Roadha Mihaaru
މަޖިލިހުގެ އަޣުލަބިއްޔަތު ސަރުކާރަށް ގެއްލޭނެ: ނަޝީދު

މަޖިލިހުގެ އަޣުލަބިއްޔަތު ސަރުކާރަށް ގެއްލޭނެ: ނަޝީދު

06 ފެބުރުއަރީ 2017

ރައީސް އަބްދުﷲ ޔާމީން ވެރިކަމުން ދުރުކުރަން އިދިކޮޅު އެންމެން ގުޅިގެން އުފެއްދި މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ) އަށް ކުރެވުނު މާ ބޮޑު ކަމެއް ނެތެވެ؛ އޭގެ ބަދަލުގައި ފެންނަނީ، އެމްޔޫއޯގެ ތެރެއިން ފިކުރު ބައިބަޔަށް އިއްތިހާދުވެގެން އުޅޭ މަންޒަރެވެ. އެކަމަކު އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި، ކުރީގެ ރައީސް މުހައްމަދު ނަޝީދު މިކަމަށް އެއްބަސްވެވަޑައެއް ނުގަންނަވަ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރައީސް އަބްދުﷲ ޔާމީން ވެރިކަމުން ދުރުކުރަން އިދިކޮޅު އެންމެން ގުޅިގެން އުފެއްދި މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ) އަށް ކުރެވުނު މާ ބޮޑު ކަމެއް ނެތެވެ؛ އޭގެ ބަދަލުގައި ފެންނަނީ، އެމްޔޫއޯގެ ތެރެއިން ފިކުރު ބައިބަޔަށް އިއްތިހާދުވެގެން އުޅޭ މަންޒަރެވެ. އެކަމަކު އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި، ކުރީގެ ރައީސް މުހައްމަދު ނަޝީދު މިކަމަށް އެއްބަސްވެވަޑައެއް ނުގަންނަވަ އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި، އެމްޔޫއޯ އުފެއްދި ބޭނުން ވަރަށް ފުރިހަމަ އަށް ހާސިލްވެއްޖެ އެވެ. ދެން ކުރަން އޮތް މަސައްކަތް ވެސް އެ އިއްތިހާދުން ކާމިޔާބު ކުރާނެ އެވެ. އެއީ، 2018 ގެ އިންތިހާބުގައި ރައީސް ޔާމީން ބަލިކުރުމެވެ.

މިއީ، އެމްޔޫއޯ އަދި އެމްޑީޕީގެ ކުރިމަގާ ގުޅޭ ގޮތުން، ސްރީ ލަންކާގައި ނަޝީދު "މިހާރު" އަށް ދެއްވި ހާއްސަ އިންޓަވިއުގެ މުހިއްމު ބައިތަކެވެ. ނަޝީދުގެ ކެންޑިޑެސީއާ ގުޅޭ ގޮތުން އުފައްދާ ސުވާލުތަކަށް އެމަނިކުފާނު ވިސްނުން ގެންގުޅުއްވާ ގޮތް، މިދިޔަ ހުކުރު ދުވަހު ވަކި އިންޓަވިއުއެއްގެ ގޮތުގައި ވަނީ ގެނެސްދީފަ އެވެ.

އެމްޔޫއޯ އުފެއްދީ 2018 ގެ ކުރިން، އިންތިގާލީ އިންތިޒާމެއްގެ ތެރެއިން އިންތިހާބެއް ބާއްވަން. އެކަމަކު އެ މަގުސަދު ހާސިލް ނުވެ، ހިޔާލު ތަފާތުވުންތައް ބޮޑުވެ ބައިބައިވެފައިވާ މަންޒަރު މިި ފެންނަނީ؟ އެ ހާލަތުގައި އިދިކޮޅު އެއް ކެންޑިޑޭޓު ނެރެވިދާނެ ކަމަށް ގަބޫލުކުރައްވަންތޯ؟

އާދެ، އަޅުގަނޑު ދެކޭ ގޮތުގައި ރައީސް ޔާމީން ބަލިކުރެވޭނެ ހަމަތަކެއް އަޅުގަނޑުމެންނަށް ފެނޭ. އެ ހަމަތަކުގެ ތެރެއިން އަޅުގަނޑުމެން ރައީސް ޔާމީން ބަލިކުރާނަން.

