Roadha Mihaaru
ޕެންޝަނުން ހައްޖަށް ދެވޭ 6000 މީހުން އެބަތިބި

ޕެންޝަން ފައިސާ އިން ހައްޖަށް ދާން ޝަރުތު ހަމަވާ 6،000 މީހުން އެބަ ތިބި

29 މެއި 2019

މިހާރުން މިހާރަށް ޕެންޝަން ފައިސާއިން ހައްޖަށް ދެވޭ 6،000 މީހުން އެބަ ތިބި ކަމަށް ޕެންޝަން އޮފީހުން މިއަދު ބުނެފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މިހާރުން މިހާރަށް ޕެންޝަން ފައިސާއިން ހައްޖަށް ދެވޭ 6،000 މީހުން އެބަ ތިބި ކަމަށް ޕެންޝަން އޮފީހުން މިއަދު ބުނެފި އެވެ.

ޕެންޝަން އޮފީހުން ކަނޑައަޅާފައި ވަނީ ޕެންޝަން ފަންޑު ބޭނުންކޮށްގެން ހައްޖަށް ދެވޭނީ ރިޓަޔަމެންޓް ބެލެންސްއަށް 336،000ރ. ޖަމާވެފައިވާ މީހުނަށް ކަމަށެވެ. މި އަދަދު ހަމަވި ނަމަވެސް ހައްޖަށް އެއް ފަހަރު ގޮސްފައިވާ މީހަކަށް އެ ފައިސާ ބޭނުމެއް ނުކުރެވޭނެ އެވެ.

ފަރުޟު ހައްޖު އަދާކުރަން ޕެންޝަން ފަންޑުން ދެނީ ހަރަދުގެ 50 ޕަސެންޓެވެ.

މިހާރު ފަންޑަށް ޖަމާވެފައިވާ މިންވަރުން ހައްޖަށް ދާން ފައިސާ ލިބޭ ހާލަތުގައި ތިބި މީހުންނަށް އެކަން އެ މީހަކަށް އަމިއްލަ އަށް ބެލޭނެ އިންތިޒާމު ވަރަށް އަވަހަށް ހަމަޖައްސާނެ ކަމަށް ޕެންޝަން އޮފީހުން ބުންޏެވެ. އެކަމަކު އެ ލިސްޓު އާންމު ނުކުރާނެ ކަމަށް އެ އޮފީހުން ބުނެ އެވެ.

ޕެންޝަން ފަންޑުގައި މަދުވެގެން 336،000 ރުފިޔާ ޖަމާވެފައިވާ މީހުންނަށް އެކަނި ހައްޖަށް ދާން ފައިސާ ނެގޭތީ، ބައެއް މީހުން ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ބައެއް މީހުން ބުނާ ގޮތުގައި އެވަރުގެ އަދަދެއް އަވަސް މުއްދަތެއްގައި ހަމަވާނީ ވަރަށް ބޮޑު މުސާރައެއް ލިބޭ ބަޔަކަށެވެ.

ޕެންޝަން ސްކީމްގައި ބައިވެރިވެފައިވާ މީހުންނަށް ހައްޖަށް ދެވޭނެ ގޮތް ހެދުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ 100 ދުވަހުގެ ވައުދުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެގޮތުން ޕެންޝަން ފައިސާ އިން ހައްޖަށް ދެވޭ ގޮތަށް ރައްޔިތުންގެ މަޖިލިހުން ފާސްކުރީ މިދިޔަ ފެބްރުއަރީ މަހުގަ އެވެ.