Roadha Mihaaru
ހައްޖަށް ދާން ޕެންޝަނުން ނެގޭވަރު ބޮޑުކުރަން ފާސްކޮށްފި

ޕެންޝަން ފަންޑުގެ ފައިސާ އިން ހައްޖަށް ދާން ނެގޭ މިންވަރު ބޮޑުކުރަން މަޖިލިހުން ފާސްކޮށްފި

31 ޖުލައި 2019

ފަރުޟު ހައްޖުވުމަށް ޕެންޝަން ފަންޑުން ފައިސާ ނެގޭ މިންވަރު 80 ޕަސަންޓަށް ބޮޑު ކުރަން ޕެންޝަނާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލިހުން މިއަދު ފާސްކޮށްފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ފަރުޟު ހައްޖުވުމަށް ޕެންޝަން ފަންޑުން ފައިސާ ނެގޭ މިންވަރު 80 ޕަސަންޓަށް ބޮޑު ކުރަން ޕެންޝަނާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލިހުން މިއަދު ފާސްކޮށްފި އެވެ.

ޕެންޝަނާ ބެހޭ ގާނޫނާއި ގަވައިދުގައި މިހާރު އޮންނަ ގޮތުން ޕެންޝަން ސްކީމްގެ ބައިވެރިއަކަށް ހައްޖުގެ އަޅުކަން އަދާ ކުރުމަށް ދޫކުރެވޭނީ ހައްޖަށް ގެންދިއުމުގެ ރަސްމީ އަގުގެ ގޮތުގައި ސަރުކާރުން އެ އަހަރަކަށް ކަނޑައަޅާ އަދަދުގެ 50 ޕަސަންޓަށް ވުރެ އިތުރު ނުވާ މިންވަރަށެވެ. އެގޮތަށް ސަރުކާރުގެ ފަރާތުން ގާނޫނަށް އިސްލާހު ގެނައީ ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގެ ކުރީކޮޅެވެ.

ޕެންޝަން ގާނޫނަށް ފަހުން ހުށަހެޅި އިސްލާހު މަޖިލިހުން މިއަދު ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 70 މެމްބަރުންގެ އިއްތިފާގުންނެވެ.

ސަރުކާރުގެ ފަރާތުން ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު އީސާ ހުށަހެޅުއްވި އިސްލާހުގައި ވަނީ ފަރުޟު ހައްޖުގެ އަޅުކަން އަދާކުރުމަށް ރިޓަޔަމަންޓް ސޭވިން އެކައުންޓުން ދޫކުރެވޭނީ އެ އަހަރަކު ހައްޖަށް ދިއުމަށް ދައްކަން ޖެހޭ ރަސްމީ އަގުގެ ގޮތުގައި ސަރުކާރުން ކަނޑައަޅާ އަދަދަށްވާ ފައިސާގެ 80 ޕަސަންޓު ކަމަށެވެ. މި ބިލަށް އަމަލު ކުރާނީ ތަސްދީގުކޮށް ސަރުކާރުގެ ގެޒެޓްގައި ޝާއިއު ކުރުމުންނެވެ.

މި އަހަރު ހައްޖުގެ އަޅުކަން އަދާކުރުމަށް ދިވެހިންގެ ބަޔަކު ސައުދީގައި. --- ފޮޓޯ: ހައްޖު މިޝަން

މި އަހަރު ހައްޖުގެ އަޅުކަން އަދާކުރުމަށް ދިވެހިންގެ ބަޔަކު ސައުދީގައި. --- ފޮޓޯ: ހައްޖު މިޝަން

މި ބިލް، އިޖުތިމާއީ ކޮމިޓީން ދިރާސާ ކުރި އިރު، އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެ އެވެ. ނަމަވެސް އިޖުތިމާއީ ކޮމިޓީން އެކުލަވާލި ރިޕޯޓުގައި ވަނީ ބައެއް ރިކޮމަންޑޭޝަންތައް ހިމަނައިފަ އެވެ.