އެމްޔޫއޯ ތެރޭގައި ހިޔާލު ތަފާތުވުން އުފެދިގެން އުޅެނީ ކޮން ކަމަކާތޯ؟

އަޅުގަނޑުމެންނަކީ ސިޔާސީ ޕާޓީތަކެއް އެކުވެގެން ތިބި ބައެއް، ސިޔާސީ ބައެއް. އެހެންވީމާ އެކަހަލަ ބައެއްގެ ތެރޭގައި އަބަދުވެސް ހިޔާލު ތަފާތުވުންތައް ހުންނާނެ. މިސާލަކަށް އަދާލަތު ޕާޓީން ނިންމެވީ ލޯކަލް އިންތިހާބުގައި ބައިވެރި ނުވާން. އަޅުގަނޑުމެން [އެމްޑީޕީން] ނިންމީ ބައިވެރިވާން. އެކަމަކު އިންތިހާބަށް ނުކުމެ ތިބި އެމްޑީޕީގެ ކެންޑިޑޭޓުންނަށް އަދާލަތު ޕާޓީގެ ތާއީދު ލިބޭނެ ކަން ކަށަވަރު. އޭގެ [އަދާލަތުން ވާދަ ނުކުރުމުގެ] ސަބަބުން އަޅުގަނޑުމެން ދެ ޕާޓީ ދޭތެރެއަކު ރުޅިވެރިކަމެއް، ދެބަސްވުމެއް އުފެދިގެންނެއް ނާދޭ.

އެމްޔޫއޯ އުފެއްދި މަގްސަދު ހާސިލް ނުވީ ކީއްވެގެންތޯ؟

އަޅުގަނޑު ދެކޭ ގޮތުގައި އެމްޔޫއޯ އުފެއްދި މަގްސަދު ދަނީ ހާސިލްވަމުން. އަޅުގަނޑުމެންނަށް އިންތިގާލީ މަރުހަލާއެއް އަދި ގާއިމެއް ނުކުރެވޭ. އެހެން ނަމަވެސް އަޅުގަނޑު ދެކޭ ގޮތުގައި އެމްޔޫއޯ މެދުވެރިވެގެން ސިޔާސީ މަސްރަހަށް ބަދަލު ވެސް ގެނެވޭނެ. އަދި އޭގެ ހެޔޮފާލާއި ހެޔޮ ނަތީޖާ ފެންނަމުންދާނެ.

އެމްޔޫއޯ އުފެދިގެން، ރައީސް ޔާމީން އެކަނިވެރިވެއްޖެ. އަޅުގަނޑުމެންގެ ވަރަށް ބޮޑު ބޭނުމަކަށް ވެފައި އޮތީ ރައީސް ޔާމީން އެކަނިވެރިވެފައި ހުރުން. އަޅުގަނޑު ދެކޭ ގޮތުގައި އެމްޔޫއޯ އުފެދިގެން އެކަން ފަހިވެގެން މިއައީ.

އިދިކޮޅު އިއްތިހާދުގެ ބައްދަލުވުމެއް އިނގިރޭސިވިލާތުގައި ކުރިއަށް ދަނީ: އިއްތިހާދުގެ ތެރޭގައި މައްސަލައެއް ނެތް ކަމަށް ނަޝީދު ވިދާޅުވި.

އިދިކޮޅު އިއްތިހާދުގެ ބައްދަލުވުމެއް އިނގިރޭސިވިލާތުގައި ކުރިއަށް ދަނީ: އިއްތިހާދުގެ ތެރޭގައި މައްސަލައެއް ނެތް ކަމަށް ނަޝީދު ވިދާޅުވި.

އެމްޔޫއޯގެ ޑެޕިއުޓީ ލީޑަރު ކަމުންނާއި އެމްޑީޕީގެ ޗެއާޕާސަން ކަމުގެ މަގާމުން އަލީ ވަހީދު ވަނީ ފެއަށް ވަޑައިގެންފައި. ޝެޑޯ ކެބިނެޓާއި އެމްޔޫއޯގެ އިސް ބައެއް ބޭފުޅުންނާ މަނިކުފާނު ލަންކާގައި ބައްދަލު ކުރެއްވިއިރު، އެމްޔޫއޯގެ ލީޑަރު ޑރ. މުހައްމަދު ޖަމީލެއް ނުފެނޭ؟

