Roadha Mihaaru
ވެލި ބަރުކުރި ބޯޓުގެ ތަހުގީގު އަދި ނުނިމޭ: ފުލުހުން

ވެލި ބަރުކުރި ބޭރުގެ ބޯޓުގެ ތަހުގީގު އަދި ނުނިމޭ: ފުލުހުން

26 މެއި 2019

ހުވަދު އަތޮޅުގައި ހަދަމުންދާ ރިސޯޓަކަށް ވެލި ބަރުކޮށްގެން ދަތުރު ކުރަނިކޮށް ލ. ހިތަދޫ ކައިރިން ފެނުނު ބޭރުގެ ބޯޓުގެ ތަހުގީގު އަދި ނުނިމޭ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ހުވަދު އަތޮޅުގައި ހަދަމުންދާ ރިސޯޓަކަށް ވެލި ބަރުކޮށްގެން ދަތުރު ކުރަނިކޮށް ލ. ހިތަދޫ ކައިރިން ފެނުނު ބޭރުގެ ބޯޓުގެ ތަހުގީގު އަދި ނުނިމޭ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ޗީފް އިންސްޕެކްޓަ އޮފް ޕޮލިސް އަދި ފުލުހުންގެ ތަރުޖަމާނު އިޒްމިއާ ޒާހިރު "މިހާރު" އަށް މިއަދު ވިދާޅުވީ ތަހުގީގު ނިމެންދެން އެ ބޯޓު ހިތަދޫގައި ހިފަހައްޓާފައިވާ ކަމަށެވެ. ބޯޓު ހިފަހައްޓައިގެން ކުރަން ޖެހޭ ތަހުގީގުތައް އަދިވެސް ކުރިއަށް ގެންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ބޯޓު ހިފަހައްޓައިގެން ކުރަންޖެހޭ މުއާމަލާތްތައް މި ކުރަނީ. ރަސްމީ ގޮތުން ބަލަން ޖެހޭ ކަންކަން ވެސް އަޅުގަނޑުމެން ބަލަމުން މި ގެންދަނީ،" އިޒްމިއާ ވިދާޅުވި އެވެ.

ގިނަ އަދަދެއްގެ ވެލި ބަރުކޮށްފައި އޮއްވައި ފެނުނު ބޯޓުގެ މައްސަލަ ފުލުހުންގެ އިތުރުން ކަސްޓަމާއި އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ވެސް ތަހުގީގު ކުރެ އެވެ. އަދި އެ ބޯޓާ ދެކޮޅަށް ފިޔަވަޅު އަޅަން ޖެހިއްޖެ ނަމަ، އެ ކަން ވެސް ކުރާނެ ކަމަށް އެ ދެ އިދާރާ އިން ވަނީ ބުނެފަ އެވެ.

ފުލުހުން ބުނީ ވެލި ބަރުކޮށްފައި އޮއްވައި ފެނުނު ޗައިނާގެ ބޯޓަކީ މާލެ އާއި ހުޅުލެއާ ދެމެދު އަޅާފައިވާ ސިނަމާލެ ބްރިޖްގެ މަސައްކަތްކުރި ޗައިނާގެ ސީސީސީސީ ކުންފުނީގެ ސަބް ކޮންޓްރެކްޓް ކުންފުންޏަކު ގެނައި އުޅަނދެއް ކަމަށާއި އަދި އެ ސަބް ކޮންޓްރެކްޓް މިހާރު އުވާލާފައިވާ ކަމަށެވެ.

ފުލުހުން ބުނި ގޮތުގައި އެ އުޅަނދަކީ ހުންނާން އައުބޯ ޓެކްނޮލޮޖީ ލިމިޓެޑް ކިޔާ ކުންފުންޏެއްގެ އުޅަނދެކެވެ.

މިދިޔަ ހުކުރު ދުވަހު ހިތަދޫ ކައިރިން ބޯޓު ފެނިގެން ފުލުހުންނާއި ސިފައިން އެކީގައި އެ ބޯޓަށް އަރައި ބެލި އިރު، އެ ބޯޓުގައި ރަޖިސްޓްރޭޝަން ނަންބަރެއް އަދި ދިދައެއް ނެތް ކަމަށް ފުލުހުން ބުނެ އެވެ.

ބޯޓަށް ވެލި ބަރުކުރީ، އެ ބޯޓުގައި ހުރި ވެހިކަލްތައް ބެލެންސް ކުރަން ކަމަށް ބުނި ކަމުގައި ވިޔަސް، ވެލި ނަގާފައިވަނީ ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުގެ ހުއްދަ ލިބިގެން ކަން ހާމަވާ އެއްވެސް ލިޔުމެއް ނެތް ކަމަށް ކަމަށް ވެސް ފުލުހުން ކުރިން ވަނީ ބުނެފަ އެވެ.

އެންވަޔަރުމަންޓް މިނިސްޓްރީން ބުނީ ހިތަދޫ ކައިރިން ވެލި ނަގައިގެން ގެންދިއުމުގެ ހުއްދަ އެއްވެސް ބަޔަކަށް ދީފައި ނުވާނެ ކަމަށެވެ.