Roadha Mihaaru
ހައްޖަށް ދެވޭ ވަރަށް ފައިސާ ހުރިތޯ ބެލޭ ގޮތް ހަދައިފި

ހައްޖަށް ދެވޭ ވަރަށް ޕެންޝަން ފައިސާ ހަމަވޭތޯ ބެލޭނެ ގޮތް ހަދައިފި

16 ޖޫން 2019

ހައްޖަށް ދާން ޕެންޝަން ފަންޑުން ފައިސާ ނެގޭ ވަރަށް ފައިސާ ޖަމާވެފައި ހުރިތޯ އަމިއްލައަށް ބެލޭނެ ގޮތް ޕެންޝަން އޮފީހުން ހަމަޖައްސައިދީފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހައްޖަށް ދާން ޕެންޝަން ފަންޑުން ފައިސާ ނެގޭ ވަރަށް ފައިސާ ޖަމާވެފައި ހުރިތޯ އަމިއްލައަށް ބެލޭނެ ގޮތް ޕެންޝަން އޮފީހުން ހަމަޖައްސައިދީފި އެވެ.

އައިޑީ ކާޑު ނަމްބަރާއި އުފަން ތާރީހު ޖެހުމުން، ހައްޖަށް ދެވޭ ވަރަށް އެމީހެއްގެ އެކައުންޓުގައި ފައިސާ ހަމަވޭތޯ ނުވަތަ ނޫންކަން އެނގޭނެ ގޮތް ޕެންޝަން އޮފީހުގެ ވެބްސައިޓްގައި މިހާރު ވަނީ ހިމަނައިފަ އެވެ.

ޕެންޝަން ސްކީމްގެ ބައިވެރިއަކަށް ހައްޖުގެ އަޅުކަން އަދާ ކުރުމަށް ދޫކުރެވޭނީ ހައްޖަށް ގެންދިއުމުގެ ރަސްމީ އަގުގެ ގޮތުގައި ސަރުކާރުން އެ އަހަރަކަށް ކަނޑައަޅާ އަދަދުގެ 50 ޕަސަންޓަށް ވުރެ އިތުރު ނުވާ މިންވަރަށް ކަމަށެވެ. އެކަމަކު އެ ނިސްބަތް 80 ޕަސެންޓަށް ބޮޑުކުރަން ސަރުކާރުން މިހާރު ވަނީ އާ އިސްލާހެއް ހުށަހަޅައިފަ އެވެ.

ޕެންޝަން ފައިސާ އިން ހައްޖަށް ދެވޭ ޝަރުތުތަކުގެ ތެރޭގައި، ހައްޖަށް ދާން ފައިސާ ދޫކުރުމަށް އެދި ހުށަހަޅާ އިރު ރިޓަޔަމަންޓް ސޭވިން އެކައުންޓުގައި 336،000ރ. ހުރުން ހިމެނެ އެވެ. އެއީ ޕެންޝަން ލިބޭ އުމުރަށް ދިއުމުން މަހަކު 2،000ރ. ދިނުމަށް ބޭނުންވާ އެންމެ މަދު މިންވަރެވެ.

މިހާރުން މިހާރަށް ޕެންޝަން ފައިސާއިން ހައްޖަށް ދެވޭ 6000 މީހުން އެބަ ތިބި ކަމަށް ޕެންޝަން އޮފީހުން ބުނެފައި ވެ އެވެ.