ނޫން، ޑރ. ޖަމީލާ ވަރަށް ގާތުން އަޅުގަނޑުމެން މި މަސައްކަތް ކުރަނީ. އަޅުގަނޑާއި ޖަމީލް އާއްމުކޮށް ބައްދަލުވޭ. އަދި ޝެޑޯ ކެބިނެޓުގެ ބައްދަލުވުމުގައި ވެސް ޖަމީލް ބައިވެރިވެވަޑައިގެންނެވި އެތަނުގައި ހާޒިރުވެ ނީންނެވިއަސް. އެހެންވީމާ އަޅުގަނޑަކަށް ނުފެނޭ އެމްޔޫއޯ ތެރޭގައި ހަމަނުޖެހުންތަކެއް އުފެދިގެން އަންނަ ތަނެއް.

ރިޔާސީ އިންތިހާބުގެ ކުރިން ސިޔާސީ މަސްރަހުން ލަފާކުރައްވާ ބަދަލުތަކަކީ ކޮބައިތޯ؟

އެންމެ ބޮޑު އެއް ބަދަލަކަށް އަޅުގަނޑު ލަފާކުރަނީ ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ސަރުކާރަށް ގެއްލިގެން ދިއުން. މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމަށް ފާސްވެގެން ދާނެ ކަމަށް ވެސް އަޅުގަނޑު ލަފާކުރަން.

މަޖިލީހުގެ އަޣުލަބިއްޔަތު އޮތީ ރައީސް ޔާމީނާ އެކު. އެ ހާލަތުގައި ތި ވިދާޅުވި ބަދަލު އަންނާނީ ކިހިނެއްތޯ؟

ސަރުކާރުގެ މެމްބަރުން އަޅުގަނޑާ ގުޅުއްވާ. އަޅުގަނޑަށް ފެންނަ ފެނުމުގައި މަޖިލީހުގެ އަޣުލަބިއްޔަތު މެމްބަރުން ސަރުކާރާ އެކު ނޫން ތިބީ. ވަރަށް ގިނަ ބޭފުޅުން ތިއްބެވީ ބިރުން. އަދި ރައްޔިތުންގެ މަޖިލީހުގެ ކިތަންމެ މެމްބަރުން، ހަމައެކަނި މެމްބަރު ކަމެއް ނޫން އެ ބޭފުޅުން ކުރައްވަނީ. އެބޭފުޅުންގެ ދިރިއުޅުމުގައި އެތައް އެތައް ކަމެއް ވެސް އެބަ ހުރޭ. އެހެންވީމަ ބިރުވެރި ކަމެއްގައި އެ ބޭފުޅުން ތިއްބެވީ.

ދެހާސް އަށެއްގެ ކުރީގައި ރައީސުންނަށް އޮވޭ މަޖިލީހުގެ ސުޕަ،ސުޕަ މެޖޯރިޓީ. ސަތޭކަ ޕަސެންޓުން ހުރިހާ އެއްޗެއް ފާސްވެގެން ދަނީ. އެއީކީ އެ މަގަށް ގިނަ ބަޔަކު ބޯލެނބީމާއެއް ނޫން ކަން އަޅުގަނޑުމެންނަށް ފެނިގެން ދިޔަ 17 ވަނަ ރައްޔިތުންގެ މަޖިލީހާ އެކު.

ރައީސް ޔާމީނާ އުފެދުނު ހިޔާލު ތަފާތުވުންތަކުގައި، ކުރީގެ ރައީސް މައުމޫން ވެސް މަސައްކަތް ކުރެއްވި މަޖިލީހުގެ އަޣުލަބިއްޔަތު ކޮންޓްރޯލް ކުރައްވަން، އެކަން ހާސިލެއް ނުވި؟

އަޅުގަނޑު ނުދަންނަވާނަން އެ މަސައްކަތް ނިމިފައިވާ ކަމަށް އަޅުގަނޑުމެން ދެކެން ވެއްޖެ ކަމަށް. އެއްވެސް މަސައްކަތަކީ މިހެން ހުރެފައި އަޅުގަނޑުމެންނަށް ކުރެވޭނެ މަސައްކަތެއް ނޫން. ކޮންމެ ކަމަކީ ވެސް އޭގެ ތެރޭގައި ކިތަންމެ އިންތިޒާމްތަކެއް ހުންނަ ކަންކަން. އަޅުގަނޑު ދެކޭ ގޮތުގައި އެ މަސައްކަތްތައް ކުރިއަށް ދާނެ.

