Roadha Mihaaru
އާ ޑޮކިއުމެންޓްރީ ދެކެ ސަރުކާރު ބިރުން، ކީއްވެ؟

އަލް ޖަޒީރާ ޑޮކިއުމެންޓްރީ ދެކެ ސަރުކާރު ބިރުން، ކީއްވެ؟

06 ސެޕްޓެމްބަރ 2016

ރާއްޖެއާ ގުޅޭ ގޮތުން އަލް ޖަޒީރާ އިން ހެދި "ސްޓީލިން ޕެރަޑައިސް"އާ އެކު ސަރުކާރުގެ އެޖެންޑާގެ އެންމެ ކުރީގައި މިހާރު އޮތީ ޑިފެންސަށް ކުޅުމެވެ. ކޮރަޕްޝަނާއި ޖަރީމާތައް އެ ޑޮކިއުމެންޓްރީން ފަޅާއަރާނެ ކަމަށް އަލް ޖަޒީރާ އިން ބުނުމާ އެކު ސަރުކާރު ޕްރެޝަރަށް ވެއްޓުނެވެ. ޓީވީތަކުން ވަގުތު ހޯދައިގެން މުޅިން ވެސް ފެންނަނީ ވަޒީރުންނާއި ވެރިކަން ކުރާ ޕާޓީގެ މަޖިލިސް މެމްބަރުން ފިސާރި ފޯރީގައި ސަރުކާރު ދިފާއު ކުރައްވާ މަންޒަރެވެ. ބައެއް ބޭފުޅުން ކޯފާ އިސްކުރައްވައި އަލް ޖަޒީރާ އަށް ވެސް ފާޑުވިދާޅު ވަނީ އެވެ. ފެންވަރެއް ނެތް ބައެއް ކަމަށާއި ޑޮކިއުމެންޓްރީގައި ހަގީގަތެއް ނެތް ވެސް ކަމަށް ސިފަކުރައްވަ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރާއްޖެއާ ގުޅޭ ގޮތުން އަލް ޖަޒީރާ އިން ހެދި "ސްޓީލިން ޕެރަޑައިސް"އާ އެކު ސަރުކާރުގެ އެޖެންޑާގެ އެންމެ ކުރީގައި މިހާރު އޮތީ ޑިފެންސަށް ކުޅުމެވެ. ކޮރަޕްޝަނާއި ޖަރީމާތައް އެ ޑޮކިއުމެންޓްރީން ފަޅާއަރާނެ ކަމަށް އަލް ޖަޒީރާ އިން ބުނުމާ އެކު ސަރުކާރު ޕްރެޝަރަށް ވެއްޓުނެވެ. ޓީވީތަކުން ވަގުތު ހޯދައިގެން މުޅިން ވެސް ފެންނަނީ ވަޒީރުންނާއި ވެރިކަން ކުރާ ޕާޓީގެ މަޖިލިސް މެމްބަރުން ފިސާރި ފޯރީގައި ސަރުކާރު ދިފާއު ކުރައްވާ މަންޒަރެވެ. ބައެއް ބޭފުޅުން ކޯފާ އިސްކުރައްވައި އަލް ޖަޒީރާ އަށް ވެސް ފާޑުވިދާޅު ވަނީ އެވެ. ފެންވަރެއް ނެތް ބައެއް ކަމަށާއި ޑޮކިއުމެންޓްރީގައި ހަގީގަތެއް ނެތް ވެސް ކަމަށް ސިފަކުރައްވަ އެވެ.

އެ ޑޮކިއުމެންޓްރީ ދައްކައިފި ނަމަ، ޕީޕީއެމް ބައެއް މެމްބަރުން ވިދާޅުވާ ގޮތުގައި، އަލް ޖަޒީރާއާ ދެކޮޅަށް ދައުވާ ވެސް ކުރާނެ އެވެ. ޑޮކިއުމެންޓްރީ އަށް ދިވެހިންގެ ބަޔަކު ދޮގު މައުލޫމާތު ދީފައިވާ ކަމަށް ސަރުކާރުން ގަބޫލުކުރާއިރު އެ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް މިވަނީ ދީފަ އެވެ. އަލް ޖަޒީރާގެ ތަހުގީގީ ޓީމުގެ ނޫސްވެރިންނަށް ވެސް ޓުވިޓާ މެދުވެރިކޮށް ބިރުދައްކައި އިންޒާރު ދެނީ އެވެ. އެ މައްސަލަ އަލް ޖަޒީރާ އިން އިނގިރޭސިވިލާތުގެ ފުލުހުންނަށް ހުށަހަޅައިގެން ތަހުގީގު ވެސް އެބަ ކުރެ އެވެ.