އެގޮތުން ޕެންޝަނާ ބެހޭ ގާނޫނުގެ މަގްސަދަކީ ވަޒީފާ އަދާކުރާ ހުރިހާ ދިވެހިންނަށް ރިޓަޔާ ކުރާ އުމުރުގައި ޕެންޝަން ލިބޭނެ ގޮތް މަގުފަހިކޮށް ދިނުމާއި އިޖުތިމާއީ ރައްކާތެރިކަން ކަށަވަރުކޮށް ފުދުންތެރި އަދި މާލީ ގޮތުން ވަކި ފަރާތަކަށް ބަރޯސާ ނުވެ، މިނިވަން ކަމާއެކު ދިރިއުޅުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށްވީ އިރު، އެ މަގްސަދު ނުގެއްލޭ ގޮތަށް އެ ގާނޫނު އޮތުމަކީ މުހިންމު ކަމެއް ކަމަށް ރިކޮމަންޑޭޝަންގައިވެ އެވެ.

އަދި ހައްޖުވުމުގެ އަގު ދެއްކުމަށް ފައިސާ ޖަމާކުރާނެ ޝަރުއީ ހަމަތަކަށް ފެތޭ ވޮލަންޓަރީ ސްކީމެއް ރިޓަޔަމަންޓް ޕެންޝަން ސްކީމްގެ މެމްބަރުންނަށް އަމާޒުކޮށްގެން ހިންގަން ވާނެ ކަމަށް ރިޕޯޓުގައިވެ އެވެ.

އޭގައިވާ ގޮތުން ހައްޖުވުމުގެ އަގުގެ 80 ޕަސަންޓު ދޫކުރުމަށް ޝަރުތު ހަމަވާނީ މަދުވެގެން 420،000ރ. ގެ ބެލެންސް ހުރުމުން ކަމަށް ކަނޑައެޅުމަކީ މުހިންމު ކަމެއް ކަމަށް ވެސް ރިކޮމަންޑޭޝަންގައި ވެ އެވެ. އަދި އެ މިންވަރަށް ސޭވިން އެކައުންޓުގައި ޖަމާވެފައި ހުރީ 3،600 އަށް ވުރެ ގިނަ މީހުންގެ ކަމަށް ރިޕޯޓުގައިވެ އެވެ.

މި އަހަރު ހައްޖުގެ އަޅުކަން އަދާކުރުމަށް ސައުދީ އަށް ދިޔަ ބަޔަކު ބަހަކަށް އަރަނީ. --- ފޮޓޯ: ހައްޖު މިޝަން

މި އަހަރު ހައްޖުގެ އަޅުކަން އަދާކުރުމަށް ސައުދީ އަށް ދިޔަ ބަޔަކު ބަހަކަށް އަރަނީ. --- ފޮޓޯ: ހައްޖު މިޝަން

ޕެންޝަނާ ބެހޭ ގާނޫނުގައިވާ ގޮތުން ޕެންޝަން ސްކީމްގައި ބައިވެރިވެފައި ތިބި މީހުންގެ ތެރެއިން ހައްޖުގެ އަޅުކަން އަދާކުރަން ސޭވިން އެކައުންޓުން ފައިސާ ދޫކުރެވޭނީ އަލަށް ހައްޖަށް ދާ މީހުންނަށް އެކަންޏެވެ. އަދި ޕެންޝަން އޮފީހުން ހެދި ގަވައިދުގައި ޝަރުތުތަކެއް ހިމަނާފައިވެ އެވެ.

ޕެންޝަން ފައިސާ އިން ހައްޖަށް ދެވޭ ޝަރުތުތަކުގެ ތެރޭގައި، ހައްޖަށް ދާން ފައިސާ ދޫކުރުމަށް އެދި ހުށަހަޅާ އިރު ރިޓަޔަމަންޓް ސޭވިން އެކައުންޓުގައި 336،000ރ. ހުރުން ހިމެނެ އެވެ. އެއީ ޕެންޝަން ލިބޭ އުމުރަށް ދިއުމުން މަހަކު 2،000ރ. ދިނުމަށް ބޭނުންވާ އެންމެ މަދު މިންވަރެވެ.

މިހާރުން މިހާރަށް ޕެންޝަން ފައިސާއިން ހައްޖަށް ދެވޭ 6،000 މީހުން އެބަ ތިއްބެވެ.