އެންމެ ބޮޑު އެއް ބަދަލަކަށް އަޅުގަނޑު ލަފާކުރަނީ ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ސަރުކާރަށް ގެއްލިގެން ދިއުން. މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމަށް ފާސްވެގެން ދާނެ ކަމަށް ވެސް އަޅުގަނޑު ލަފާކުރަން. --ނަޝީދު

މަނިކުފާނުގެ ކެންޑިޑެސީ ގަބޫލުނުކޮށްފި ނަމަ، ނުވަތަ ސިޔާސީ މަސްރަހު ބަދަލުވެގެންދާ ގޮތުން ރައީސް މައުމޫން ކެންޑިޑޭޓެއް ނެރުއްވައިފި ނަމަ އެމްޑީޕީގެ ތާއީދު ލިބޭނެތޯ؟

އެމްޑީޕީ ތާއީދު ދޭނީ އުސޫލްތަަކަކަށް. އެހެންވީމަ އަޅުގަނޑު އުއްމީދުކުރަން އެހެން ބޭފުޅުން ވެސް ތާއީދު ކުރައްވާނީ އެމްޑީޕީ އަށް ވެސް ތާއީދު ކުރެއްވޭނެ ބާވަތުގެ ބޭފުޅަކަށް ކަމަށް. ހިޔާލު ފާޅުކުރުމުގެ މިނިވަންކަން، އެއްވެ އުޅުމުގެ މިނިވަންކަން، ނޫސްވެރިކަމުގެ މިނިވަންކަން، ވައްކަން ނުކުރުން. ދެން އަޅުގަނޑުމެންގެ ލޮލަށް މި ފެންނަ ކަންކަން އެހެން ގޮތަކަށް ދައްކައިދޭނެ ވެރިއެއް ދިވެހިން ބޭނުންވެފައި ތިބި ކަން އެއީ އަޅުގަނޑަށް ޝައްކު އުފެދޭނެ ކަމެއް ނޫން.

ޝެޑޯ ކެބިނެޓުގެ ވަޒީރުންނާ ނަޝީދު ބައްދަލުކުރައްވަނީ. --ފޮޓޯ: އެމްޑީޕީ

ޝެޑޯ ކެބިނެޓުގެ ވަޒީރުންނާ ނަޝީދު ބައްދަލުކުރައްވަނީ. --ފޮޓޯ: އެމްޑީޕީ

ރިޔާސީ އިންތިހާބުގެ ކުރިން، ރާއްޖޭގެ ހާލަތު ބަދަލުކުރަން، ބައިނަލްއަގުވާމީ އެހީތަކެއް ލިބިދާނެތޯ؟

އަޅުގަނޑަށް ޔަގީން [މި ހާލަތު ބަދަލު] ކުރާނެ ކަން. އަޅުގަނޑުގެ ކެންޑިޑެސީ ހޯދޭނެ. [މިހާތަނަށް އެކަން ފަހިނުވެ އޮތީ] އެ ވަގުތު ނުޖެހޭތީވެ. މިހާރު، އަޅުގަނޑު މާދަމާ އދ. އަށް ގޮސް ވާހަކައެއް ބުނެފިއްޔާ ބުނާނެ، މާދަން ވޯޓު ލަނީހޭ. ވޯޓުލާ ދުވަސް ދެއްތޯ މުހިއްމީ. އަޅުގަނޑަށް ދެ ފަހަރަކަށް އެކަން އެހެން ދިމާވެއްޖެ. އަޅުގަނޑު ދެކެނީ ވަގުތު ޖެހުނީމަ އަޅުގަނޑުމެންގެ ކެންޑިޑެސީ އޮންނާނެ ކަމަށް.

ވަރަށް ބޮޑަށް ބައިނަލްއަގުވާމީ ފަރާތްތަކުގެ ވިސްނުމެއް ހުރި އަޅުގަނޑު ޖަލަކު ނުބޭންދޭނެޔޭ. ދެން އަދި އެހެން ބޭފުޅުން ވެސް ޖަލުގައި ބައިތިއްބައިގެން ނުވާނެއޭ. އަޅުގަނޑުމެންގެ މަސައްކަތޭ ދެން އޮތީ. ހަމަ ހަގީގަތުގައި ވެސް ދެން އޮތީ އަޅުގަނޑުމެންގެ މަސައްކަތް. އެ މަސައްކަތް ކުރަން އަޅުގަނޑު މިހިރީ ތައްޔާރަށް، އެ މަސައްކަތް މި ކުރަނީ.