ސަރުކާރަށް "ސިހުން ލިބި" މި ޑޮކިއުމެންޓްރީ މިހާ ބޮޑު ކަންތައްގަނޑަކަށް ވެގެން މިއުޅެނީ ކީއްވެ ހެއްޔެވެ؟ ސަރުކާރުގެ ބައެއް އިސް ބޭފުޅުން ވިދާޅުވާ ގޮތަށް މިއީ، ސަރުކާރު ވައްޓާލަން ރާވާ ރޭވުންތަކުގެ ފެށުން ހެއްޔެވެ؟

އަލް ޖަޒީރާ ޑޮކިއުމެންޓްރީ އަށް ފާޑު ވިދާޅުވެ ހޯމް މިނިސްޓަރު އަހްމަދު އަޒްލީނާއި ނިހާން ޗެނަލް 13 ގައި ވާހަކަ ދައްކަވަނީ.

އަލް ޖަޒީރާ ޑޮކިއުމެންޓްރީ އަށް ފާޑު ވިދާޅުވެ ހޯމް މިނިސްޓަރު އަހްމަދު އަޒްލީނާއި ނިހާން ޗެނަލް 13 ގައި ވާހަކަ ދައްކަވަނީ.

ދިވެހި ސަރުކާރު ތެރޭގައި ހުރި ކޮރަޕްޝަންގެ އަމަލުތަކުގެ ހަގީގަތް ހޯދުމަކީ އަލްޖަޒީރާގެ ތަހުގީގީ ޓީމުން ހިންގާ ފުރަތަމަ ތަހުގީގެއް ވެސް ނޫނެވެ. ގައުމުތަކުގެ އެތައް ޖަރީމާއެއް ފަޅާއަރުވާލި އެވެ. އެހެންކަމުން ރާއްޖެއާ ގުޅޭ ޑޮކިއުމެންޓްރީ އަކީ އެ ޓީމުން ތައްޔާރުކުރި އާދަޔާހިލާފު މަސައްކަތެކޭ ބުނެވޭކަށް ވެސް ނެތެވެ. މިހާރު އާއްމުކޮށްފައިވާ ޓްރެއިލާތަކުގައި ހުރީ ދިވެހިންނަށް އާ ވާހަކަތަކެއް ވެސް ނޫނެވެ.

ރައްޔިތުންނާއި މުއައްސަސާތަކާ ދެކޮޅަށް ދައުލަތުން ޓެރަރިޒަމްގެ އަމަލުތައް ހިންގާ ކަމަށް ތުހުމަތުކުރެ އެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތާއި މަނީ ލޯންޑެރިންގެ މައްސަލަ ވެސް އޮތީ ފަޅާއަރައިފަ އެވެ. އެކަމަކު އޭގެ މާނަ އަކީ މިހާތަނަށް އާއްމުވެފައި ނުވާ ހަގީގަތްތަކެއް އާ ހެކިތަކާ އެކު އެ ޑޮކިއުމެންޓްރީގައި ނެތް ވާހަކައެއް ނޫނެވެ.

އަލްޖަޒީރާ އިން ތައްޔާރުކުރި ޑޮކިއުމެންޓްރީގެ ޓްރެއިލާއަކުން ނަގާފައިވާ ސްކްރީން ޝޮޓެއް.

އަލްޖަޒީރާ އިން ތައްޔާރުކުރި ޑޮކިއުމެންޓްރީގެ ޓްރެއިލާއަކުން ނަގާފައިވާ ސްކްރީން ޝޮޓެއް.

