Roadha Mihaaru
ހަށިގަނޑު ރީތިކުރަން އުޅޭ ފިރިހެނުން ސަމާލުވާންޖެހޭ

ހަށިގަނޑު ވަރުގަދަކުރަން އުޅޭ ފިރިހެނުން ސަމާލުވާންޖެހޭ ކަމެއް

31 މެއި 2019

ފިރިހެނުން ހަށިގަނޑު ވަރުގަދަ ކުރުމަށާއި ތަލަވުން ހުއްޓުވަން ކާ ބޭހުގެ ސަބަބުން ޖިންސީ ގޮތުން ބަލިކަށިވެ، ދަރިން ނުލިބުމުގެ މައްސަލައާ ކުރިމަތިވުމުގެ ބިރު އޮންނަ ކަމަށް ސައިންސްވެރިން ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ފިރިހެނުން ހަށިގަނޑު ވަރުގަދަ ކުރުމަށާއި ތަލަވުން ހުއްޓުވަން ކާ ބޭހުގެ ސަބަބުން ޖިންސީ ގޮތުން ބަލިކަށިވެ، ދަރިން ނުލިބުމުގެ މައްސަލައާ ކުރިމަތިވުމުގެ ބިރު އޮންނަ ކަމަށް ސައިންސްވެރިން ބުނެފި އެވެ.

މިކަން ހޯދި ޓީމުން ބުނާ ގޮތުގައި ފަހަކަށް އައިސް ފިރިހެނުން "ރީތިވާން" ކުރާ ކަންކަމުގެ ތެރޭގައި ހަށިގަނޑު ވަރުގަދަކުރަން އެނަބޮލިކް ސްޓީރޮއިޑްސް ބޭނުން ކުރުމާއި އެންޓި-ބޯލްޑްނެސް ބޭސް ބޭނުންކުރުން ވަނީ ވަރަށް ބޮޑަށް އިތުރުވާން ފަށައިފަ އެވެ.

މިކަމުގެ ސަބަބުން ފިރިހެނުންނަށް ކުރިމަތިލާން ޖެހޭ އެންމެ ބޮޑު އެއް މައްސަލައަކީ ޖިންސީ ގޮތުން ބަލިކަށިވެ ދަރިފަނި ވެސް މަދުވުން ކަމަށް ބުންޏެވެ. އަދި ފިރިހެން ހޯމޯންގެ ބާރު ވެސް ދަށްވާ ކަމަށް ބުނެފައިވެ އެވެ.

މި ދިރާސާކުރި އެމެރިކާގެ ބްރައުން ޔުނިވަސިޓީގެ ޑރ. ޖޭމްސް މޮސްމަން ވިދާޅުވި ގޮތުގައި ފިރިހެނުންގެ ތެރެއިން ބޮޑީ ބިލްޑްކުރާ މީހުންނަކީ ޖިންސީ ބަލިކަށިކަމުގެ ބިރު އެންމެ ބޮޑަށް އޮތް މީހުންނެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ސްޓީރޮއިޑް އެންމެ ގިނައިން ބޭނުންކުރާ ބަޔަކީ ވެސް އެއީ އެވެ.

"ހަށިގަނޑު ވަރުގަދަ ކުރަން [ގިނަ ވަގުތު ޖިމްގައި ވެސް ހޭދަ ކުރުން ހިމެނޭ ގޮތަށް] ނުވަތަ ރީތިވާން ފިރިހެނުން ކުރާ މިފަދަ ކަންކަމުގެ ސަބަބުން ހަގީގަތުގައި ލިބެނީ ފޫބުނެއްދޭ ވަރުގެ ބޮޑު ގެއްލުމެއް،" ޖޭމްސް ވިދާޅުވި އެވެ. "އޭގެ މާނައަކީ ހަށިގަނޑު ވަރުގަދަކޮށް ހުރުމަކީ މީހާ ދުޅަހެޔޮ ސިއްހަތެއްގައި ހުރިކަން ނުވަތަ ފިޓް މީހެއްގެ ގޮތުގައި ދައްކުވައިދޭ ކަމެއް ނޫނޭ. އޭގެ ބަދަލުގައި ރީތިވާން ބޭނުން ކުރެވޭ ބޭހުން މީހާގެ ފިރިހެންވަންތަކަން ގެއްލެނީ."

ހަމަ އެގޮތަށް ތަލަވުން ހުއްޓުވައިދޭ ބޭހުން ވެސް ފިރިހެނުން ބަލިކަށިކޮށްލަ އެވެ. އެގޮތުން ޖިންސީ ގުނަވަނުގައި ބާރު ނުޖެހުމާއި ދަރިފަނި އާލާނުމުގެ މައްސަލަ އެންޓި-ބޯލްޑްނެސް ބޭހުން ކުރިމަތިވާ އެންމެ ބޮޑު އެއް ސައިޑް-އިފެކްޓެކެވެ.