ސިޔާސަތު ކަނޑައެޅިގެން އިންތިހާބަށް އަޅުގަނޑުމެން ނިކުންނައިރުގައި އެމްޑީޕީ ބައްޔެއް ނުވާނެ. ޕާޓީގެ މުސްތަގުބަލް އަޅުގަނޑުމެންނަށް ފެންނަނީ ވަރަށް އުޖާލާކޮށް. --ނަޝީދު

މަނިކުފާނުގެ ޖަލު ހުކުމާ އެކު އެމްޑީޕީގެ ހަމައެކަނި އަމާޒު ހުރީ މަނިކުފާނު ސަލާމަތްކުރަން. ޕާޓީގެ މާ ގިނަ ހަރަކާތްތަކެއް ނުވަތަ ކުރިން ފެންނަ އެމްޑީޕީގެ ގޮތުގައި ޕާޓީ ހަރަކާތްތެރިއެއް ނުވޭ. މި ހާލަތަށް ޕާޓީ ވެއްޓިފައި ވަނިކޮށް ބޭއްވި ގައުމީ މަޖިލީހުގެ ނުރަސްމީ ބައްދަލުވުމުގައި މެމްބަރުންގެ މައިގަނޑު ކަންބޮޑުވުމަކީ ކޮބައިތޯ؟

އެމްޑީޕީގެ އުމުރުން މިއީ 14 ވަނަ އަހަރު. އެހެންވީމާ އަޅުގަނޑުމެންނަށް އެބަ އެނގޭ، ސިޔާސީ ޕާޓީއަކީ އަބަދު ކޮންމެހެނެއް ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ރައްޔިތުން ހިންގާ ބައެއް ނޫން. ސިޔާސީ ޕާޓީތަކުގެ އެންމެ ބޮޑު ބޭނުމަކީ އިންތިހާބުތައް ކާމިޔާބުކުރުން. އަދި ސިޔާސަތުތަކެއް ރައްޔިތުންނަށް ހުށަހަޅައިދިނުން.

ޕާޓީގެ ހަރަކާތްތައް ހިންގުމަށް އަޅުގަނޑުމެންނަށް މިވަނީ ވަރަށް ގިނަ ދަތިތަކެއް ކުރިމަތިކުރުވާފައި. އޭގެ ތެރޭގައި ޖަލްސާއެއް ބާއްވަން ވެސް ފުރުސަތު ނުދިނުމާއި އެއްވެ އުޅެން ފުރުސަތު ނުދިނުން ފަދަ ދަތިތައް އަޅުގަނޑުމެންނަށް އެބަ ކުރިމަތިވޭ. ނަމަވެސް މި ދަތިތަކާ އެކު ވެސް އެމްޑީޕީ ހަރަކާތްތެރިވަމުން އެބަ އާދޭ.

އަޅުގަނޑު ދެކޭ ގޮތުގައި ސިޔާސަތު ކަނޑައެޅިގެން އިންތިހާބަށް އަޅުގަނޑުމެން ނިކުންނައިރުގައި ޕާޓީ ބައްޔެއް ނުވާނެ. ޕާޓީގެ މުސްތަގުބަލް އަޅުގަނޑުމެންނަށް ފެންނަނީ ވަރަށް އުޖާލާކޮށް. ގައުމީ މަޖިލީހުގެ ގާތްގަނޑަކަށް ހުރިހާ ބޭފުޅުން ވަރަށް ތަނަވަސްކޮށް، ވަރަށް މިނިވަން މާހައުލެއްގައި ދެ ދުވަސް ވަންދެން މަޝްވަރާކުރެވިއްޖެ. ކަންކަން ކުރިއަށް ދާންވީ ގޮތް ވެސް އަޅުގަނޑުމެންނަށް ސާފުކުރެވިއްޖެ.