ޓްރެއިލާތަކުގައި އާއްމު ނުކުރިއަސް އިންވެސްޓަރުންތަކަކަށް ވެގެން އަލް ޖަޒީރާގެ ތަހުގީގީ ޓީމުން ސަރުކާރުގެ އިސް ބައެއް ވެރިންތަކަކާ ބައްދަލުކުރި ކަމަށް ވާހަކަ ދެކެވެ އެވެ. ރައްޔިތުންގެ ފައިސާ އަށް ސަރުކާރުން ހިޔާނާތްތެރި ވަނީ ކިހިނެއް ކަން މި ބައްދަލުވުންތަކުން ސާފުވާނެ ކަމަށް ވެސް އޮތީ އަޑު އަރައިފަ އެވެ. މީގެ އިތުރުން ސަރުކާރުން މަނީ ލޯންޑެރިން ހިންގި ގޮތާއި އެކަމުގައި ބައިވެރިވާ މީހުން ވެސް އެ ޑޮކިއުމެންޓްރީން ފަޅާއަރާނެ ކަމަށް ވެ އެވެ.

ޑޮކިއުމެންޓްރީގެ ތަފްސީލުގައިވާ ގޮތުން، އަލް ޖަޒީރާގެ ތަހުގީގީ ޔުނިޓުން މި ޑޮކިއުމެންޓްރީ ތައްޔާރުކޮށްފައި ވަނީ ސަރުކާރުގެ ތެރޭގައި ހުރި ހިޔާނާތާއި ވައްކަމުގެ އިތުރުން ނާޖާއިޒު ގޮތުގައި ބާރުގެ ބޭނުން ކުރާކަން، "އާ ހެކިތަކާ އެކު" ހާމަވާ ގޮތަށެވެ. މިލިއަނުން ނަގުދު ފައިސާ ސައިކަލްތަކުގައި އުފުލައިގެން ސަރުކާރުގެ އިސް ބައެއް ބޭފުޅުންނަށް ގެންގޮސްދިން ގޮތް ސިއްރުން ނަގާފައިވާ އިންޓަވިއުތަކުގައި ސިފަކޮށްދީފައިވާ ކަމަށް އަލްޖަޒީރާ އިން ބުނެފައިވެ އެވެ.

އެމްޑީގެ ސްޕޯކްސްޕާސަން އަދި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ވިދާޅުވީ އަލް ޖަޒީރާ ރިޕޯޓާ ގުޅިގެން ސަރުކާރުން ކަންބޮޑުވެގެން އުޅެން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. އެއީ ބުރަދަނެއް ނެތް އެއްޗެއް ކަމަށާއި ހާސްވާން ޖެހޭ ސަބަބެއް ނެތް ކަމަށް ސަރުކާރުން ބުނާއިރު "ހާސްވެގެން ތެޅިފޮޅެނީ" ކީއްވެތޯ ވެސް އޭނާ ސުވާލު އުފައްދަވަ އެވެ.

"ސަރުކާރުން ބިރުގެންފައިވާ މަންޒަރު މިދަނީ ފެންނަމުން. ދައުލަތުގެ މީޑިއާ ބޭނުންކޮށްގެން ބޮޑު ކެމްޕޭނެއް ފަށައިގެން ކުރިއަށް އެބަ ގެންދޭ،" އިންތި ވިދާޅުވި އެވެ.

ސަރުކާރުގެ ބައެއް އިސް ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި މި ޑޮކިއުމެންޓްރީގެ މަގްސަދަކީ ކޮރަޕްޝަންގެ ހަގީގަތް ހޯދުމެއް ނޫނެވެ. މިކަން ސީދާ ގުޅިފައި ވަނީ "ބަޣާވާތަކުން" ސަރުކާރު ވައްޓާލަން ހިންގާ ހަރަކާތްތަކާ އެވެ. މިއީ، އެ މަސައްކަތުގެ ފެށުމެއް ކަމަށް ވެސް ބައެއް ބޭފުޅުން ގަބޫލުކުރައްވަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަހްމަދު ނިހާން ވިދާޅުވެފައި ވަނީ ދިވެހި ސަރުކާރުން ކޮރަޕްޝަން ހިންގި ކަމުގެ ސާފު ހެއްކެއް އަލް ޖަޒީރާގެ ރިޕޯޓުން ނުދެއްކޭނެ ކަމަށެވެ. އެއީ، އިދިކޮޅު ފަރާތްތަކުން ފައިސާ ދީގެން ތައްޔާރުކުރުވާފައިވާ ޑޮކިއުމެންޓްރީއެއް ކަމަށް އޭނާ ތުހުމަތުކުރައްވަ އެވެ.

