި ހަދަމުންދާ ރިސޯޓަކަށް ދަތުރު ކުރަމުން ދިޔަ ބޯޓެއް. ނަމަވެސް ވިއްސާރަވެ ކަނޑުގަދަވުމުގެ ސަބަބުން ލ. އަތޮޅުގައި މަޑުކުރީ. ބޯޓުގައި ހުރި މައްސަލަތައް ރަނގަޅު ކުރުމަށް ވާނީ އަންގާފައި،" ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވި އެވެ.

ބޯޓުގެ ވީޑިއޯއާ އެކު މީހަކު މިއަދު ކުރި ޓުވީޓުން ފެންނަ ގޮތުގައި ރަތް ކުލައިގެ ދަވާދުލާފައި އޮތް ބޮޑު ބޯޓަށް ގިނަ އަދަދަކަށް ވެލި އަޅާފައިވާ އިރު، ވެލި ނެގުމަށް ބޭނުން ކުރާ ބައެއް ސާމާނު ވެސް ބޯޓުގައި ހުއްޓެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ކުރި ޓުވީޓު.

އެކަމާ ގުޅިގެން އެންވަޔަރަމަންޓް މިނިސްޓްރީން ކުރި ޓުވީޓެއްގައި ބުނީ ހިތަދޫ ކައިރީ އަޅާފައި އޮތް ބޯޓުގެ ކަންކަން އީޕީއޭ އިން ބަލަމުން އަންނަ ކަމަށެވެ. ހިތަދޫ ކައިރިން ވެލި ނަގައިގެން ގެންދަނީ ދުބާއީ އަށް ކަމަށް ބައެއް މީހުން ބުނެ އެވެ. ނަމަވެސް އީޕީއޭ އިން ބުނީ އެފަދަ އެއްވެސް ހުއްދައެއް ދީފައި ނުވާނެ ކަމަށެވެ.

ލ. ހިތަދޫ ކައިރީގައި އޮތް ބޯޓަށް ވެލި ބަރުކޮށްފައި.

ލ. ހިތަދޫ ކައިރީގައި އޮތް ބޯޓަށް ވެލި ބަރުކޮށްފައި.

މިކަމުގައި ފިޔަވަޅު އަޅަން ޖެހިއްޖެ ނަމަ، ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް އެ ޓުވީޓުގައިވެ އެވެ.

އީޕީއޭގެ ޑިރެކްޓަ ޖެނެރަލް މުހައްމަދު ނައީމް "މިހާރު" އަށް ވިދާޅުވީ ހިތަދޫ ކައިރީގައި ބޯޓަކުން ވެލި ނެގި ކަން އެނގިފައިވާ ކަމަށާއި އެކަމުގައި ބޯޓުން ޖަވާބުދާރީވާން ޖެހޭނެ ކަމަށެވެ.

"އަޅުގަނޑުމެން އެކަން ބަލާނަން. ބޯޓު އޮތް ތަނުން ގުޑުވާ ވެސް ނުލެވޭނެ. ވެލި ނަގަން ހުއްދަ ލިބިފައި އޮތް ކަމުގެ ހެކިތައް ނުދައްކަނީސް،" ނައީމް ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ ސިނަމާލެ ބްރިޖު އެއްބަސްވުމުގެ ދަށުން ރާއްޖެ އިން ވެލި ބޭރުކުރުމުގެ ހުއްދަ އެއްވެސް ބަޔަކަށް ދީފައި ނުވާ ކަމަށެވެ.