ނަޝީދު ލަންކާގައި ސަޕޯޓަރުންނާ ބައްދަލުކުރައްވަނީ. --ފޮޓޯ: އެމްޑީޕީ

ނަޝީދު ލަންކާގައި ސަޕޯޓަރުންނާ ބައްދަލުކުރައްވަނީ. --ފޮޓޯ: އެމްޑީޕީ

ރިޔާސީ އިންތިހާބުގެ ނާކާމިޔާބީއާ އެކު މަނިކުފާނު ރައްޔިތުންނަށް ޔަގީންކަން ދެއްވީ ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ ދައުރު އެމްޑީޕީން އަދާކޮށްދޭނެ ކަމަށް. އެކަމަކު އެކަމުގައި އެމްޑީޕީ އަށް ނަތީޖާއެއް ނެރެދެވިފައެއް ނުވޭ. މަނިކުފާނު މިކަން ގަބޫލުކުރައްވަންތޯ؟

އަޅުގަނޑުމެންނަށް މިދިޔަ ތިން އަހަރުގެ ތެރޭގައި އެންމެ ބޮޑަށް ފާހަގަވި އެއް ކަމަކީ ވައްކަމާއި ނާޖާއިޒު ފައިދާ ނެގުމާއި މިކަންކަން. މި ވައްކަންތައް ރައްޔިތުންނާ ހަމައަށް ފާހަގަވީ އެމްޑީޕީގެ މަސައްކަތުން. އަޅުގަނޑުމެންގެ ބޭނުމަކީ، މަސްއޫލިއްޔަތަކީ ނުރަނގަޅުކޮށް ހިނގާ ކަންކަން ރައްޔިތުންނަށް ބޮޑަށް ސާފުކޮށްދީފި، ބޮޑަށް ފާހަގަކޮށްދީފި. އަޅުގަނޑު ދެކޭ ގޮތުގައި އެކަންކަން ކުރުމުގައި ޕާޓީ ނާގާބިލްވެފައި ނުކުޅެދިފައެއް ނެތް. ހާއްސަކޮށް ވައްކަން ފާހަގަކޮށް ދިނުމުގައި ވެސް ޕާޓީ ނުކުޅެދިފައެއް ނެތް.

ދެން ހަމައެއާ އެކު، އަޅުގަނޑުމެންނަށް އެނގޭ މިހާރުގެ ސަރުކާރުގެ އިގްތިސާދީ އަދި މާލީ، ސިޔާސަތު ވަރަށް ދޯހަޅިކަން. ހާއްސަކޮށް އިގްތިސާދީ ކަންކަން ބޮޑަށް ސާފުވެވަޑައިނުގަންނަވަނީ ކަމަށް އަޅުގަނޑަށް ބޮޑަށް ލަފާކުރެވެނީ ސަރުކާރުގެ އިސްކޮށް ތިއްބެވި ބޭފުޅުން، އޭގެ ތެރޭގައި ރައީސް ޔާމީނާ އެކުގައި. އެހެންވީމާ އަޅުގަނޑުމެންނަށް ދިމާވި ދަތިތައް އަޅުގަނޑުމެން މިއައީ ސާފުކޮށްދެމުން.

އަޅުގަނޑުމެންގެ ރިޒާވްގައި މިއަދު 50 މިލިއަން ޑޮލަރު ނެތް. އެއީ ގާތްގަނޑަކަށް ހަފުތާއެއްގެ ކާޑަށް ވާވަރު. އެހެންވީމަ ތެލާއި ކާޑަށާއި ބޭހަށް ވާވަރަށް ހަގީގަތުގައި އެބަ ހުންނަން ޖެހޭ ދެ މަސް ދުވަހުގެ ފައިސާ. މި ފައިސާއެއް ހަގީގަތުގައި އަޅުގަނޑުމެންގެ އަތަކުއެއް ނެތް. އެނގިވަޑައިގަންނަވާނެ މުސާރަ ނުދެވިގެން މިއައީ މި މަހު. އަޅުގަނޑަށް އެނގިފައިވާ ގޮތުގައި ފުލުހުންނަށް މުސާރަ ނުދޭ. ބައްލަވާ ފުލުހުންނަށް މުސާރަ ނުދެވިގެން 10،000ރ.ގެ ލޯނެއް ދިނުން އެއީ ކޮންފަދަ ލަދުވެތި ކަމެއްތޯ؟ ހަމަގައިމު ވެސް އަޅުގަނޑު ސަރުކާރުގައި ހުރި ނަމަ ލަދުން މަގުމައްޗަށް ނިކުމެ އުޅެން ނުކުރޭވަރުގެ ކަމެއް.