ނިހާނެކޭ އެއްގޮތަށް ސަރުކާރުގެ އިސް އެހެން ބޭފުޅުން ވެސް އެ ތުހުމަތުކުރައްވާ ސަބަބުތައް އެ ބޭފުޅުން ދައްކަވަ އެވެ. އެންމެ ބޮޑު އެއް މައްސަލައެއްގެ ގޮތުގައި ނަގަނީ، ޑޮކިއުމެންޓްރީގައި ދިވެހި ސަރުކާރު ބަދުނާމުވާ ވާހަކަތައް ހިމަނާފައިވާއިރު ސަރުކާރުގެ ބަސް ނަގާފައިނުވުމެވެ.

އަލް ޖަޒީރާގެ ޑޮކިއުމެންޓްރީގެ ޓްރެއިލާ އިން ނަގާފައިވާ ސްކްރީން ޝޮޓެއް: މި ޑޮކިއުމެންޓްރީ އަންނަ ބުދަ ދުވަހު، ރާއްޖެ ގަޑިން ހަވީރު 5:00 ގައި އަލް ޖަޒީރާގެ އިނގިރޭސި ޗެނަލުން ދައްކާނެ.

އަލް ޖަޒީރާގެ ޑޮކިއުމެންޓްރީގެ ޓްރެއިލާ އިން ނަގާފައިވާ ސްކްރީން ޝޮޓެއް: މި ޑޮކިއުމެންޓްރީ އަންނަ ބުދަ ދުވަހު، ރާއްޖެ ގަޑިން ހަވީރު 5:00 ގައި އަލް ޖަޒީރާގެ އިނގިރޭސި ޗެނަލުން ދައްކާނެ.

ޑޮކިއުމެންޓްރީއަކީ ހަގީގަތާ ހިލާފު ވާހަކަތަކެއްގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ އެއްޗެއް ކަމަށް ދޭހަވާ ގޮތަށް ވާހަކަ ދައްކަވަމުން ނައިބު ރައީސް އަބްދުﷲ ޖިހާދު ވިދާޅުވީ ދުނިޔޭގެ ތަންތަނުގައި ރިޕޯޓް ނެރެނީ މަރުހަލާތަކެއް ކަޑައްތުކޮށްފައި ކަމަށެވެ. އެންމެ މުހިއްމު ކަމެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވީ ރިޕޯޓް ރައްދުވާ މީހުންނާ ސުވާލުކޮށް ހަގީގަތް ހޯދުމެވެ. އެއީ އޮޑިޓް ރިޕޯޓެއް ވިއަސް އަދި އެ ނޫން ރިޕޯޓެއް ވިއަސް ކަންކުރާ އުސޫލް ކަމަށް ވިދާޅުވި އެވެ.

"ފުރަތަމަ ފައްޓާނީ އިންޓަވިއު އިން. ދެން އޭގެ ފަހުން ރިޕޯޓް އެކުލަވާލާފައި އޭގައި ހުރި ކަންތައްތަކާ ގުޅޭ ގޮތުން މުއައްސަސާތަކުން ހިތްހަމަޖެހޭތޯ އަދި އެއީ ތެދު ވާހަކައެއްތޯ ބަލަން ޖެހޭ. މިފަދަ އެއްވެސް ކަމެއް ނެތް ހިނގާފައި. އެ ނޫން ގޮތަކަށް އެއީ ކުރެވިގެން ވާނެ ކަމެއް ނޫން،" ޖިހާދު ވިދާޅުވި އެވެ.

ހިޔާނާތް ހިންގާ ނަމަ އެކަން ފަޅާއަރުވާލައި، ސަރުކާރު ޖަވާބުދާރީ ކުރުވުމަކީ މައްސަލައެއް ނޫނެވެ. އެކަމުން ރައްޔިތުންނަށް ވާނެ ގެއްލުމެއް ވެސް ނޯންނާނެ އެވެ. ސަރުކާރުން ކަންބޮޑުވެގެން މި އުޅެނީ ކޮން ކަމަކާތޯ އަދި އިދިކޮޅު މީހުންނާ މެދު ސަރުކާރުން ކުރާ ތުހުމަތުތަކުގެ ހަގީގަތް ވެސް އެނގޭނީ މި ޑޮކިއުމެންޓްރީ ދެއްކުމުންނެވެ.