ނަމަވެސް މިއަދު މިތިބީ މި ހާލަތުގައި. މިކަންކަން އަޅުގަނޑުމެން މި އަންނަނީ ރައްޔިތުންނަށް ސާފުކޮށްދެމުން. ރައްޔިތުންގެ މަޖިލީހުގެ ހިންގުމާއި ގަވާއިދުތަކަށް ގެންނަ ބަދަލުތަކާއި މަޖިލިސްގެ ރައީސް އެ އަމަލުކުރައްވަމުން ގެންދަވާ ގޮތުން މަޖިލިސް މިއޮތީ ގާނޫނު އަސާސީގައި އެ ބަޔާންކުރާ ގޮތަށް ނުހިންގިފައި. އެހެންވީމާ މަޖިލިސް މެދުވެރިކޮށްގެން ސަރުކާރު ޖަވާބުދާރީ ކުރުވަން، ސަރުކާރު މަސްއޫލިއްތު ކޮމެޓީ އަށް ވެސް ފުރުސަތުތަކެއް ނެތް. މީޑިއާ މެދުވެރިކޮށް ސަރުކާރު ޖަވާބުދާރީ ކުރުވަން ވެސް ހުރި ފުރުސަތުތައް އެތައް ތަނަކުން ހަނިވެއްޖެ.

ސީދާ ހަރަކާތާއި މުޒާހަރާ އާއި އެއްވެގެން، ބަސްބުނެގެން، ހިޔާލު ފާޅުކޮށްގެން ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ހުރި ފުރުސަތުތައް ވެސް މިއޮތީ މާ ބޮޑަށް ހަނިވެފައި. އެހެންވީމަ އަޅުގަނޑުމެން އެދޭ މިންވަރަކަށް ސަރުކާރު ޖަވާބުދާރީއެއް ނުކުރެވޭ. ނަމަވެސް މިހާރުގެ ހާލަތަށް ބަލާފައި އަޅުގަނޑުމެންނަށް ކުރެވެން އޮތް އެންމެ ފުޅާ މިނެއްގައި އެކަން ކުރަމުން މިއައީ.

ޖަލު ހުކުމުން މަނިކުފާނު ސަލާމަތްކުރަން، ޕާޓީގެ އުސޫލްތަކުން ބޭރުވެ، ސަރުކާރާ އެކު އެމްޑީޕީން ވަނީ "ޑީލް" ހަދާފައި. އެއީ އާއްމު މެމްބަރުންގެ ވެސް ވަރަށް ބޮޑު ހިތްހަމަނުޖެހުމެއް އޮތް ކަމެއް. މަނިކުފާނު ސަލާމަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވީމަތޯ، ސަރުކާރު ބޭނުންވާ ގޮތަށް އެމްޑީޕީން ދީލައިލީ؟

ނޫން، އަޅުގަނޑު ސަލާމަތްވާކަށެއް ނޫން. އަޅުގަނޑު ސަލާމަތްވާން އެއްވެސް ވާހަކައެއް، އެއްވެސް ބަޔަކާ އަޅުގަނޑުމެން ނުދައްކަން. އެހެން ނަމަވެސް މި ސަރުކާރުގެ ދޯދިޔާކަން ހާމަކޮށްދިނުމަށް އަޅުގަނޑުމެންނަށް ބޭނުންކުރެވެން ހުރި ހުރިހާ ހިކުމަތެއް ބޭނުން ކުރިން.

ސަރުކާރާ އެކު އަޅުގަނޑުމެން އޭރު މަޝްވަރާކުރަމުން ދިޔުމުގެ އެންމެ ބޮޑު ބޭނުމަކަށްވީ ރައީސް ޔާމީނުގެ ހިކުމަތްތެރިކަމެއް ނެތް ކަން ދިވެހިންނަށް ސާބިތުކޮށްދިނުން. އޭގެތެރޭގައި އަޅުގަނޑުމެން އަބަދުވެސް ބުނަމުން އައީ ތަޖުރިބާ ނެތް ބައެއް ބޭފުޅުން، ސާފު ސާދާކޮށް ކަންކަން ކުރުމުގައި ވެސް ނާގާބިލް ކިތަންމެ ބަޔަކު ސަރުކާރުގެ އެކިއެކި މަގާމްތަކަށް ރައީސް ޔާމީން ގެންނަވައިފި.

އެމްޑީޕީގެ ބޭނުމަކަށް ވީ އެކަންކަން ރައްޔިތުންނަށް ހާމަވާނެ ގޮތަކަށް ތި ވިދާޅުވި ވާހަކަތައް ސަރުކާރާ ދައްކަން. ރައީސް ޔާމީން ހީފުޅުކުރެއްވީ ކަންނޭނގެ އަޅުގަނޑުމެން ސަރުކާރާ ވާހަކަ ދައްކަމުން އެދަނީ އަޅުގަނޑު ޖަލުން ނުކުންނަން ކަމަށް. ނޫން، އަޅުގަނޑު ޖަލުން ނުކުންނަން ކުރީ އެހެން ކަމެއް.

މިކަން އަޅުގަނޑުމެން ކުރީ ހާއްސަ ގޮތެއްގައި ރައީސް ޔާމީނާ އެކުގައި އެ މަސައްކަތް ކުރައްވާ ބޭފުޅުންނަކީ ކޮބައިކަމާއި އެ ބޭފުޅުން ކުރައްވަން އެ އުޅުއްވާ ކަންކަމަކީ ކޮބައިކަން ރައްޔިތުންނަށް ސާފުކޮށްދިނުން. އެނގިވަޑައިގަންނަވާނެ އޭގެ ފަހުން ނައިބު ރައީސަކު ވަނީ ހައްޔަރުކޮށްފައި. އޭގެ ފަހުން، އެ ހައްޔަރު ކުރެވުނު ނައިބު ރައީސާއި މިހާރުގެ ރައީސުލް ޖުމްހޫރިއްޔާއާ އެކުގައި ހިންގާފައި ހުރި ޖަރީމާތައް، ވައްކަންތައް ހާމަވެގެން ދިޔައީ ހަމައެކަނި އަޅުގަނޑުމެންގެ މީޑިއާއަކުން ނޫން. މުޅި ދުނިޔެ އަށް އަލްޖަޒީރާ އިން ގެނެސްދިން ޕްރޮގްރާމް ވެސް ރެކޯޑު އަދަދަކަށް މީހުން ބެލި. ސްޓީލިން ޕެރަޑައިސްގެ އެ މައުލޫމާތު އަޅުގަނޑުމެންނަށް ނުލިބުނީސް އެއްކަލަ ވާހަކަތައް ސަރުކާރާ އެކީގައި ނުދެއްކި ނަމަ. ހަމަ ތިޔަ ދެންނެވި މަގުން ސަރުކާރާ އެ ވާހަކަތައް ނުދެއްކި ނަމަ އަދި އެ ވާހަކަތަކުގެ ސަބަބުން ސަރުކާރުގެ މަތީ ފެންވަރަށް އެ ގެނެވުނު ބަދަލު ނުގެނެވުނު ނަމަ އަޅުގަނޑުމެންނަށް ވައްކަންތަކެއް ހާމައެއް ނުކޮށްދެވުނީސް.

އިންތިހާބުގެ ކުރިން އެމްޑީޕީ ހަރުދަނާ ކުރައްވަން ވިސްނުން ގެންގުޅުއްވާ ގޮތަކީ ކޮބައިތޯ؟

އިރާދަކުރެއްވިޔާ އާ ޗެއާޕާސަނެއް އަޅުގަނޑުމެންނަށް ލިބޭނެ. އަދި އެ ޗެއާޕާސަނަކީ މާލޭގައި ހުންނަވައިގެން ޕާޓީ ހިންގުމުގައި އަމަލީ ގޮތުން އުޅުއްވާނެ ވެސް ބޭފުޅެއް. އަޅުގަނޑު ދެކޭ ގޮތުގައި ހަސަން ލަތީފަށް އާ ޗެއާޕާސަންގެ މަގާމަށް ވަޑައިގެންނެވުނީމާ އިރާދަކުރެއްވިއްޔާ ކިތަންމެ ތަނަކުން ޕާޓީ ހިންގުން ހަރުދަނާވެގެން ދާނެ. ހަސަން ލަތީފަކީ އިދާރީ ތަޖުރިބާ ވެސް ވަރަށް ހުރި، ގާނޫނީ ބޭފުޅެއް. ތައުލީމް ލިބިވަޑައިގެން ހުންނެވި ތަންދޮރު ދެނެވަޑައިގަންނަވާ ބޭފުޅެއް.